ސަރުކާރުން ޓްރޭޑްމާކް ބިލު ހުށަހެޅީ ދިވެހި ވިޔަފާރިވެރިން ހިމާޔަތް ކުރުމަށް: ޝުޖާއު

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޓްރޭޑްމާކް ބިލަކީ ދިވެހި ވިޔަފާރިވެރިން ހިމާޔަތްކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި ބިލު ހުށަހަޅާފައިވަނީ ރާއްޖޭގައި ފޭކް މުދާ ވިއްކުން އިންތިހާއަށް ގޮސްފައިވާތީ، އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކުން ސަލާމަތްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ.
"ވަގު ވިޔަފާރިތައް ފޭކްމުދާ ވިއްކުން ދިވެހިރާއްޖޭގައި އިންތިހާއަށް ގޮސްފައިވާތީވެ، އެކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކުން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ވިޔަފާރިތައް ޙިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމަށް ދެކެވަޑައިގެން ސަރުކާރުގެ ފަރާތުން، މިނިސްޓަރު މަޖިލީހަށް ފޮނުވި ބިލެއް ކަމުގައި އަޅުގަނޑު ދަންނަވަން" ޝުޖާ ވިދާޅުވިއެވެ.
ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ވިޔަފާރިވެރިން ބުރަ މަސައްކަތުން އުފައްދާ އޮރިޖިނަލް ޕްރޮޑަކްޓްތަކުގެ ފޭކް މުދާ ރާއްޖެ އެތެރެކޮށް ވިއްކުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް. މީގެ ތެރޭގައި އެނަރޖީ ޑްރިންކް، ދުންފަތުގެ އިތުރުން ކުޑަކުދިންގެ ކާނާ ފަދަ ތަކެތި ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިފަދަ ބިލުތައް އަންނައިރުގައި އަޅުގަނޑުމެންގެ ވާދަވެރިން މިކަމުގެ ކަންބޮޑުވުންތައް ހުންނާނެކަން،" މިބިލަށް ދެކޮޅު ހައްދަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ޝުޖާޢު ވިދާޅުވިއެވެ.
"މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެއް ނޫންތޯ އެމް.ޑީ.ޕީން ވިދާޅުވީ، ފަޅުރަށަކާއި ލެޕްޓޮޕަކުން ޤައުމު ހިންގާނަމޭ އިއްޒަތްތެރި ރައީސް. ފަޅުރަށަކާއި ލެޕްޓޮޕަކުން ޤައުމު ހިންގަން އައިސް، ދެން ޤައުމަށް ވެގެންދިޔަ ގޮތް އެމް.ޑީ.ޕީގެ ކޮންމެ ވެރިކަމެއް ނިމޭއިރު އަޅުގަނޑުމެންނަށް ހުރީ ފެންނަން" ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމަށް އިޝާރާތް ކުރައްވާ ޝުޖާޢު ވިދާޅުވިއެވެ.
ރިއެކްޓް



