ޔާމީން ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު: ރައީސް މައުމޫން

2018 ވަނަ އަހަރު ފެބްރުއަރީ މަހު ރައީސް މައުމޫން ހައްޔަރުކުރަން ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާތީކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދައްކަވާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނޫހަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތައް ދޮގުކޮށް، ރައީސް މައުމޫންގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިނުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ، އެމަނިކުފާނުގެ ނަންފުޅު ކިލަނބުކުރުމުގެ ގޮތުން ދައްކަވާފައިވާ ވަރަށް ދަށު ދަރަޖައިގެ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުއްވި ކޯޓު އަމުރަކީ، ރައީސް މައުމޫނާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށް ބަޔާނުގައި ވެއެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ފަރާތަކުން، ކުޑަވެސް ހަގީގަތެއް އެކުލެވިގެންނުވާ މިފަދަ ދޮގު ވާހަކަތައް މުޖުތަމައުގައި ފަތުރަމުން ގެންދިޔުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކެމެވެ،" ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު ރައީސް މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު އެއްވެސް އަމަލެއް އެމަނިކުފާނުގެ ފަރާތްޕުޅުން ދުވަހަކުވެސް ކުރައްވާފައި ނުވާނެކަން ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވާފައިވެއެވެ.
ރިއެކްޓް



