ރަން ރީނދޫގެ ނަމުގައި އެމްޑީޕީން މާލޭގައި ދުވުމެއް ބާއްވަނީ

މައި އިދިކޮޅު ޕާޓީ ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމު ކޮށްގެން ބާއްވާ ދުވުމާއި ހިނގާލުމުގެ ހަރަކާތެއް، މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4 އިން 6 އަށް މާލޭގައި އޮންނާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައިވާ ގޮތުން، މި ހަރަކާތް ފެށޭނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން ގަސްތު ކުރީ މި ހަފުތާގެ ހުކުރު ދުވަހު ހުޅުމާލޭ ގައި ކަމަށާއި، ނަމަވެސް އެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ނުދެއްވީ ކަމަށް ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވިއެވެ.
"އެޗްޑީސީން އެ ތިއްބެވީ އެމްޑީޕީގެ ދުވުމަށް ހުއްދަ ދޭ ގޮތަކަށް ނޫން. ނަމަވެސް މި ހަރަކާތް ފެށުމަށް ފަހު އެމްޑީޕީގެ 20 އަހަރު ރަމްޒުކޮށްދޭ ދަންމަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދާނެ""، ހަސަން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ދެން އިންނެވި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ އެމްޑީޕީ ގެ ގަލޮޅު އުތުރު ދާއިރާ ރައީސް މާރިޔާ ވިދާޅުވީ މި ހަރާކަތަށް ހުއްދަ ނުދެއްވީ ސަރުކާރަށް އާއްމުންގެ ތަރުހީބު ނެތުމުން ކަމަށެވެ.
"އަޅުގަނޑުމެން ދުވެލަން އުޅޭ އުޅުމަކަށް ރައީސް މުއިއްޒު ހުރަސް އަޅުއްވަން ނުޖެހުނީސް ވައުދުތައް ފުއްދަވަމުން ގެންދަވާނަމަ. ހުއްޓުވުމުގެ ހަމައެކަނި ބޭނުމަކީ އެ ބޭފުޅުންނަށް ޕޮޕިއުލާރިޓީ ނެތް ވަރުން ކަންބޮޑުވާތީ"، މާރިޔާ ވިދާޅުވި އެވެ.
ވީމާ، މިނިވަންކަމާއި ޑިމޮކްރަސީ އަށް ލޯބިކުރާ އެންމެހާ ރައްޔިތުން މި މަހުގެ 25 ވަނަ ދުވަހު އޮންނަ "ރަން ރީނދޫ" ހަރަކާތުގައި ބައިވެރިވެ ދެއްވުމަށް އެމްޑީޕީ ގެ ފަރާތުން އެ ޕާޓީގެ ލީގަލް ކޮމިޓީ މެންބަރު އައިކު އަހުމަދު އީސާ އެދިލެއްވި އެވެ.
މި އަހަރު އެމްޑީޕީ އަށް 20 އަހަރު ފުރުނު އިރު، އަހަރީ ދުވަހުގެ ޝިއާރަކީ "އެކުގައި ގަދަކޮށް" އެވެ.
ރިއެކްޓް



