ސިޔާސީ , ޚަބަރު

ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ: އައްބާސް

ޖުލައި 14, 2025 - 13:32
 0
ރާއްޖޭގައި އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ: އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް -- ފޮޓޯ: މަޖިލިސް

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ފަންނުވެރިން އިތުރުކުރަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިއްކާ ގިނަ ތަކެއްޗަކީ ރާއްޖޭގައި އުފައްދާ ތަކެއްޗެއް ނޫނެވެ.

"ސުވެނިއާ ޝޮޕަކަށް ބޭނުންވާ ދިވެހި އުފެއްދުންތެރިކަމުގެ އެއްޗެއް ވެސް މި ގެންނަން މިއަދު މި ޖެހެނީ ތައިލެންޑުން،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވަނީ ކުރީގައި ރާއްޖޭގައި ކުރަމުން އައި އަތްތެރި މަސައްކަތްތަކާއި، ކުނާ ވިޔުމާއި، ބޯވަޅަ ފަދަ ތަކެތި މިހާރު އުފައްދަމުން ނުދާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ސުވެނިއަރ ފިހާރަތަކުގައި ވިއްކާ 95 ޕަސެންޓް މުދަލަކީ އިންޑޮނޭޝިއާ އަދި ތައިލެންޑުން އެތެރެކުރާ ތަކެތިކަމަށް ވިދާޅުވިއެވެ.

މަޖިލީހުގައި ބަހުސްކުރެވެމުންދާ ޓްރޭޑްމާކް ޤާނޫނާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ހަމައެކަނި ޤާނޫނު ފާސްކުރުމުން މައްސަލަ ހައްލެއް ނުވާނެ ކަމަށެވެ.

"ޓްރޭޑް މާކު ބިލެއް ފާސްކުރެވިދާނެ. އެކަމަކު ފަންނުވެރި، ހުނަރުވެރިން އުފައްދައި އެ މީހުންނަށް އެ މީހުންގެ ފަންނުވެރިކަން، ހުނަރުވެރިކަން ދައްކާނެ ރަނގަޅު މާހައުލެއް އޮންނަން ޖެހޭ،" އައްބާސް ވިދާޅުވިއެވެ.

އައްބާސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބ. އަތޮޅު ތުޅާދޫގައި އުފައްދާ ތަކެތި މާކެޓް ކުރެވޭނެ ގޮތްތައް ހޯދައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރެވޭނެ މަގުތައް ތަނަވަސްކޮށްދޭން ޖެހޭކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށް އައްބާސް ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0