އައްބާސް އަކީ އަޚްލާގެއް ނެތް ބުއްދިގޯސް މޮޔައެއް: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އަކީ އެއްވެސް އަޚްލާގެއް ނެތް ބުއްދި ގޯސް މޮޔައެއް ކަމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންތަކެއް އެޕާޓީން ވަކިވާން އުޅޭކަމަށް އައްބާސް ދެއްކެވި ވާހަކަތަކާ ގުޅިގެން ފަލާހު މިފަދައިން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލާހު ވިދާޅުވެފައިވަނީ އައްބާސްގެ ބުއްދި ގޯސްވެފައިވާކަމަށް ބެލެވޭ ކަމަށާއި، ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ބުއްދި ސަލާމަތުންހުރުމުގެ ޝަރުތު އައްބާސްގެ ކިބައިގައި ހުރިކަމާމެދު ޝައްކު އުފެދިފައިވާ ކަމަށެވެ.
މީގެއިތުރުން ފަލާހު ވަނީ އައްބާސް މިފަދަ ވާހަކަތައް ދައްކަވަނީ ކުރީގެ ރައީސް ޔާމީންގެ އޯޑަރަށް ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން "މެންބަރު އައްބާސް އަށް ރައީސް ޔާމީން ދާދިފަހުން އެގެއަށް ގެންގޮސް 3 މިލިއަން ރުފިޔާ ދީފައިވާ" ކަމަށްވެސް ފަލާހު ވަނީ ތުހުމަތުކުރައްވާފައެވެ.
ފަލާހު އިތުރަށް ވިދާޅުވެފައިވަނީ ޕީއެންސީ ޕީޖީ ގްރޫޕް އޮތީ އެކަތިގަނޑެއްގެ ގޮތުގައި ރައީސް މުޢިއްޒުގެ ފަހަތްޕުޅުގައި ވަރަށް ސާބިތުކޮށް ކަމަށާއި، "ކިތަންމެ ނުބައި ޕްލޭންތަކެއް ރާވައި އައްބާސް ފަދަ މޮޔައިން ލައްވައި މިފަދަ މެސެޖު ކުރުވިއަސް އެ މަގުސަދު ކާމިޔާބު ނުވާނެ" ކަމަށެވެ.
އައްބާސް ފޭސްބުކްގައި ކުރެއްވި ޕޯސްޓާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުގެ މެންބަރުން ގެންދަވަނީ އެ މެންބަރުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެ ޕޯސްޓަށް ރައްދު ދެއްވަމުންނެވެ.
ރިއެކްޓް



