ސިޔާސީ , ޚަބަރު

ކަންކަން ހިންގަން ނޭނގޭ ހާލު ވެރިކަމުން ފައިބަން ވެއްޖެ: މެމްބަރު ޒިޔާދު

ޖުލައި 15, 2025 - 11:59
ޖުލައި 15, 2025 - 15:41
 0
ކަންކަން ހިންގަން ނޭނގޭ ހާލު ވެރިކަމުން ފައިބަން ވެއްޖެ: މެމްބަރު ޒިޔާދު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކަ އާއި ބެހޭ ވަޒީރު އާދަމް ނަސީރަށް ކަންކަން ހިންގަން ނޭނގޭ ހާލު، ވެރިކަމުން ފައިބަން ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު އާއި މިނިސްޓަރު އާދަމް ނަސީރު ކުރައްވަނީ ކޮން ކަމެއްތޯ އާއި ރައްޔިތުންނަށްޓަކައި ކުރައްވާ އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި، ރައްޔިތުންގެ ޓެކްސް ފައިސާ ތަޅާބުރުއްސާކަމުގެ ތުހުއްމަތުކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. 

އެގޮތުން ދިވެހިރާއްޖޭގެ "ޓްރޭޑްމާކް" އަކީ ދިވެހި ރުށް ކަމަށާއި މިއަދު ދިވެހި ފަސްގަނޑުގައި އިންދާނީ ދިވެހި ރުށްތޯ ނުވަތަ ކަނދުރު ރުށް ތޯ ބަހުސްކުރެވެމުންދާ ކަމަށެވެ. ދިވެހީންގެ ރާއްޖޭގައި ދިވެހި ރުކަކަށް ޖާގަ އެއް ނެތް ކަމަށާއި ދިވެހީންގެ ބޭންކަށް އިތުބާރު ނެތްކަމަށާއި ދިވެހި ފައިސާގެ އަގެއް ނެތް ކަމަށާއި ދިވެހި މަސްދަޅަށް އޯޑަރެއް ނެތް ކަމަށް ވިދާޅުވިއެވެ. 

މެމްބަރު ޒިޔާދު މިހެން ވިދާޅުވާ އިރު، ފާހަގަކޮށްލަން ޖެހެނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވާއިރު އެތަނުގައި އިންދާފައި ވަނީ ކަނދުރު ރުށްކަމެވެ. އަދި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ނަގަން ފެށި ބައެއް ފީތަކާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، ޑޮލަރުގެ އަގު ވަނީ މިދިޔަ ހަފުތާ ގައި ކަޅު ބާޒާރުގައި 20 ރުފިޔާ އަށް އަރާފައެވެ. އަދި، ދިވެހި މަސްދަޅުގެ ބަދަލުގައި ބޭރުން މަސް ދަޅު އެތެރެ ކުރާކަމުގެ އަޑު ވެސް ވަނީ ގަދަވެފައެވެ. 

"ދިވެހީންގެ ރާއްޖެ" އަކީ ހިނގަމުންދާ ޕީއެންސީ ވެރިކަމުގެ ކެމްޕެއިން ސްލޯގަން އެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0