ޤައުމީ ނިޝާނުގައި ދިވެހި ރުއް، ފަސްގަނޑުގައި ކަދުރު ރުއް؟

ދިވެހި ޤައުމީ ނިޝާނުގައި ހިމެނޭ ދިވެހި ރުކުން ރަމްޒުކޮށްދެނީ ކޯއްޗެއްބާއެވެ؟ އެ ދިވެހި ރުކުގެ ރަމްޒަކީ ދިވެހިރާއްޖޭގެ ދިރިއުޅުމާއި، ދިރިހުރުމާއި، ގުދުރަތީ ރީތިކަމެވެ. އެއީ ދެމިހުރުމާއި، ބޭނުންތެރިކަމާއި، ރަށްވެހި ދިރިއުޅުމުގެ ދެމެހެއްޓުމުގެ ރަމްޒެކެވެ. ރުކަކީ ދިވެހިރާއްޖޭގެ ޤައުމީ ގަހެވެ. ޤައުމީ ގަހުގެ ގޮތުގައި އެ ރުކުން ވަނީ ގަރުނުތަކެއް ވަންދެން ދިވެހިންނަށް ކާނާ، ހިޔާވަހިކަން، އާލާތްތައް އަދި އިޤްތިޞާދީ ވަސީލަތްތައް ފޯރުކޮށްދީފައެވެ. އެއީ މި ޤައުމުގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ އެންމެ ވަރުގަދަ އެއް ދިރުމެވެ. "ވިޒިޓް މޯލްޑިވްސް، ދަ ސަނީ ސައިޑް އޮފް ލައިފް" އޭ ބުނެ ބޭރު ދުނިޔެއަށް އަހަރުމެން އިސްތިހާރުކުރާ ލޯގޯ ގައިވެސް ހިމެނެނީ ހަމަ އެ ދިވެހި ރުކެވެ. ދިވެހި ރުކެއް ފެނުމުން، އެހެން ޤައުމުތަކުގެ މީހުންނަށް ވެސް "މޯލްޑިވްސް"، ދިވެހިރާއްޖެ މަތިން ހަނދާންވެއެވެ.
ނަމަވެސް މިއަދު، ރާއްޖޭގެ ރަށްރަށުގައި އިންދަމުން މިދަނީ ކަދުރު ރުކެވެ. ދިވެހިރާއްޖެއަށް މިނިވަން 60 ފުރޭ ދުވަހަށް ހުޅުވަން ތައްޔާރުކޮށްފައިވާ ޤައުމީ ވައިގެ ބަދަރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ވެސް އިންދާފައިވަނީ ކަދުރު ރުކެވެ. ސައުދީ އަރަބިއްޔާ ފަދަ ޤައުމުތަކުގެ ޤައުމީ ނިޝާނުގައި ކަދުރު ރުށް ހިމެނެނީ އެ ޤައުމުތަކަކީ ކަދުރު ރުކުގެ ހަގީގީ ވެއްޓަށް ވާތީއެވެ. ތާރީހީ ގޮތުންނާއި ސަގާފީގޮތުން ދިވެހީން ދިވެހި ރުކާއި ލާމެހިފައިވާ މިންވަރަށް، ކަދުރު ރުކާއި އެމީހުންނާއި ގުޅިފައި ވާތީއެވެ. ވީމާ، އަހަރުމެން އަހަރުމެންގެ އަސްލު ދޫކޮށް، އެހެން ޤައުމުތަކުގެ ނިޝާން ގެންނަން މިއުޅެނީ ކީއްވެގެންބާއެވެ؟ އަމުދުން އިގްތިސާދީ ގޮތުން މިހާ ނާޒުކު ފައްތަރެއްގައި ދިވެހި ޤައުމު އޮތްހިނދު، އަމިއްލަވަންތަ ގަސްތައް ދޫކޮށް، ބޭރުން އެތެރެކުރާ ގަސްތައް މި ގެންނަނީ ކީއްވެގެންބާއެވެ؟
އެއާޕޯޓުގެ އާ ޓާމިނަލް އެކަންޏެއް ނޫނެވެ. ސަރުކާރުގެ ގެޒެޓަށް ބަލާލި ކަމުގައިވީނަމަވެސް، އެކި އެކި ރަށްރަށުގެ ކައުންސިލް ތަކުންވެސް ވަނީ "ކަދުރު ރުއް ސަޕްލައި ކޮށްދޭނެ ފަރާތެއް" ހޯދުމުގެ ނަމުގައި އާއްމު އިއުލާންކޮށްފައެވެ. މާލޭގެ މިސްކިތްތައް ފެހިކުރުމުގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގައި ދާދި ފަހުން ކަދުރު ރުއް އިންދާފައެވެ. އެކަމަށް މިހާރުގެ ކައުންސިލަށް ފާޑުކިޔުން އަމާޒުވުމުން އެއީ ކުރީގެ ކައުންސިލުން އިމްޕޯޓުކޮށް، ނާސަރީގައި ބަހައްޓާފައި ހުރި ރުއްތައް ކަމަށް ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެއްވެސް ވަރަކަށް އާ ކަދުރު ރުއް މި ފަހުން އެތެރެކޮށްފައިނުވާ ކަމަށާއި ނާސަރީގައި 200 ވަަރަކަށް ކަދުރު ރުއް މިހާރުވެސް އެބަހުރި ކަމެއް އޭނާ ވިދާޅުވި އެވެ.
އައްޑޫ ސިޓީ އަށް ބަލާލިކަމުގައި ވީނަމަވެސް އައްޑޫ ލިންކް ރޯޑްގެ ކަނޑު ފަރާތު ޕޭވްމަންޓް ހަލާކުކޮށްލާފައިވަނީ މަންޒަރާ ނުގުޅޭ ކަދުރު ރުއް އިންދުމަށްޓަކައި ކަމަށް، ސޯޝަލް މީޑިޔާ ގައި އައްޑޫ ރައްޔިތުން ތުހުމަތު ކޮށްފައިވެއެވެ. އާންމުންގެ ނުރުހުން އޮތްވާ، އެތަނުގައި ހުރި ދިވެހި ރުއްތައް ކަނޑާލާފައިވަނީ މޭޔަރު ނިޒާރާއި އޭނާގެ ޓީމުން ކަމަށާއި ހިތަދޫގެ ތަނަވަސް މަގުތަކުގައި ހިޔާދޭ ގަސްތައް ބޭނުންވާއިރު، އަވިން ސަލާމަތްވާން އެއްވެސް އެހީއެއް ނުވާ ކަދުރު ރުއް އިންދާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެ އެތައް ހާސް އަހަރެއް ކުރިންވެސް ބޭރު މީހުން ރާއްޖެ ސިފަކޮށްފައިވަނީ "ކޮކަނަޓް ޕާމް އައިލެންޑްސް" ގެ ގޮތުގައެވެ. އަވައްޓެރި އެހެން ޤައުމުތަކުގައި ރުއް ހުއްޓެއް ކަމަކު، ރުކަކީ އެމީހުންވެސް ޤަބޫލުކުރާ ގޮތުގައި ރާއްޖެއަށް ހާއްސަ އެއްޗެކެވެ. އިހަކަށް ދުވަހު މާލެ، އައްޑޫ އަދި ފުވައްމުލަކަށް ޒިޔާރާތްކުރި މަޝްހޫރު ފުޑް ބްލޮގަރ މާރކް ވެއިންސްގެ ވީޑިޔޯތަކުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި ދިވެހީންގެ ކެއުމާއި ބުއިމާއި ރަށްރަށުގެ ރީތިކަމަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރާ މައި އެކައްޗަކީ ދިވެހި ރުކެވެ. ވީމާ، ދިވެހި ރުކުގެ ބަދަލުގައި ދިވެހި ފަސްގަނޑުގައި ކަދުރު ރުއް އިންދަމުން ދާތީ ދިވެހި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ކަންބޮޑުވުންތަކަށް ބަލަލަމާތޯއެވެ.
"ކަދުރު ރުކުގެ ވާހަކަ ދައްކަނީ ހަމަ އަސްލަށް ވެސް ސަގާފަތަށް ލޮޅުން އަރާތީ. ބަޔަކު މިއުޅެނީކީ ބަޔަކާ "ދީނީ" އަރައިރުމެއް ވާކަށް ނޫން. ޕާކުތަކާ ތަންތަނުގައި ކަދުރު ރުއް އިންދަންވީ. އެކަމަކު މާލޭގެ މޫނުމަތީގައްޔާއި، ދިވެހިރާއްޖެއަށް މީހުން ވަންނަ މައިދޮރާށީގެ ދޮރުމަތީގައްޔާއި، ރާއްޖެތެރޭގެ ރަށްރަށުގެ މަލަމަތީގައި ދިވެހިވަންތަކަން ގެއްލޭ ގޮތަށް، ދުބާއީ ނުވަތަ ސަހަރާތައް އޮންނަ އަރަބިކަރައިގެ ގައުމުތަކުގެ މަލަމަތިން އާއްމުކޮށް ފެންނަ ދިވެހިރާއްޖޭގެ މާހައުލާ ބީރައްޓެހި ކަދުރު ރުއްތައް ޖަހާތީ މައްސަލައަކީ."
"ޤައުމެއް ޤައުމެއް ގޮތުގައި ދެމި އޮންނަނީ އަމިއްލަ ވަންތަކަމާއި ސަގާފަތާއި، އާދަ ކާދައާއި ބަހާއި، ދީނާއި އެގައުމެއް ފަހުރުވެރިވާ ރުއްގަސްތައް ހިމަނައިގެންކަން ކަށަަވަރު. ދުނިޔެ އަށް އަންނަ ތަރައްގީގެ އޮއިވަރުގައި އަމިއްލަ ވަންތަކަން ގެއްލުވާ ލުމަކީ ޤައުމަށް ހިޔާނާތްތެރިވުމެއް..."
"ގަލްފުގެ ގައުމުތަކުން ބަލަނީ ދިވެހި ރާއްޖެއަށް ވެވޭތޯއެވެ. ދިވެހި ރާއްޖޭން ބަލަނީ ގަލްފުގެ ގައުމަކަށް ވެވޭތޯއެވެ. ދިވެހިންގެ އެއާޕޯޓްގައި ދިވެހި ރުއް މާ ރީތިވާނެއެވެ."
"މަވެސް ހަމަ ހައިރާންއެބަވޭ، މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ ނަމޫނާއެއް ކަމަށް ބަލައިގެން އުޅޭއިރު އަހަރުމެން އެމީހުންގެ ބިމުގައި ހެދޭ ކަދުރު ރުއް ބޮޑު އަގުދީގެން ގަނެގެން އައިސް، އެމީހުން ކޮޕީ ކުރަން އުޅޭތީވެ."
ހަމަ ޔަގީނުންވެސް ދިވެހި ރުކަކީ ހަމައެކަނި ގަހެއް ނޫނެވެ. އެއީ ދިވެހިންގެ ދިރިއުޅުމާއި، ސަގާފަތާއި އަދި ދިވެހިކަން ދައްކުވައިދޭ އަގުހުރި ނިޝާނެކެވެ. އެއާޕޯޓު ފަދަ ތަންތަނުގައި ދިވެހި ރުކުގެ ބަދަލުގައި ކަދުރު ރުއް އިންދުމަކީ ދިވެހިރާއްޖެއަށް ހާއްސަވެފައިވާ އަމިއްލަވަންތަކަން ނުވަތަ "އައިޑެންޓިޓީ" ގެއްލިގެން ދިއުމެވެ. ފަތުރުވެރިން ވެސް މިތަނަށް އަންނަނީ އަހަރުމެންގެ ހަގީގީ ރަށްވެހި ދިރިއުޅުން ދެކިލާ ތަޖުރިބާ ކުރުމަށެވެ. ހަމަ ޔަގީނުން ވެސް، އާންމު ތަންތަނުގައި ދިވެހި ރުއް ބެހެއްޓުމަކީ އަހަރުމެންގެ މާޒީއަށް ކުރާ އިހުތިރާމާއި ލޯތްބާއި، އަހަރުމެންގެ ނަސްލާމެދު އުފާކުރާކަން ދައްކުވައިދޭނެ މުހިއްމު ކަމެކެވެ.
ދިވެހި ޤައުމީ ނިޝާނުގައި ވަނީ ދިވެހި ރުކެވެ. ދިވެހި ފަސްގަނޑަށް ވެސް ބޭނުން ވަނީ، ހަމަ އެ ދިވެހި ރުކެވެ.
ރިއެކްޓް



