ކޮލަމް

2014 ވަނަ އަހަރު ކަނޑުއަޑީގައި ނިޔާވި ޖަމީލުގެ ހަށިގަނޑު ނެގުމަށް ބޭރުގެ ތަޖުރިބާކާރުން ނުގެނައީ ކީއްވެ؟

20 މޭ 2026 - 13:50
 1
2014 ވަނަ އަހަރު ކަނޑުއަޑީގައި ނިޔާވި ޖަމީލުގެ ހަށިގަނޑު ނެގުމަށް ބޭރުގެ ތަޖުރިބާކާރުން ނުގެނައީ ކީއްވެ؟

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު އަޑީގެ ހޮހަޅައަށް ފީނަނިކޮށް އެ ހޮހަޅައިގައި ތާށިވީ އިޓަލީގެ ޑައިވަރުންގެ ހަށިގަނޑު ނެގުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ ދެކެވުމުން ހަނދާނަށް އަންނަނީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑައިވިނަށް ގޮސްގެން އުޅުނު ކ. މާފުށީ އައްސޭރިގޭ މުހައްމަދު ޖަމީލް، (41އ) ގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގުމަށް އޭރު ކުރި މަސައްކަތެވެ.

ޖަމީލުގެ ހަށިގަނޑު ނެގުމަށް ކުރެވުނު މަސައްކަތް

ޖަމީލުގެ ހަށިގަނޑު އެމްއެންޑީއެފްގެ ޑައިވަރުންނަށް ފެނިފައިވަނީ ޖަމީލު ގެއްލުނުތާ 5 ވަނައަށްްވީ ދުވަހު ވިލިމާލެ ކައިރިން [ޖަމީލު ޑައިވްކުރި ސަރަހައްދުން] 328 ފޫޓު [100 މީޓަރު] އަޑިންނެވެ. އަދި ޖަމީލުގެ ހަށިގަނޑު ފެނުމުގެ ކުރިން އޭގެ 2 ދުވަސް ކުރިން ޖަމީލު ގެންގުޅުނު ދާގަނޑު ހަމަ އެސަރަހައްދުގެ 77 މީޓަރު އަޑިން ވަނީ ފެނިފައެވެ.

ޖަމީލުގެ ހަށިގަނޑު ހޯދުމަށް އެމްއެންޑީއެފުގެ ޑައިވަރުން ބުރަ މަސައްކަތްތަކެއް ކުރިއެވެ. ބޭރުގެ ތަޖުރިބާކާރުން އަދި 'ވޭލް ސަބްމެރިން" ގެ ޓެކްނިކަލް ޓީމުގެ ލަފަޔާއި އިރުޝާދުވެސް ހޯދިއެވެ. ނަމަވެސް ޖަމީލުގެ ހަށިގަނޑު އެ ފުންމިނުން ނެގުމަކީ ކުރެވެން އޮތް ކަމެއް ނޫންކަމަށް އެމްއެންޑީއެފުން އޭރު ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ކީކޭ؟

އެމްއެންޑީއެފްގެ އޭރުގެ ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް ރާއްްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ ޖަމީލުގެ ހަށިގަނޑު ކަނޑު އަޑިން ނެގުމަށްޓަކައި ރާއްޖޭގައި ތިބި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންނާއި ރާއްޖޭގެ ފުންނާބު އުސް ޑައިވަރުންނާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދެ ދުވަހު މަސައްކަތް ކުރި އިރުވެސް އެ ސަރަހައްދުގެ މާހައުލު ހުރިގޮތުން އެ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

މީގެ ސަބަބުތަކާއި ބެހޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މުހައްމަދު އިބްރާހީމް ވިދާޅުވީ "ވޭލް ސަބްމެރިންގައި ހުރި އާލާތްތައް ބޭނުންކޮށްގެން އެސަރަޙައްދަށް ދެވޭތޯ ކޯސްޓްގާޑާއި ވޭލް ސަބްމެރިންގެ ޓެކްނިކަލް ޓީމުން މަޝްވަރާތައް ކުރިން. އެކަމަކު އެ ސަރަޙައްދުގައި ހުރީ އެލިފައި ހުންނަ ގާތަކެއް ކަމުން ފުދޭ ވަރެއްގެ ބޮޑު ހައިޑްރޯލިކް އާރމެއް މިމަސައްކަތަށް ބޭނުންވޭ. މީގެ އިތުރުން އެފުންމިނުގައި ސަބްމެރިން ބޭއްވުމަށްޓަކާ އޮއިވަރު ވަރަށް މަޑުވާން ޖެހޭ. މި ދެ މާހައުލު އެތަނުން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއެކު ސަބްމެރީން ބޭނުންކޮށްގެންވެސް އެންމެ ރައްކާތެރިކަމާއެކު އެމަސައްކަތް ކުރާނެ މަގެއް ނުފެނޭ އަދިވެސް" މިފަދައިންނެވެ.

ދެހާދިސާގައި ހުރި އެއްގޮތް ކަންކަން

އަލިމަތާ ކައިރީ ހޮހަޅައިގައި ތާށިވެފައި ތިބި އިޓަލީ މީހުންގެ ހަށިގަނޑު ނެގުމަށް 60 މީޓަރު އަޑިއަށް ދާން ޖެހެއެވެ. ހޮހަޅައިގެ އެންމެ އެތެރެ ސެގްމެންޓަށް ވަންނަން ޖެހެއެވެ. މިއީ ބުނަން ފަސޭހަ ޖުމްލައަކަސް ކަމުގެ ނުރައްކާތެރިކަމަކީ މިހެން ލިޔެލާ ދެތިން ޖުމްލައަކުން ސިފަކޮށްދެވޭ ވަރަށްްވުރެ ބިރުވެރިކަމެކެވެ. ޖަމީލުގެ ހަށިގަނޑު ފެނުނީ 100 މީޓަރުންނެވެ. ކަނޑު އަޑީގެ އޮއި ގަދަވެފައި ކައިރިކައިރީގައި އެލިފައި ހުރި ގާތަކާއި މުރަކަތައް ހުރުމަކީ ހޮހަޅައަކަށް ވަންނަން ނުޖެހުނަސް ރެސްކިއު ޑައިވަރުންނަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކެކެވެ. ދެ ހާދިސާގައިވެސް ބޭރުގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދިއެވެ. ނަމަވެސް ޖަމީލުގެ ހަށިގަނޑު ނެގުމަށް ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގެނައުމަށް ދިވެހި ސަރުކާރުން އެއްވެސް ފަރާތެއްގެ ކިބައިން އެދުނުކަމެއް ރިކޯޑުތަކުން ފެންނާކަށް ނެތެވެ.

ޖަމީލުގެ ހަށިގަނޑު ނެގުމަށް ކުރަންޖެހޭވަރަށް މަސައްކަތް ކުރެވުނުތަ؟

މިއީ މިއަދު އިޓަލީ 5 ޑައިވަރުންގެ ހަށިގަނޑު ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން ހަރަކާތްތެރިވެގެން ނެގުމުން އުފެދޭ ސުވާލެކެވެ. ސުވާލަކީ އޭގެ ޒާތުގައި މުހިއްމު ސުވާލެކެވެ. ދިވެހި ދަރިއެއްގެ ހަށިގަނޑު ކަނޑުގެ އަޑީގައި މިޔަރުގެ ކާނާއަކަށް ވާން ދޫކޮށްލީ ހަމަ އެހެން އެއްވެސް ގޮތެއް ނެތިގެންބާވައެވެ. ބޭރުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމެއް ގެނައުމުގެ ކުޅަދާނަކަން ސަރުކާރުގައި ނެތީތޯއެވެ؟ ޖަމީލަކީ "ދޮންމީހަކަށް" ނުވީމާ މުހިއްްމުކަން ކުޑަވީ ހެއްޔެވެ؟ ދިވެހި ދަރީންނަށް ދިވެހި ދައުލަތުން ދޭ އަހައްމިއްޔަތުކަން ކުޑައީ ހެއްޔެވެ؟

މިއަދު އިޓަލީ ސަރުކާރުން އެގައުމުގެ ޑައިވަރުން ނިޔާވި މައްސަލައަށް ބަހައްޓަމުންދާ އަހައްމިއްޔަތުކަމަކީ ދިވެހިން ގާތުން ބަލަންޖެހޭނެ ކަމެކެވެ. އިޓަލީ ޑައިވަރުން ނިޔާވި މައްސަލަ އެގައުމުން ތަހުގީގު ކުރަން ފަށާފައިވާއިރު ދެން އުފެދޭ ސުވާލަކީ އެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމަށް ޑައިވްކުރި ދިވެހި ޑައިވަރު ނިޔާވުމުން އެމައްސަލަ ދިވެހި އިދާރާތަކުން ނުބަލަނީ ކީއްވެ ހެއްޔެވެ؟ ހަމައެކަނި ރަސްމީ އިއްޒަތުގައި ފަސްދާނުލުމަކުން ފުއްދާލައިގެން ކަމަކުނުދާނެއެވެ. ކަން ހިނގައިދިޔަ ގޮތް ޑައިވަރުގެ އާއިލާއަށާއި ދިވެހި ރައްޔިތުންނަށް ސާފުކޮށް ކިޔައިދިނުމަކީ އިދާރާތަކުގެ މައްޗަށް އޮތް "ރެކިނުގަނެވޭނެ" ޒިންމާއެކެވެ. ދިވެހި ދަރީން ދިވެހީންނަށް މުހިއްމު ނުވި ވަރަކަށް އެހެން ބަޔަކަށް މުހިއްމެއް ނުވާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 1