ފެކްޓް ޗެކް: ރާއްޖެއަށް ލިބުނީ ޕޭޕަލް ހިދުމަތުގެ ބައިކުޅަބައި!
ރާއްޖޭގެ އެންމެ ކާމިޔާބު އެއް އީ ވޮލެޓް، އުރީދޫ ފިންޓެކްގެ އެމް-ފައިސާ ޕްލެޓްފޯމާ ޕޭޕަލް ގުޅާލުމުން، ދިވެހިންނަށް މިހާރު ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި ޑިޖިޓަލް ވިޔަފާރީގައި ރާއްޖެ އެހެން ގައުމުތަކާއި "އެއްހަމަ" ވީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިއެވެ. އެއާއެކު ސަރުކާރުން ރިޔާސީ ބޮޑު ވައުދެއް ފުއްދިއްޖެ ކަން އިއުލާނުކޮށް އުފާފާޅުކުރަން ފެށިއެވެ.
ސަރުކާރުގެ އިސްވެރިންނާއި އުރީދޫއިން މި ކުރިއެރުން ސިފަކޮށްފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިވެރިންނަށް ދުނިޔޭގެ ބާޒާރުތަކަށް ވަނުމަށް ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގައެވެ. ނަމަވެސް މި ގުޅުމުން ރައްޔިތުންނަށް ލިބޭ ހިދުމަތަށް ބަލާއިރު، ސަރުކާރުން އެ ކިޔާ ލަވަޔަކާއި މީގެ ރާގެއް، ޅެމެއް ކީއްކުރަން ބަހުރުވަ ވެސް ދިމަލެއް ނުވެއެވެ.
ވީ ކޮން ވައުދެއް؟
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވައުދުވީ ރާއްޖެ އަށް ޕޭޕަލް ގެނެސް ކޮންޓެންޓް ކްރިއޭޓަރުންނާއި، އާޓިސްޓުންނާއި ވިޔަފާރިވެރިން ދުނިޔޭގެ މާލީ ނިޒާމާއި ގުޅާލާށެވެ. ހަމަ އެގޮތަށް އުރީދޫއާއި ޕޭޕަލް ގުޅިގެން މަސައްކަތް ކުރަން ފެށިކަން ފުރަތަމަ އިއުލާނު ކުރިއިރު، އާންމުކުރި ބަޔާންތަކުން ދޭހަވީ ޕޭޕަލްއާއި އެމް-ފައިސާ ވޮލެޓް ގުޅާލުމުން ދިވެހި ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންނާ ހަމައަށް ވާސިލުވެވި، ދުނިޔޭގެ އީ-ކޮމާސްގައި އަމަލީގޮތުން ބައިވެރިވެވޭނެ ކަމަށެވެ.
މީގެ ކުރިން ދިވެހިންނަށް ބޭންކު ކާޑު މެދުވެރިކޮށް ޕޭޕަލް އަށް ފައިސާ އަޅައި ފައިސާ ފޮނުވުނު ނަމަވެސް، ފައިސާ ބަލައިގަތުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބެނީ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.
"ރާއްޖެ ލިބުނު ޕޭޕަލް" އިން ކުރެވެނީ ކީއް؟
އުރީދޫއިން އާންމު ކޮށްފަ ހުރި މައުލޫމާތާއި، ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ މާހިރުންގެ ވާހަކަތަކާއި، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށް ބަލާއިރު، މިއީ އާންމުކޮށް ޕޭޕަލްގެ ހިދުމަތް ގައުމުތަކަށް ދޫކުރާ ގޮތަށް ދޫކުރި ދޫކުރުމެއް ނޫނެވެ. މިހާރު މި ހިދުމަތް މެދުވެރިކޮށް ކުރެވޭހާވެސް ކަމަކީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޭޕަލް އެކައުންޓު އެމް-ފައިސާ ވޮލެޓާ ގުޅާލައި، ޕޭޕަލްއަށް ލިބޭ ފައިސާ އެމް-ފައިސާއަށް ބަދަލުކުރުމެވެ.
މިއީ ކުރިން އޮތް ހާލަތަށް ބަލާއިރު ލިބުނު ބޮޑު ކުރިއެރުމެއް ނަމަވެސް، ޕޭޕަލްގެ ފުޅާ ހިދުމަތްތަކުގެ ތެރެއިން ރާއްޖެއަށް ކޮން ފަންކްޝަންތަކެއް (ހިދުމަތްތަކެއް) ލިބެން ހުރިތޯ ސުވާލު އުފެދެއެވެ. މިކަމަށް އަމާޒުވާ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިތަކުން ބޭނުންކުރާ ޕޭޕަލްގެ 'މާޗަންޓް ސާވިސަސް' (ވިޔަފާރި ހިދުމަތްތައް) މި ފުރުސަތުގެ ދަށުން ނުލިބުމެވެ.
- ޕޭޕަލް ބިޒްނަސް އެކައުންޓް
- މާޗަންޓް ޕޭމަންޓް ގޭޓްވޭ
- ޕޭމަންޓް ލިންކްސް
- ވެބްސައިޓް ޗެކްއައުޓް އިންޓަގްރޭޝަން
- ސަބްސްކްރިޕްޝަން ބިލިންގް
- އެޑްވާންސްޑް އިންވޮއިސިންގް ސިސްޓަމްސް
މި ހިދުމަތްތަކާ ނުލައި، ރާއްޖެއަށް ޕޭޕަލް ލިބިއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގިނަ އޮންލައިން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތަކުގެ ތެރެއަށް ޕޭޕަލް ބޭނުމެއް ނުކުރެވޭނެއެވެ. މި ތަފާތު ދެނެގަތުން މުހިންމީ، ގުޅާލެވިފައިވާ ވޮލެޓެއް މެދުވެރިކޮށް ފައިސާ ބަލައިގަތުމާއި، ދުނިޔޭގެ އީ-ކޮމާސްގައި ބޭނުންކުރާ ޕޭޕަލްގެ ފުރިހަމަ ވިޔަފާރި ވަސީލަތްތައް ލިބުމަކީ މުޅިން ތަފާތު ދެ ކަމަކަށް ވާތީއެވެ.
ފީތަކާއި ފައިސާ ނެގުމާ މެދު އުފެދޭ ސުވާލުތައް!
މި ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ އަނެއް ކަމަކީ، މި ހިދުމަތް ބޭނުންކުރުމަށް ހިނގާނެ ޖުމްލަ ހަރަދާ (ފީތަކާ) ބެހޭ މައުލޫމާތު އާންމުކޮށް ލިބެން ނެތުމެވެ. ޕޭޕަލް މެދުވެރިކޮށް ލިބޭ ފައިސާއިން މިހާރުވެސް ޓްރާންސެކްޝަން ފީ ނަގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ފައިސާ ނެގުމާއި، ފައިސާ ބަދަލުކުރުމާއި އަދި ޓްރާންސްފާ ކުރުމަށް އިތުރަށް ނަގާ ފީތަކުގެ ސަބަބުން، ބޭނުންކުރާ މީހާއަށް އެންމެ ފަހުން ލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ.
ޕޭޕަލް އިން އެމް-ފައިސާއަށް، އަދި އެއަށްފަހު ރާއްޖޭގެ ބޭންކް އެކައުންޓްތަކަށް ފައިސާ ބަދަލުކުރުމުގައި ބޭނުންކުރާ މީހުން އުފުލަންޖެހޭނެ މުޅި ހަރަދުގެ ތަފްސީލެއް ސަރުކާރުން ނުވަތަ އޫރިދޫއިން ވެސް އަދި އާންމުކޮށްފައެއް ނުވެއެވެ. ކުޑަ ފައިދާއަކަށް މަސައްކަތްކުރާ ފްރީލާންސަރުންނާއި ޑިޖިޓަލް މަސައްކަތްތެރިންނަށް، މިކަހަލަ ފީތަކާއެކު މި ހިދުމަތަކީ ހަގީގަތުގައިވެސް ބޭނުންތެރި އެއްޗެއްތޯ ނުވަތަ ހަމައެކަނި ނަމެއްގައި އޮތް ކަމެއްތޯ ކަނޑައަޅާނެ މުހިންމު ކަމެކެވެ.
މިއީ ޕޭޕަލްގެ ފުރިހަމަ އިންޓަގްރޭޝަން ހެއްޔެވެ؟
ޓެކްނޮލޮޖީ ދާއިރާގެ ގިނަ މާހިރުން ބުނާ ގޮތުގައި މިހާރު އޮތް ގޮތުން މިއީ ޕޭޕަލް ގެނައުމެެއް ނޫނެވެ. މި ހިދުމަތް ފެށުމުގެ ކުރިންވެސް ސޯޝަލް މީޑިއާގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ސްޓްރެޓެޖީއަކީ ޕޭޕަލް ސީދާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ގެނައުމުގެ ބަދަލުގައި، އޫރިދޫގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށް "އިންޓަމީޑިއަރީ" ނުވަތަ މެދުވެރިއެއްގެ މޮޑެލްއެއް އުފެއްދުމެވެ.
މި މޮޑެލްގެ ސަބަބުން ރެގިއުލޭޓަރީ އަދި ކޮމްޕްލަޔަންސްގެ ބައެއް ގޮންޖެހުންތަކަށް ހައްލެއް ލިބުނު ނަމަވެސް، މިއީ ޕޭޕަލް އިން މިނިވަންކަމާއެކު ފުރިހަމަ މާޗަންޓް ސަޕޯޓާއެކު ރާއްޖޭގައި ހަރަކާތްތެރިވުމާ އެއްފަދަ ކަމެއް ނޫނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން، އޮންލައިން ފިހާރަތަކާއި، ސޮފްޓްވެއާ ހިދުމަތްތަކާއި، ޑިޖިޓަލް ސަބްސްކްރިޕްޝަންތައް ނުވަތަ ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ސީދާ ޕޭޕަލް އިންޓަގްރޭޝަނަށް ބަރޯސާވާ ގިނަ ވިޔަފާރިތަކަށް، ބޮޑެތި މާކެޓްތަކުގައި ވިޔަފާރިތަކުން ބޭނުންކުރާ ފަދައިން މި ޕްލެޓްފޯމް ބޭނުން ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.
ކުރިއަށް އެޅުނު ފިޔަވަޅެއް؟
ދިވެހިންނަށް ބައިނަލްއަގުވާމީ ޕޭޕަލް ޕޭމަންޓްތައް ބަލައިގަނެވުމަކީ ކުރިއެރުމެއްކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް، ޓެކްނޮލޮޖީ ދާއިރާގެ ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކުން ބޮޑު ކަންބޮޑުވުމެއް ހާމަވެއެވެ. ބައި ކުޅަ ބައި ލިބުނަސް ރާއްޖެއަށް މިހާރު ޕޭޕަލްގެ ފުރިހަމަ ހިދުމަތް ލިބޭކަމުގެ ތަސައްވުރެއް ސަރުކާރުގެ އުފައްދާތީއެވެ. އޭގެ ނަތީޖާއަކަށް ވާނީ އިތު ބޮޅެއް މި ހިދުމަތައް އިތުރުކުރުމަތް ރައްޔިތުންނަށް އޮތް މުހިންމުކަން ނެތިދިޔުމެވެ.
މި ހިދުމަތް ފެށުމަކީ ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓްތަކާ ދިމާލަށް އެޅުނު ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް، ޕޭޕަލްގެ ވައުދު ފުރިހަމައަށް ފުއްދައިދެވިއްޖެ ކަމަށް ބުނާ ސިޔާސީ ވާހަކަތަކަކީ އަދިވެސް ބަހުސް ކުރެވޭ ކަމެކެވެ. ފްރީލާންސަރުންނާއި ވިޔަފާރިވެރިންނަށް ބޭނުންވަނީ ހިދުމަތް ފެށުމުގެ ރަސްމިއްޔާތެއް ނުވަތަ ސަރުކާރުގެ އިޢުލާންތަކެއް ނޫނެވެ. އެއީ، އެއްވެސް ހުރަހެއް ނެތި ވިޔަފާރި ހިންގުމަށާއި، ފަސޭހަކަމާއެކު ފައިސާ ހޯދުމަށާއި، ހަލުވިކަމާއެކު ފައިސާ ނެގުމަށާއި، އަދި ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ވާދަކުރުމަށް ޕޭޕަލް ހަގީގަތުގައިވެސް ބޭނުންކުރެވުމެވެ.
މި ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން، "ރާއްޖެއަށް ޕޭޕަލް އަތުވެއްޖެ" ކަމަށް ބުނާ ބުނުމުގައި އިތުރު ޝަރުތުތަކެއް ހުރިކަން ގަބޫލުކުރަންޖެހެއެވެ.






ރިއެކްޓް