އަނގަބަންދުކުރުމުގެ އަމުރު ނެރޭނެ ޤާނޫނީ އުސޫލެއް ރާއްޖޭގައި ހެދިފައެއް ނެތް
ޝަރީޢަތް ހިނގަމުންދާ މައްސަލަތަކާ ގުޅިގެން ޢާންމުންނާއި މީޑިއާގައި ވާހަކަ ދެއްކުން ހުއްޓުވުމަށް ނެރޭ "އަނގަބަންދުކުރުމުގެ އަމުރު"، ނުވަތަ "ގޭގް އޯޑަރު" މިއީ މިދުވަސްކޮޅުގެ އެންމެ ހޫނުކޮށް ބަހުސްކުރެވެމުންދާ މަޢުޟޫއެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއަކުން ނެރުނު ޑޮކިއުމެންޓަރީއަކާއި ގުޅިގެން ހިނގަމުންދާ ކަންކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު މި އަމުރާއި ގުޅޭގޮތުން ޤާނޫނީ ޢިލްމު ހާސިލުކޮށްގެން ތިއްބެވި ފަރާތްތަކާއި ވާހަކަ ދައްކާލީމެވެ. އަދި މައުޟޫއާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދާލުމަށް ރާއްޖޭގައި ބޭނުންކުރާ ގާނޫނީ އެކި ފަތްފުށްތައްވެސް ހާވާލީމެވެ.
ބެލުނު ބެލުންތަކާއި ހޯދުނު ހޯދުންތަކަށްފަހު ސާފުވީ ކަމަކީ "އަނގަބަންދު ކުރުމުގެ އަމުރު" މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި ސަރީހަކޮށް ބަޔާންކޮށްފައި އޮތް ކަމެއް ނޫންކަމާއި މިފަދަ އަމުރުތައް ނެރެނީ ފަނޑިޔާރުންނަށް ލިބިފައިވާ "ފުޅާކަން ބޮޑު" ބާރުގެ ތެރެއިން ކަމެވެ.
އަނގަބަންދުކުރުމުގެ އަމުރަކީ ކޮބާ؟
އަނގަބަންދުކުރުމުގެ އަމުރު، ނުވަތަ ގޭގް އޯޑަރަކީ ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގެ ޙައްޤުވެރި ޚަޞްމުންނަށާއި ވަކީލުންނަށާއި އެ ނޫން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކަށް، އެ މައްސަލައާ ގުޅޭ މަޢުލޫމާތު ޢާންމުކޮށް ނުވަތަ މީޑިއާ މެދުވެރިކޮށް ހިއްސާ ނުކުރުމަށް ކޯޓުން ނެރޭ ރަސްމީ އެންގުމެކެވެ. މި އުސޫލުގެ މައިގަނޑު ބޭނުމަކީ، ޝަރީޢަތް ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޢާންމުންގެ މެދުގައި ނުވަތަ ޖޫރީ ޕެނަލެއްގެ މެދުގައި ޚިޔާލު އެއް ފަރާތަކަށް ބުރަވެ، ޢަދުލުވެރި ޝަރީޢަތެއް ހިންގުމަށް ހުރަސް އެޅިދާނެ ފަދަ ޙާލަތްތައް ކުރިމާތިވުން ހުއްޓުވުމެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ބަލާއިރު، އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި އަނގަބަންދުކުރުމުގެ އަމުރުގެ ބޭނުން ފުޅާ ދާއިރާއެއްގައި ކުރެވެއެވެ. ވަކިން ޚާއްޞަކޮށް، ޢާންމުންގެ ސަމާލުކަން ބޮޑު ޖިނާއީ މައްސަލަތަކުގައި، ދެ ފަރާތުގެ ވަކީލުންނަށާއި ތަޙުޤީޤީ އިދާރާތަކަށް މައްސަލައާ ގުޅޭ ތަފްޞީލުތައް ޢާންމު ނުކުރުމަށް ކޯޓުތަކުން އެންގުންތައް ނެރެއެވެ. ނަމަވެސް، މި އެންގުންތައް ނެރެނީ ވަރަށް ސީދާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޙައްޤާ ދެމެދު ހުރި ހަމަތައް ބެލުމަށް ފަހުގައެވެ. އެމެރިކާގެ ފެޑެރަލް ކޯޓުތަކުގައި، ފުރަތަމަ އެމެންޑްމަންޓުގެ ދަށުން ލިބިދޭ ޙައްޤުތަކާ ފުށު ނާރާ ގޮތެއްގެ މަތިން ގޭގް އޯޑަރު ނެރެވެނީ ހަމައެކަނި "ސީރިއަސް އެންޑް އިމިނެންޓް ތްރެޓް" އެއް ޢަދުލު އިންޞާފަށް ކުރިމަތިވާ ޙާލަތްތަކުގައެވެ.
ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި އަނގަބަންދުކުރުމުގެ އަމުރަށް ދީފައިވާ ޖާގަ
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުކޮށްދީފައިވެއެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ޚިޔާލު ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ ޙައްޤު ލިބިގެންވެއެވެ. ނަމަވެސް، ޝަރީޢަތެއް ހިނގަމުންދާ މައްސަލައެއްގައި، ޝަރީޢަތުގެ ތެދުވެރިކަމާއި ހެކިންގެ ރައްކާތެރިކަމާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތައް ޙިމާޔަތްކުރުމަކީ ވެސް ޢަދުލު އިންޞާފުގެ ނިޒާމުގެ މުހިންމު އަސާސެއް ކަމުގައި ޤާނޫނީ ފަންނުވެރިން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ކޯޓުތަކުން ބައެއް ޙާލަތްތަކުގައި ޝަރީޢަތުގެ އަޑުއެހުންތައް ސިއްރުކޮށް، ނުވަތަ މައްސަލައިގެ ވަކި މަޢުލޫމާތުތައް ޢާންމު ނުކުރުމަށް އެންގިފައި އެބަ ހުއްޓެވެ. ނަމަވެސް، ރަސްމީ ގޮތެއްގައި ވަކީލުންނާއި ޚަޞްމުންނާއި ތިންވަނަ ފަރާތްތައް ޝާމިލުވާ ގޮތަށް ފުޅާ ދާއިރާއެއްގައި އަނގަބަންދުކުރުމުގެ އަމުރެއް ނެރުމުގެ ޤާނޫނީ ބާރު ސީދާ ގޮތެއްގައި ކޯޓުތަކަށް ލިބިދޭ މާއްދާއެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ހިމެނިފައެއް ނުވެއެވެ.
ރާއްޖޭގައި މިފަދަ އަމުރެއް ފުރަތަމަ ނެރެފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ 2021 ވަނަ އަހަރުއެވެ. އެއީ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު އަމީން މައްސަލައިގައި 30 ސެޕްޓެންބަރު 2021 ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުންނެވެ. އެ އަމުރު ނެރެފައިވަނީ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް، މައްސަލަ ރައްދުވާ މުހައްމަދު އަމީނަށް ރައްދުވާގޮތަށް "ޓެރަރިސްޓް" މި އިބާރާތް މީޑިއާތަކާއި ސޯޝަލްމީޑިއާގައި ބޭނުންކުރުން ހުއްޓުވުމެވެ.
މި އަމުރުގެ ފަހުން ރާއްޖޭގެ އެކި ކޯޓުތަކުން މިފަދަ އަމުރުތައް ނެރެމުންދެއެވެ.
ގާނޫނީ މާހިރުންގެ ރައުޔުތައް
އަނގަ ބަންދުކުރުމުގެ އަމުރާއި ގުޅޭގޮތުން 2024 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ "އުންސުރު" މަޖައްލާގައި ލިޔެފައިވާ ލިޔުމެއްގެ އިބާރާތްކޮޅެއް މިތަނުގައި ހިއްސާކޮށްލާނަމެވެ.
"މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވެއެވެ.
މި ފަހަކަށް އައިސް ބައެއް ކޯޓުތަކުން ގެންދަނީ ޖިނާއީ މައްސަލަތަކުގައި ދަޢުވާލިބޭ މީހުންނަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ޙައްޤާ ފުށޫއަރާގޮތަށް ޚިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުންނެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫނެވެ." -- ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އާމިނަތު ޝާމާ ނަޞީރު - 30 ޖޫން 2024
މި ލިޔުމުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއާތުގެ ޤާނޫނު (ޤާނޫނު ނަންބަރު 12/2016) އަދި ހެއްކާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 11/2022) ގައި ވެސް "އަނގަބަންދުކުރުމުގެ އަމުރެއް" ނެރުމާ ގުޅޭ ސީދާ މާއްދާއެއް ހިމެނިފައެއް ނުވެއެވެ. އެހެންކަމުން، ކޯޓުތަކުން އަމިއްލަ އިސްނެގުމެއްގެ ގޮތުން މިފަދަ އެންގުންތައް ނެރެވިދާނެތޯ ވެސް ޤާނޫނީ ގޮތުން ސީދާ ޖަވާބެއް ލިބެން ނެތް ކަމަށް ބުނެފައިވެއެވެ.
ޤާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، އަނގަބަންދުކުރުމުގެ އަމުރެއް ނެރުމުގެ އުސޫލެއް ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ހިމެނުމަކީ ވީހާވެސް އަވަހަށް ކުރަންޖެހޭ ކަމެކެވެ. އެގޮތުން، މިފަދަ އުސޫލެއް ގެނައުމުގައި ޤާނޫނުއަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް މާއްދާތައް ޑްރާފްޓް ކުރުން ކޮންމެހެން ލާޒިމު ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އެހެން ނަމަވެސް، ބައެއް ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ އުސޫލެއް ނެތުމުގެ ސަބަބުން ޝަރީޢަތް ހިނގަމުންދާ ބައެއް މައްސަލަތަކުގައި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަން ލިބެމުންދާ ޙާލަތްތައް ދިމާވެފައި އެބަ ހުއްޓެވެ. ވަކިން ޚާއްޞަކޮށް، ސޯޝަލް މީޑިއާގެ ޒަރީޢާއިން މައްސަލައިގެ ތަފްޞީލުތައް ފެތުރުމާއި، ހެކިވެރިންނަށް ނުފޫޒު ފޯރާ ފަދަ ވާހަކަތައް ދެއްކުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ޖުމްލަކޮށް ބުނާނަމަ ޤާނޫނު އަސާސީން ދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްޤާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤުގެ އިތުރުން ޝަރީޢަތުގެ ތެދުވެރިކަމާއި ހެކިންގެ ރައްކާތެރިކަމާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތައް އެކުއެކީ ހިމާޔަތް ކުރެވޭނެ އޮނިގަނޑެއް ރާއްޖެއަށް މިވަގުތަށް ނުހަނު ބޭނުންތެރިއެވެ.
ކުރިމަގުގައި ކަން ކުރެވިދާން ގޮތާމެދު ޚިޔާލެއް
މި މައްސަލައަށް ޙައްލެއް ހޯދުމުގައި ދެ މަގެއް އޮތް ކަމަށް ޤާނޫނީ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ. ފުރަތަމަ ގޮތަކީ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖިނާއީ އިޖުރާއާތުގެ ޤާނޫނަށް ނުވަތަ ވަކި ޤާނޫނެއްގެ ގޮތުގައި އިޞްލާޙެއް ގެނެސް، އަނގަބަންދު ކުރުމުގެ އަމުރެއް ނެރެވޭނެ ޝަރުޠުތަކާއި ޙާލަތްތައް ކަނޑައެޅުމެވެ. ދެވަނަ ގޮތަކީ، ޖުޑީޝަރީގެ ފަރާތުން ނެރޭ ޕްރެކްޓިސް ގައިޑްލައިނެއްގައި ކޯޓުތަކުން ޢަމަލުކުރާނެ އެއް އުސޫލެއް ޤާއިމުކުރުމެވެ.
ކޮންމެ ގޮތަކަށް ބެލި ނަމަވެސް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޙައްޤާއި ޚިޔާލު ފާޅުކުރުމުގެ ޙައްޤާ ދެމެދު ރަނގަޅު ހަމައެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޕީޖީ އޮފީހުގެ ވާހަކައިން ދޭހަވެއެވެ. މި މައްސަލައިގައި ޤާނޫނު ހަދާ މަޖިލީހުން ނުވަތަ ޖުޑީޝަރީން ފިޔަވަޅެއް އަޅާނެތޯ މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ޖަވާބު ލިބެން ޖެހޭ މުހިންމު ސުވާލެކެވެ.






ރިއެކްޓް