ކޮލަމް: ރިޓަޔާޑު ޖެނެރަލުންގެ ރާއްޖޭގައި ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތެއް ނެތް!
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަކުންނެވެ. އެ އަގުލަބިއްޔަތުގައި ޒުވާނުންގެ ހިއްސާ ބޮޑެވެ. ތަކުރާރުވަމުންދިޔަ ސިޔާސީ ގޯސްތައް އާ ސަރުކާރުން ނުހަދާނެކަމަށް އެއް ބަޔަކު ގަބޫލުކުރިއެވެ. ޒުވާނުންނަށް ފުރުސަތުތައް ފަހި، ކިޔަވައިގެން ނުކުންނަ ޒުވާނުން ހިންގުމުގެ އިސްމަގާމުތަކަށް އާދެވޭނެ މެރިޓް އުސޫލަކަށް ރާއްޖެ ބަދަލުވާނެކަމަށް އުންމީދުކުރިއެވެ. ނަމަވެސް، ފެނިގެން ދިޔައީ ވެރިކަން ދެމެހެއްޓުމާއި ސިޔާސީ ތާއީދު ހޯދުމުގެ މައްޗަށް ސަރުކާރުގެ މުޅި ހިންގުން އިންތިޒާމުވެގެން އައި ތަނެވެ.
ސަރުކާރެއް ހިންގުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ އިސްމަގާމުތަކަށް އައްޔަނުކުރެވިގެން ދިޔައީ ސިޔާސީ ގޮތުން ގާތް މީހުންނެވެ. ތައުލީމީ ފާހާއި މެރިޓަށް ބެލުމެއް ނެތެވެ. ކޮންމެ އަހަރަކު ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ފާސް ނަގައިގެން އަންނަ ކުދިން ވަޒީފާއަކަށް އެދި ދާން ޖެހުނީ ޕާޓީ ހަރުގެއަށެވެ. ޕާޓީ ހަރުގޭން ފާހެއް ކަމަށް ބަލަނީ ވެރިކަން ކުރާ ޕާޓީ އިދިކޮޅުގައި އޮވެ ކުރި މުޒާހަރާތަކުގައި ބައިވެރިވެފައިވާ މިންވަރެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭނުގައި އުޅެދީފައިވާ މިންވަރެވެ. ނުވަތަ ސަރުކާރުގެ ބާރުގަދަ މީހެއް، އެމްޕީއެއްގެ ރިކުއެސްޓަކަށް ވުމެވެ. ރަށުން ގިނަ ވޯޓް ލިބޭނެ އާއިލާއަކަށް ވުމެވެ. މި ސަގާފަތް ބަދަލުވާން ޖެހެއެވެ.
ކުންފުނިތަކުގެ އިސް ހިންގުމަށް ގެނެވުނީ ސިފައިންގެއާއި ފުލުހުންގެ ތެރޭގައި ކުރިން މަސައްކަތްކޮށްފައިވާ އިސް ފަރާތްތަކެވެ. ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވީ ރިޓަޔާޑު ޖެނެރަލުންނެވެ. މިލިޓަރީ ފަރާތްތަކެވެ. ސަރުކާރަކީ މަދަނީ އެއްޗެކެވެ. ސަރުކާރެއްގެ ހިންގުމުގެ ތެރެއަށް މިލިޓަރީ ފަރާތްތައް ވަނުމަކީ، ރައްޔިތުންގެ ތާއީދުން ވެރިކަން ދެމެހެއްޓުމަށް ވުރެ، މިލިޓަރީ ރުހުމުގެ މައްޗަށް ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ.
ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ސިފައަކީ ހިނގަމުންދަނީ މަދަނީ ވެރިކަމެއް ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވުމެވެ. ރައްޔިތުންގެ ފަރާތުން ބާރު ލިބިގެން، ރައްޔިތުންނަށްޓަކައި ހިންގާ، ރައްޔިތުން ބޭނުންވުމުން ބަދަލުކުރެވޭ ވެރިކަމެއް އޮތުމެވެ. އަސްކަރީ ބާރާއި ފުލުހުންގެ ބާރުވެރިކަން ސަރުކާރުގެ ހިންގުމުގެތެރެއަސް ވައްދާ ނަމަ ވެރިކަމެއްގެ މަދަނީ ސިފަ ކުޑަވެގެންދެއެވެ. ސިފައިންނާއި ފުލުހުންނަކީ ގައުމެއްގެ ސަލާމާތާއި އަމާންކަން ބެލެހެއްޓުމުގައި އިސްދައުރު އަދާކުރާ ފަރާތެވެ.
ވެރިކަން ހިންގުމުގެތެރެއަށް ސިފައިންނާއި ފުލުހުން ވަންނަ ނަމަ ރާއްޖޭގެ ޑިމޮކްރަސީ ދާ މިސްރާބާ މެދު އަލުން ވިސްނަން ޖެހެއެވެ. ވުޒާރާތަކުގެ ހިންގުމުގެ އިސްމަގާމުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް އަދާކުރާނެ ތައުލީމީ އާ ޖީލެއް މިއަދު އެބަ އޮތެވެ. ފަހިކޮށް ނުދެވެނީ އެ ފުރުސަތެވެ.






ރިއެކްޓް