ކޮލަމް

އެޑިޓޯރިއަލްް: ރައީސް މުޢިއްޒާއި "ގަޓަރ ޕްރެސް" ގެ ހަޤީޤަތް

2 ޖޫން 2026 - 07:59
އެޑިޓޯރިއަލްް: ރައީސް މުޢިއްޒާއި "ގަޓަރ ޕްރެސް" ގެ ހަޤީޤަތް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް "ގަޓަރ ޕްރެސް" ގެ ނަމުން މުޚާޠަބުކުރެއްވިއެވެ. މިއީ ރާއްޖޭގެ ނޫސްވެރިންނަށް އައު ކަމެއް ނޫނެވެ. އަދި ރާއްޖޭގެ ނޫސްވެރިން މީގެ ސަބަބުން ހައިރާނެއްވެސް ނުވާނެއެވެ. ރައީސް މުޢިއްްޒު ވެރިކަމާ ހަވާލުވީއްސުރެ އެމަނިކުފާނުގެ ސަރުކާރުން ދަނީ މިފަދަ ބަސްތައް ތަކުރާރުކޮށް ބޭނުންކުރަމުންނެވެ.

މިއީ ކީއްވެ އަދި ކިހިނެތް ވެގެން ހިނގާ ކަމެއްްކަން ކިޔުންތެރިން ބަލަން ބޭނުންވާނެތީ އެޑިޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ސުވާލަށް ޖަވާބު އަރުވާނަމެވެ.

އެންމެ ކުރު ޖަވާބަކީ މިއެވެ: "ސަރުކާރުން ފޮރުވަން ބޭނުންވާ ވާހަކަތައް ނޫސްވެރިން ހާމަކުރަމުން ގެންދިއުމެވެ. ސިޔާސީ ލީޑަރުން ސިއްރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ހަބަރުތަކުގެ ސުރުހީތަކަށް އެރުވުމެވެ. ސަރުކާރުން ރައްޔިތުންގެ މާލިއްޔަތަށް ޚިޔާނާތްތެރިވާ ވާހަކަ ރައްޔިތުންނަށް ހާމަކޮށް ކިޔައިދިނުމަށް މަސައްކަތް ކުރުމެވެ.

ސަރުކާރުން ހިތްހަމަނުޖެހޭ ޙަޤީޤަތްތައް ރިޕޯޓުކުރުމުން، ސުވާލުތަކަށް ޖަވާބުދިނުމުގެ ބަދަލުގައި ސަރުކާރުން ހަމަލާދެނީ ނޫސްވެރިންގެ ޝަޚްޞިއްޔަތަށެވެ. "ގޮސިޕް ކުރާ މީހުން" ކަމަށް އަދި "ނޫސްވެރިންގެ ފާސް އަޅައިގެން ތިބި ސިޔާސީ އެކްޓިވިސްޓުން" ކަމަށް ސިފަކުރެއެވެ. އަދި ޚިޔާލީ ވާހަކަތައް ހަބަރުގެ ގޮތުގައި ގެނެސްދޭ ކަމަށް ބުނެ "ދޮގުވެރިން" ގެ ޓެގު އަޅުވައެވެ.

އެންމެ ފުރަތަމަ ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިއީ ދިވެހިރާއްޖެއަށް ޚާއްޞަ ކަމެއް ނޫންކަމެވެ. ޖަވާބުދާރީވުމަށް ނުރުހޭ ވެރިން ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައިވެސް ބޭނުންކުރާ ޒަމާންވީ އުކުޅެކެވެ. އެމެރިކާގައި ޑޮނަލްޑް ޓްރަމްޕް "ފޭކް ނިއުސް" ގެ ލޭބަލް ބޭނުންކުރެއްވީ ހަމަ މި މަޤުޞަދުގައެވެ. ފިލިޕީންސްގެ ކުރީގެ ރައީސް ރޮޑްރީގޯ އާއި ހަންގެރީގެ ކުރީގެ ބޮޑުވަޒީރާއި ސައުދީ ޕްރިންސް ހިމެނޭހެން އެކި ގައުމުތަކުގެ ލީޑަރުން ކުރީ ހަމަ އެއް ކަމެކެވެ. ފާޑުކިޔުންތަކަށް ޖަވާބުދާރީވުމުގެ ބަދަލުގައި ފާޑުކިޔާ ފަރާތް ބަދުނާމުކުރުމެވެ. ދިވެހިރާއްޖޭގައިވެސް މިކަންކަން ހިނގާފައި އެބަހުއްޓެވެ. ކުރީގެ ރައީސް ރައީސް ޔާމީންގެ ދައުރުގައި މީޑިއާއަށް ކުރިމަތިވީ ހަމަ މި ބިރުދެއްކުންތަކެވެ. އޭގެ ފަހުން އައި ރައީސް ސޯލިހުގެ ދައުރުގައިވެސ ހަމަ މިކަންކަން ތަކުރާރުވިއެވެ. މިއަދު ތަފާތުވީ ލޭބަލެވެ. އުކުޅު ހަމަ އެއް އުކުޅެކެވެ.

ސުވާލަކީ "ގަޓަރ ޕްރެސް" ގެ ލޭބަލް ލިބުމަށް ނޫސްވެރިން ކުރީ ކޮންކޮން ކަމެއް ހެއްޔެވެ؟

ޖަވާބު އެންމެނަށްވެސް ވަނީ ސާފުކޮށް ފެނިގެން ގޮސްފައެވެ. ސަރުކާރުގެ ކޮންޓްރޯލް ދެމެހެއްޓުމަށް މަޖިލިސް މެންބަރުންނަށް ފައިސާ ބެހިކަމުގެ ތުހުމަތުތައް ތިލަކުރުމެވެ. ސަރުކާރު ހިންގާ ޕާޓީގެ އިސް އޮފިޝަލުންނާ ގުޅޭ ޒާތީ އަދި މާލީ ޖަރީމާތަކުގެ ތުހުމަތުތައް ފެންމަތި ކުރިއެވެ. ހައްދެއްނެތް ގޮތެއްގައި ސިޔާސީ މަގާމުތައް އުފައްދައި މީހުން އައްޔަންކުރަމުންދާކަމުގެ ހެއްކާއެކު ލިޔެ ޝާއިއު ކުރުމެވެ. ރައީސްއޮފީސް އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ތެރޭގައި ހިންގާ ނޭއްގާނީ އެތައް ކަމެއް އާއްމުންނަށް ކިޔައިދިނުމަށް މަސައްކަތްކުރުމެވެ. ސަރުކާރުން ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަން ބައިނަލްއަގުވާމީ ދުނިޔެއަށް ހާމަކޮށްދިނެވެ.

މިސާލަކަށް، ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ވާހަކަ ތަފުޞީލުކޮށް ބަލައިލަމާ ހިނގާށެވެ. 2025 ވަނަ އަހަރުގެ ކުރީކޮޅު "އެންޓި-ޑިފެކްޝަން" ގާނޫނުއަސާސީގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެ ނިންމުން މުރާޖަޢާކުރަން ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން، ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރިއެވެ.

އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު އިސްތިޢުފާ ދެއްވަމުން ސީދާ ތުހުމަތުކުރެއްވީ ރައީސް މުޢިއްޒު އަދި ބަންޑާރަ ނައިބު ފަނޑިޔާރުންނަށް ބިރުދައްކާފައިވާ ކަމަށެވެ. ދެން ފެނުނީ ރައްޔިތުންގެ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކޮށް، ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކުން ފަހަކަށް ތިރިކުރި މަންޒަރެވެ. ހިއުމަން ރައިޓްސް ވޮޗް އަދި ބައިނަލްއަގުވާމީ އެތައްް އިދާރާއަކުން މިކަމާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. މި ހުރިހާ ވާހަކައެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނީ ރާއްޖޭގެ ނޫސްތަކުންނެވެ. ޝުކުރުގެ ބަހެއް ލިބުނު ހެއްޔެވެ؟ ނޫނެކެވެ. ލިބުނީ "ގަޓަރ ޕްރެސް" ލޭބަލެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ އެއް "ގޮސިޕް" އަކީ ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުންހުރި މީޑިއާތަކަށް ސިއްރުން ފައިސާ ދޭކަމުގެ ރިޕޯޓުތަކެވެ. ނަމަވެސް ސަރުކާރުން ވަނީ މި ވާހަކަތައްވެސް ތިލަވުމާއެކު އެއީ "ހަދަހަދައިގެން ދައްކާ ޚިޔާލީ ދޮގު ވާހަކައެއް" ކަމަށް ބުނެ އެވާހަކަ އޮއްބާލަން މަސައްކަތް ކޮށްފައެވެ.

ގަލަން ގަނެލުމުގެ އިތުރަށް ބިރުދެއްކުމުގެ އުކުޅުތައްވެސް ނޫސްވެރިންނަށް މިއަދު މިވަނީ ފެނިފައެވެ. މިދިޔަ އަހަރު ފާސްކުރި މީޑިއާ ކޮންޓްރޯލް ޤާނޫނުން ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކަށް މީޑިއާތައް ޖޫރިމަނާކުރުމާއި ހުއްޓުވުމުގެ ބާރު ދިނުމަކީ ސަރުކާރު ޒިންމާދާރުކުރުވާ ނޫސްވެރިންގެ އަޑުތައް ކަނޑުވާލުމުގެ ޤާނޫނީ ހަތިޔާރެއް އުފަންވުން ފަދަ ކަމެކެވެ. އަދި މި ލިސްޓަށް އެންމެ ފަހުން އިތުރުވެގެން ދިޔައީ ދެ ނޫސްވެރިއަކަށް ކުރެވުނު ޖަލުހުކުމެވެ.

ނޫސްވެރިން ބަދުނާމުކުރުމުގެ ޙަޤީޤީ ނުރައްކާ ވަރަށްވެސް ބޮޑެވެ. ނޫސްވެރިންނަށް ބިރުދެއްކުމުން ނުކުންނަ ފުރަތަމަ ނަތީޖާއަކީ ނޫސްވެރިން ހަގީގަތް ހާމަކުރަން ފަސްޖެހުމެވެ. ސިޔާސީ ފަރާތްތަކުން ސިއްރުކޮށްގެން އުޅޭ ވާހަކައެއް ލިޔާއިރު ނޫސްވެރިޔާ ދެ ފަހަރު ވިސްނާނެއެވެ. "މި ލިޔުން ޝާއިޢުކޮށްފިއްޔާ ކޯޓު މައްސަލައެއް ކުރިމަތިވެދާނެ ހެއްޔެވެ؟ އޮފީހަށް ރެއިޑެއް އައިސްދާނެ ހެއްޔެވެ؟ ވެރިކަންކުރާ ޕާޓީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ނޫސްވެރިޔާގެ ޒާތީ ދިރިއުޅުން ފުނޑާލަފާނެ ހެއްޔެވެ؟" މި ބިރުވެރި ހާލަތުގެ ސަބަބުން ރައްޔިތުންނަށް ގެއްލެނީ މަޢުލޫމާތު ލިބުމުގެ ޙައްޤެވެ.

އެއް ކަމެއް ސާފުކޮށް ބުނެލަން ބޭނުމެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެރިކަމުގެ ފަރާތުން ދޭ ހަދިޔާއެއް ނޫނެވެ. އެއީ ރައްޔިތުންގެ ޙައްޤެކެވެ. ކޮންމެ ސަރުކާރެއް އޮތަސް، ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް، މީޑިއާގެ ޒިންމާއަކީ ބާރު ލިބިފައިވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމެވެ. ތެދެކެވެ. ނޫސްވެރިކަން ފުރިހަމައެއް ނޫނެވެ. ގޯސް ހެދެއެވެ. އެހެނަސް ގޯސް ހެދުމާއި "ގަޓަރ ޕްރެސް" ކަމަށް ސިފަކުރުމަކީ މުޅީން ދެ ކަމެކެވެ. ގޯހެއް ހެދިއްޖެ ނަމަ އެކަން ރަނގަޅުކުރެވެއެވެ. ނަމަވެސް މުޅި ނޫސްވެރިކަން ބަދުނާމުކުރުމުގެ ބޭނުމަކީ ޖަވާބުދާރީވުމުން ރެކިގަތުމެވެ.

ލޮބުވެތި ކިޔުންތެރިންނެވެ. ދެން ފަހަރަކު ސަރުކާރުގެ ފަރާތުން "ގަޓަރ ޕްރެސް" ބުނާ އަޑު އިވިއްޖެ ނަމަ، އެންމެ ސުވާލެއް ކޮށްލައްވާށެވެ. ކޮން ވާހަކައެއް ފޮރުވަން ހެއްޔެވެ؟ އެ ލޭބަލްގެ ފަހަތް ބައްލަވާށެވެ. ކޮންމެ ފަހަރަކުވެސް ފެންނާނީ ސަރުކާރުން ހިތްހަމަނުޖެހޭ ޙަޤީޤަތެއް ހާމަވި ވާހަކައެވެ.

ދިވެހިރާއްޖެ މި ވަނީ ޑިމޮކްރަސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އަލުން ފަހަތަށް ޖެހުމުގެ ބޭނުމެއް ނެތެވެ. ނޫސްވެރިކަމަށް ފުރައްސާރަ ކުރުމުގެ ބަދަލުގައި ސުވާލުތަކަށް ޖަވާބު ދެއްވާށެވެ. ޙަޤީޤީ ލީޑަރޝިޕަކީ ފާރަވެރިވުމަށް މަރުޙަބާ ކިޔާނެ ބައެކެވެ. އެކަމަށް ބިރުންް ފިލާނޭ ބައެއް ނޫނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0