އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާއްވަން އެންމެ ރަނގަޅީ ކޮންއިރަކު؟
2023 ވަނަ އަހަރު އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކުން އަރައިގަނެ، އެކުވެރި މާހައުލެއްގައި ޕާޓީގެ ލީޑާޝިޕަށް ގެނައި ބޮޑެތި ބަދަލުތަކާއެކު ޕާޓީގެ ސަފުތައް އަލުން ރުކުރުވާލަމުންދާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީން ނެރޭނެ ކެނޑިޑޭޓަކު ހޮވުމުގެ މަސައްކަތަކީ ޕާޓީގެ އައު ލީޑާޝިޕަށް ކުރިމަތިވާނެ އެންމެ ނާޒުކު މަސައްކަތެވެ. މިގޮތުން ރިޔާސީ ޕްރައިމަރީ ބާއްވާ ތާރީޚަކީ ޕާޓީގެ އެއްބައިވަންތަކަމާއި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ސީދާ އަސަރުކުރާނެ ނިންމުމެއް ކަމަށް ދެކި، އެންމެ އެކަށީގެންވާ ވަގުތާ މެދު ތަޙުލީލީ ނަޒަރަކުން ބަލައިލުން މުހިންމެވެ.
ރިޔާސީ ޕްރައިމަރީ އަވަހަށް ބާއްވަން ތާއީދުކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޙުއްޖަތަކީ ކެންޑިޑޭޓަށް ރިޔާސީ ކެމްޕެއިން ރޭވުމަށާއި ރައްޔިތުންނާ ހަމައަށް ވާސިލުވެ އެކަށީގެންވާ ކެންޕޭނަކަށް ވަގުތު ލިބެންޖެހޭ ކަމުގެ ވާހަކައެވެ. ކެންޑިޑޭޓެއް ކަނޑައެޅި، ޕާޓީ އެއް އަމާޒަކަށް މަސައްކަތް ފެށުން ލަސްވާ ކޮންމެ ދުވަހަކީ ސަރުކާރަށް ކުރިއެރުން ލިބޭ ދުވަހެއް ކަމުގައި އެއްބަޔަކު ދެކެއެވެ. އެހެންނަމަވެސް ލަސްކުރަން ތާއީދުކުރާ ބައެއް މެންބަރުން ދެކެނީ ސިޔާސީ މަސްރަޙު ބަދަލުވެދާނެ ކަމަށް ބަލައި، ކޯލިޝަން މަޝްވަރާތަކަށް ޖާގަ ދީ، ޕާޓީގެ އެތެރޭގެ ބައިބައިވުން ކުޑަކުރެވޭނެ ވަގުތެއް ހޯދުން މާ މުހިންމު ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާއި ރިޔާސީ ޕްރައިމަރީ ގާތްގާތުގައި ބޭއްވުމުން ޕާޓީއަށް ގެއްލުންވާނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
ތާރީޚީ ތަޖުރިބާއަށް ބަލާއިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ 5 މަސްކުރިން އެމްޑީޕީން ކެނޑިޑޭޓަކު އިޚްތިޔާރު ކުރުމުން އެ ފަހަރު ޕާޓީ އެކައްޗެއް ކިޔައި ކެމްޕެއިންކުރެވުނެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ޕްރައިމަރީގެ ނަތީޖާއާއި ގުޅިގެން ޕާޓީ ތެރޭގައި ބައިބައިވުންތަކެއް އުފެދި، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ފޯރިކަން ގިނަ ބަޔަކު ޤަބޫލުކުރެއެވެ. 2023 ވަނަ އަހަރު ބޭއްވުނު ޕްރައިމަރީއަކީ އެމްޑީޕީގެ ތާރީޚުގައި ބޭއްވުނު ދެވަނަ މިފަދަ ޕްރައިމަރީ އެވެ.
މިހާރުގެ ސިޔާސީ މަސްރަޙަށް ބަލާއިރު، އިދިކޮޅު ޙަރަކާތް ހަރުދަނާކުރުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، ޕާޓީގެ މެންބަރުންގެ ތާއީދު ވަކި ކެންޑިޑޭޓަކަށް ކަށަވަރުވެފައި ނެތުމުން، މިހާރުގެ ސަރުކާރުގެ ތައްޔާރީތަކަށް ބެލުން ބުއްދިވެރިއެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީގެ ސަބަބުން ޕާޓީގެ އެތެރޭގައި ޚިޔާލުތަފާތުވެ، ވަކި ފެކްޝަން އުފެދުމުގެ ސަގާފަތް ތަކުރާރުނުވާނޭ ގޮތަކަށް ވިސްނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ހަމައެހެންމެ އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، މައްސަލަ ހައްލުކުރުމަށް ވަގުތު ބޭނުންވާނެކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.
އެމްޑީޕީއަށް ކުރިއަށް އޮތް ދުވަސްވަރަކީ "ބިޒީ" ދުވަސްވަރެކެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބަށް މިހާރުވެސް ކެންޕޭންތައް ފަށާފައިވާއިރު، މިއަހަރުގެ ފަހުކޮޅު ދާއިރާތަކުގެ އިންތިޚާބު އޮންނާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތާއެކު ކުރަންޖެހޭ އެންމެ ބޮޑު އެއް މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ތާއީދު އެމްޑީޕީއަށް އިތުރު ކުރުމުގެ ބުރަ މަސައްކަތެވެ.
ކަންކަން މިމަގަށް ހުރުމުން، ސިޔާސީ ދާއިރާގައި ދުވަސްވީ އެކި ފަރާތްތަކާއި މަޝްވަރާކޮށްލުމުން އެންމެންގެ ޚިޔާލުވެސް ހުރީ ދާދި އެއްގޮތަކަށެވެ. އެއީ 2027 ދެބައިވުމުގެ ކުރިން ރިޔާސީ ޕްރައިމަރީ ބޭއްވުމެވެ. އަދި އެ ދުވަސްވަރު ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ 2028 ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އަހަރެއްހާ ދުވަސް ލިބޭ އިރު އެތެރޭގައި އުފެދިދާނެ ޚިޔާލުތަފާތުވުންތައްވެސް ހިނދެން އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ. އެގޮތުން 2027 ވަނަ އަހަރުގެ އެޕްރީލް ނުވަތަ މެއިމަހަކީ ރިޔާސީ އިންތިޚާބު ބޭއްވުމަށް އެންމެ ރަނގަޅު ދުވަސްވަރު ކަމަށް އެންމެންވެސް އިއްތިފާގުވެއެވެ.
ޤަބޫލުކުރަންޖެހޭ ހަގީގަތަކީ ރިޔާސީ ޕްރައިމަރީ ބާއްވާ ވަގުތަކީ ހަމައެކަނި ކަލަންޑަރުގައި ފާހަގަކުރާ ތާރީޚެއް ނޫން ކަމަށެވެ. އެއީ ޕާޓީގެ މުސްތަޤުބަލާއި ރާއްޖޭގެ ސިޔާސީ މަސްރަޙަށް ފުން އަސަރެއް ކުރާނެ ސްޓްރެޓެޖިކް ނިންމުމެކެވެ. އަދި ރާއްޖޭގެ ވެރިކަން އެއްޕާޓީން އަނެއް ޕާޓީއަށް ފުރޮޅެމުން އަންނަ ވައްޓަފާޅިއަށް ބަލާއިރު ދެން އަންނާނީ އެމްޑީޕީގެ ސަރުކާރަކަށް ވުމަކީ އެކަށީގެންވެއެވެ. މި ނިންމުން ނިންމުމުގައި ޕާޓީގެ ލީޑަރޝިޕުން ގްރާސްރޫޓް މެންބަރުންގެ ބައިވެރިވުމާއި ޚިޔާލު ހޯދައި، ޕާޓީގެ ބައިބައި ނުވާނެ ގޮތަކަށް ކުރިއަށް ދިއުން ލާޒިމެވެ.






ރިއެކްޓް