ކޮލަމް , ސިޔާސީ

ދޭން ބޭނުންނުވާ ހައްގު: ދިރިއުޅޭ ތަނުގެ ކައުންސިލް ހޮވަން ވޯޓް ނުދެވެނީ ކީއްވެ؟

3 އޭޕްރީލް 2026 - 16:36
ދޭން ބޭނުންނުވާ ހައްގު: ދިރިއުޅޭ ތަނުގެ ކައުންސިލް ހޮވަން ވޯޓް ނުދެވެނީ ކީއްވެ؟

އުފަން ރަށް ދޫކޮށް މާލޭގައި ދިރިއުޅޭތާ 25 އަހަރު ވީ މީހެކެވެ. ރަށަށް އައި ބަދަލުތަކާއި ރަށު މީހުންގެ ކޮންމެ ދުވަހެއްގެ ތަކްލީފުތައް އޭނާއަކަށް ނޭނގެއެވެ. ރަށަށް ނުދާތާ 20 އަހަރު ވުމުން އަލަށް ނުކުތް ޒުވާނުން ނޭނގެއެވެ. މި ފަހަރު ރަށު ކައުންސިލް ރައީސްކަމަށް ނުކުތް ހައްވަ ގޯތި ސަލީމާއި އ.ތ.މ ކޮމިޓީގެ ރައީސާކަމަށް ވާދަކުރާ ކެޔޮޅު މުހައްމަދުގެ ހާލިދާ އޭނާ ނުދަނެއެވެ. އެއީ ރަށުގައި ދިރިއުޅޭ، ރަށުގެ ހާލަތު ދަންނަ، ޒުވާން ކުދިންނެވެ. އެ ކުދިން ބިނާކުރަމުން އައި ރަށާއި ސިޔާސީ މުސްތަގުބަލަށް ގޮތް ނިންމަން ހުރީ މާ ދުރުގައި ދިރިއުޅޭ، ރަށަށް ނާންނަތާ ވިހި އަހަރުވީ އަފީފެވެ.

މިއީ ދިވެހި ރާއްޖޭގެ ގިނަ ރަށްރަށުގެ ވާހަކައެވެ. ރަށުގެ ކަންކަމަށް ރަށުން ގޮތް ނިންމުމުގެ ބާރު ނެތެވެ. ކައުންސިލް އިންތިހާބަކީ އެ މީހަކު ދިރިއުޅޭ ތަނެއްގެ ހާލަތު ރަނގަޅުކުރާނެ ބަޔަކު ހޮވަން ނަގާ ވޯޓެކެވެ. ރަށެއްގެ މުނިސިޕަލް، ރަށެއްގެ ކޮންމެ ދުވަހެއްގެ މައްސަލަތަކަށް އެޑްރެސްކޮށް ހައްލުހޯދައިދޭނެ ބަޔަކު ހޮވަން ކުރާ ކަމެކެވެ. ދުނިޔޭގެ އެހެން ތަންތަނުގައިވެސް އެކަން އޮންނަނީ އެ ގޮތަށެވެ. ބައެއް ގައުމުތަކުގައި ކައުންސިލްތައް ހޮވަން އެ ރަށެއް، ސިޓީއެއްގައި ދިރިއުޅޭ ގައުމުގެ ބޭރު މީހުންނަށްވެސް ވޯޓްލެވެއެވެ. ބޭނުމަކީ އެ މީހަކު ދިރިއުޅޭތަނުގެ ހާލަތު ބަދަލުކުރަން، ރަނގަޅުކުރަން ބަސް ބުނުމުގެ ބާރު އެ މީހަކަށް ދިނުމެވެ.

ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލޭގައެވެ. މާލޭ ސަރަހައްދަށް ހިޖުރަކުރާ އާބާދީ އަދިވެސް ދާނީ މަތިވަމުންނެވެ. މާލޭގައި ހުރި މައްސަލަތަކާއި ކޮންމެ ދުވަހެއްގެ ތަކްލީފުތައް ތަހައްމަލުކުރަން ޖެހެނީ ހަމަ އެކަނި މާލޭގެ ރަޖިސްޓްރީގައި ތިބި މާލޭ ރައްޔިތުންނެއް ނޫނެވެ. މާލޭގައި ދިރިއުޅޭ ކޮންމެ ރަށެއްގެ މީހަކުވެސް އެ ތަކުލީފުތައް އުފުލައެވެ. އެ މީހުންގެ މުޅި ދިރިއުޅުން އޮތީ މާލެގައެވެ. އެ މީހުން ޓެކްސް ދައްކަމުންދަނީ މާލޭގެ ކަންމަތީ ފިހަރާތަކަށެވެ. ނަމަވެސް، މާލޭ ސިޓީ ކައުންސިލް ހޮވުމުގައި އެ މީހުންގެ ބަހެއް ނެތެވެ.

މި ބޮޑު ބޭއިންސާފާ މެދު ވާހަކަ ދައްކާނެ ސިޔާސީ ބަޔަކުވެސް ނެތެވެ.

މާލެއެކޭ އެއްގޮތަށް ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުގައި ދިރިއުޅޭތާ އެތައް އަހަރުވީ އެ ރަށެއް، ސިޓީއަކަށް ނިސްބަތްނުވާ އެތައް ބަޔަކު އެބަ އުޅެއެވެ. ރަށެއްގައި ދިރިއުޅޭތާ އެތައް އަހަރުވީ މާލޭ މީހުން ވެސް އެބަ ތިއްބެވެ. އެ މީހުން ދިރިއުޅޭ ރަށުގެ ކައުންސިލް ހޮވަން ވޯޓް ދިނުމުގެ ބާރެއް ނެތެވެ. ބަސް ބުނަން ޖެހިފައިވަނީ ތިމާ ދިރިނޫޅޭ، ހާލަތު ނުދަންނަ ރަށެއްގެ ކައުންސިލް ހޮވާށެވެ. މިއީ ކައުންސިލް މަފްހޫމުގެ މުޅި ވިސްނުމާއި ހިލާފު ކަމެކެވެ.

ދިރިއުޅޭތަނަށް ވޯޓް ދިނުމަށް ހަރުދަނާ ގަވާއިދުތަކެއް ހެދިދާނެއެވެ. އަދި އެ ތަނެއްގައި ދިރިއުޅޭތާ ހަމަވާން ޖެހޭ މުއްދަތެއްވެސް ކަނޑައެޅިދާނެއެވެ. މާލޭ އޮފީހެއްގައި ވިހި އަހަރުވަންދެން މަސައްކަތްކުރަމުން އަންނަ ސިވިލް ސާވަންޓަކީ މާލޭގައި ދިރިއުޅޭ މީހެއްކަން ދައުލަތަށް ކަށަވަރުވާނެއެވެ.

ބޭނުން ވަނީ ބަދަލެކެވެ. ހައްގެކެވެ. ތިމާ ދިރިއުޅޭ ތަނުގެ ކައުންސިލް ހޮވަން ވޯޓް ދިނުމުގެ ހައްގެވެ. ނަމަވެސް އެއީ ސިޔާސީ ބާރުވެރިން ހިފަހައްޓާފައި އޮތް ދޭން ބޭނުން ނުވާ ހައްގެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0