ކޮލަމް

މިނިސްޓަރު އިހުސާނުއެވެ. ޖަވާބުދެއްވާށެވެ.

17 ޖޫން 2026 - 11:50
 1
މިނިސްޓަރު އިހުސާނުއެވެ. ޖަވާބުދެއްވާށެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަދުވަހަށް އަލިވިލުނީ މާލޭގެ ހުޅަނގު ދެކުނު ފަރާތުން އަރައިގެން އައި ގަދަ އަލިފާނާއި ބޯ ދުންގަނޑަކާއެކު އެވެ. ވެގެން އުޅޭގޮތް ރޭކާލީއިރު، މި ދިވެހިރާއްޖޭގެ 3 ވުޒާރާއެއްގެ މަސައްކަތް ހިންގަމުން އައި ގްރީން ބިލްޑިންގ ރޯވެ އަނދަނީ އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި ކުރިމަތިލާން އަބަދުވެސް ތައްޔާރަށް އޮންނަ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސަސް ހިންގާ އިމާރާތް ހުރީ އަލިފާން ރޯވި ގްރީން ބިލްޑިންގް އާއި އިންވެގެންނެވެ. އެހެނެއްކަމަކު، އެމީހުންނަކަށްވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭ ވަރެއް ނުވިއެވެ. ބާރުބާރަށް ސައިރެން އަޅުވަމުން ހުޅުލެ އިން އައި އެމްއޭސީއެލްގެ ފަޔަރު ލޮރީ އަންނަންދެން ޖެހުނީ މަޑުކުރާށެވެ.

ކޮންމެއަކަސް އެމްއޭސީއެލް އާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެއެވެ. އެހެނަސް އޭރު ވާނެ ހުރިހާކަމެއް އޮތީ ވެފައެވެ. ގްރީން ބިލްޑިންގ އަނދާ ހުލިވެއްޖެއެވެ. ބަލަބާ ތިއްބާ، ދިވެހި ދައުލަތާއި، ސަރުކާރުގެ އެތަކެއް މުދަލެއް އަނދާ ހުލިވީއެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން ޚަރަދުކޮށް ގަނެފައިވާ އެތަކެއް އާލާތެއް ހުލިވީއެވެ. އެތަނުގައި ވަޒީފާ އަދާކުރަމުންދިޔަ އެތަކެއް މުވައްޒިފުންގެ ތަކެތިވެސް އަނދާ ހުލިވެގެން ދިޔައީއެވެ. އެއްވެސް އެއްޗެއް ބޭނުންކުރެވޭ ވަރެއް ނުވިއެވެ.

ކަމުގެ ހައްސާސް ކަމުން، ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ގައުމުގެ ވަލިއްޔުލް އަމްރުވެސް ވަޑައިގެން އުޅުއްވި މަންޒަރު އެކި ފޮޓޯތަކުން ފެންނާން ހުއްޓެވެ. އެމަނިކުފާނު ވަޑައިގަތް ބޭނުމެއް ސީދާ ސާފެއް ނުވިއެއްކަމަކު، އެސަރަހައްދަށް ވަޑައިގަތުމުން، އެހާދިސާގެ ކުޑަބޮޑުމިން އިހްސާސްކުރެވެއެވެ.

މިއާއެކު، އެކި މަންސަތަކުގައި މަންޒަރު ބަލަން ދުރުގަ ތިބި، ފަރާތްތަކުން، އަލިފާން ނިންވުމުގެ ތަޖުރިބާއާއި ތަމްރީންތައްވެސް ލިބިފައިވާ ފަރާތްތައްވެސް ހިމެނޭހެން، މިކަމެއް ހިނގައިދިޔަ ގޮތާއި ބެހޭގޮތުން އެބަޔަކަށް ފެންނަ ވާހަކައެއް ދައްކަން ފަށައިފިއެވެ. ހުރިހާ ކަމަކަށް އެއްބަސް ނުވެވުނެއްކަމަކު، އެއްބަސްވެވޭ އެއްކަމެއް އޮތެވެ. އެއީ މިފަދަ ކަމެއް ހިނގާނީ ކޮންމެވެސް ބައެއްގެ ބޮޑު އިހުމާލެއް މިކަމުގައި ވީމަކަމުގައި ދެކެވޭ ވާހަކައެވެ.

ބަޔަކު ރޯކުރިޔަސް، ނުވަތަ އިލެކްޓްރޯނިކް ޝޯޓޭޖެއް ވިޔަސް، ނުވަތަ ގަސްތުގައި ނޫންނަމަވެސް އެއްލާލެވުނު ސިނގިރޭޓް ފިލްޓަރަކުން ވިޔަސް އިމާރާތް އަނދައި ހުލިވާން މެދުވެރިވި ސަބަބަކީ ހުރިހާ ރައްޔިތުންނާއި ގުޅުންހުރި ބޮޑު ސުވާލަކަށް ވެއްޖެއެވެ.

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހެވެ. ހާދިސާ ހިނގިތާ 2 ދުވަސް ފަހެވެ. އޭރުގެ ދިވެހި ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި، އަލީ ޝުޖާއު ނޫސްވެރިންނާއި ބައްދަލުކުރައްވާ، އަލިފާނުގެ އެ ހާދިސާ ހިނގި ގޮތުގެ ތަހުގީގަށް ރާއްޖެއިން ބޭރުގެ އެހީ ހޯދަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ލުހުންގެ ފޮރެންސިކް ޓީމުތަކުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނައިރު ސީސީޓީވީ ފުޓޭޖްތައް ހޯދައި އެނަލައިޒް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ޑިސެމްބަރު 20 ވަނަދުވަހު އަވަށްޓެރި އިންޑިއާއިން ތަޖުރިބާކާރު ޓީމެއް ރާއްޖެއައިސް ތަހުގީގު ޓީމާއި  ގުޅުނު ވާހަކަ ނޫސްތަކުން ރިޕޯޓް ކުރިއެވެ.

ކޮންމެއަކަސް އިންޑިއާއިން އައި ޓީމުންވެސް، އެމީހުން ކުރި މަސައްކަތް ނިންމާ، ލިބުނު މައުލޫމާތެއް ވިއްޔާ ފުލުހުންނާއި ހިއްސާކުރިއެވެ. އެހެންނަމަވެސް، ހާދިސާ ހިނގިތާ 1 އަހަރާއި 6 މަސް ވީއިރުވެސް، މިހާދިސަގެ ތަހުގީގަށް އެއްކުރެވުނު އެއްވެސް މައުލޫމާތެއް، ދިވެހި ފުލުހުންނަކަށް ހާމައެއް ނުކުރެވުނެވެ. ތަކުރާރުކޮށް، އެކި ފަހަރުމަތިން އެހުމުންވެސް ފުލުހުންނަކަށް މިއާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެވުނެވެ. ހޯމްލޭންޑް މިނިސްޓަރު އިހުސާނަށްވެސް މިކަމާއި ގުޅުންހުރި މައުލޫމާތެއް އެނގޭ ވަގުތަކާއި ދިމާވާކަމަކަށް ނުވިއެވެ. ނޫސްވެރިން އެސުވާލުކުރާ ކޮންމެ ވަގުތަކު، "ތިމަކާއި ބެހޭ މައުލޫމާތު ހާމަކުރަން އެދޭނަން" ކަމަށް ވިދާޅުވެ ނިންމާލަނީއެވެ.

އެހެނަސް، ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝަމްއާން، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ރިޝްވަތު ނަންގަވައި އަދި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވާ ކަމުގެ ތުހުމަތެއް ކުރެއްވުމާއެކު، ނިކަން ވަރުގަދަ މެސެޖެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވިއެވެ. ޝަމްއާންގެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި ހުރިހާ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުންނަށް ދަންނަވައިފި ކަމަށް ބުނެއެވެ. އެއާއެކު ފުލުހުންނަށްވެސް ފަޔަށް ހިނިތަކެއް އެރިހެން ހީވިކަހަލައެވެ. ބޮޑު ސިންގާ ދެ ސަފްހާއެއްގެ ބަޔާނެއް ނެރެލީއެވެ. ޝަމްއާން ހައްޔަރު ކުރަން ހިންގި އޮޕަރޭޝަން ފެށުނު ހިސާބުން ފެށިގެން ގޮސް ނިމުނު ހިސާބާއި ހަމައަށް ހިނގައި ދިޔަ ހުރިހާ ކަމެއް ހެން ހިއްސާކުރިއެވެ.

އިއްޒަތްތެރި މިނިސްޓަރެވެ. މަނިކުފާނަކީ، އަދުގެ ދާޚިލީ ވަޒީރެވެ. ރާއްޖޭގައި ހިނގާ ޖިނާއީ ހުރިހާ ކުށްތަކެއްގެ ތަހުގީގު ހިންގާ ފުލުހުންގެ މުއައްސަސާ އޮތީ މަނިކުފާނުގެ ބެއްލެވުމުގެ ދަށުގައެވެ. ދިވެހި ދައުލަތުގެ އެތަކެއް މިލިއަން ރުފިޔާގެ މުދާތަކާއި، އެތަކެއް ހާސް ދިވެހި ރައްޔިތުންގެ ހައްގުތަކެއް އަނދައި ހުލިވެގެން ދިޔަ ހާދިސާއަށް ދޮޅު އަހަރު ފުރިގެން ދިޔައީއެވެ. ހަމަ ކަހާތަން ހިރުވާވެސް ނުލަނީ ތޯއެވެ. ނޫންނަމަ، ފުލުހުންގެ މުއައްސަސާގަ އެފަދަ މައްސަލައެއް ތަހުގީގުކުރުމުގެ ހުނަރެއް ނެތީތޯއެވެ. ނުވަތަ، ވަކި ބައެއްގެ ނުފޫޒެއް ވަދެ، އެމައުލޫމާތު ހާމަކުރެވެން ނެތީތޯއެވެ. އެކަމުގައި ޝާމިލްވާކަމަށް ޝައްކުކުރެވޭ ފަރާތްތަކަކީ މަނިކުފާނަށް ވުރެ މާބާރުގަދަ ފަރާތަކަށް ވަނީތޯއެވެ. މިމައްސަލައިގަ، ރާއްޖޭގެ ތަންފީޒީ އިދާރާއަށް ފިޔަވަޅެއް ނޭޅޭނަމަ، ނުވަތަ މިކަން ހިނގައި ދިޔަގޮތް ސާފުކޮށްނުދެވޭނަމަ، ދިވެހި ރައްޔިތުންނަށް، މަނިކުފާނާއި މެދު އޮތީ ކޮން ޔަގީންކަމެއްތޯއެވެ. ކޮން އިތުބާރެއްތޯއެވެ. ކޮންމެވެސް ޖަވާބެއް ދެއްވާށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0