ކޮލަމް , ސިޔާސީ

އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވަނީކީ ނޫނެވެ. ދެ އިންތިހާބު އެއްކޮށްލަނީއެވެ

31 މާރިޗު 2026 - 10:11
އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވަނީކީ ނޫނެވެ. ދެ އިންތިހާބު އެއްކޮށްލަނީއެވެ

ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބު އެއްކޮށް ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ސަރުކާރުގެ ވެރިންނާއި ސަރުކާރު ޕްރޮޕަގަންޑާ ފަތުރާ މީހުން ބުނަމުންދެއެވެ. ދެ އިންތިހާބު އެއްކޮށްލަނީކީ ނޫނެވެ. އެއް ދުވަހެއްގައި ބާއްވަނީއެވެ. އާއެކެވެ. ދިވެހިންގެ މަޖާޒީ ބުނުމެއްގައިވާ ފަދައިން ފުރާނީ ކައިގެންނެވެ. ނުކައެއް ނުފުރާނަމެވެ. ކުރަން މިއުޅެނީ އެއް ކަމެކެވެ. ވާނީ އެއް ގޮތެކެވެ. ނަތީޖާއަކީ ދެ އިންތިހާބު އެއްވުމެވެ. އިންތިހާބީ ނިޒާމު ގަޑުބަޑުވުމެވެ. 

ރިޔާސީ އިންތިހާބަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގާނެ މީހަކު ހޮވަން ބާއްވާ އިންތިހާބެކެވެ. ސަރުކާރު ހިންގާނެ ވެރިޔަކާއި އެ ބަޔަކު އެކުލަވާ ސަރުކާރެއްގެ ވައުދުތަކާއި މެނިފެސްޓޯގެ އިންތިހާބެކެވެ. ވެރިކަމަށް އަންނަނީ ކާކުކަމާއި އެ މީހަކު ތަންފީޒުކުރާނީ ކޮން ސިޔާސަތެއްކަން ރައްޔިތުންނަށް ބުނެދީ، ވެރިކަމުގެ ފަރާތަށް ރައްޔިތުންގެ ލެޖިޓިމަސީ ދޭން ބާއްވާ އިންތިހާބެކެވެ.

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބަކީ އެ އިރެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ޖަވާބުދާރީކުރާނެ ބަޔަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ. އެއީ ވެރިކަން ހިންގުމުގެ ބާރަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ބަޔަކު ހޮވުމުގެ އިންތިހާބެވެ. ހޮވަނީ ރައްޔިތުންގެ މަންދޫބުންނެވެ. ސަރުކާރުގެ މަންދޫބުންނެއް ނޫނެވެ. ބޭނުމަކީ ވެރިކަން ކުރާ ގޮތް ބަލައި، ޒިންމާދާރުކުރުވުމެވެ. ރިޔާސީ ނިޒާމުގެ މައްޗަށް އެކުލަވާލި ގާނޫނު އަސާސީން ބުނެދޭ ގޮތަކީ މިއެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ވާނީ ކިހިނެއް ހެއްޔެވެ؟

ގާނޫނު އަސާސީން ބުނެދޭ މި އަސާސް ގަޑުބަޑުވީއެވެ. ކާކު ހޮވަނީ ކާކު ޒިންމާދާރުކުރަންކަން ރައްޔިތުންނަށް ނޭނގޭނެއެވެ. ވެރިކަމަށް އަންނަނީ ކާކުކަން ނޭނގި ޒިންމާދާރުކުރާނެ މަންދޫބެއް ހޮވާނީ ކިހިނެއް ހެއްޔެވެ؟ އެއްބަހެވެ. މި ފަހުން އައި ހުރިހާ ސަރުކާރުތަކަށް ރައްޔިތުންގެ މަޖްލީހުގެ އަގުލަބިއްޔަތު ލިބުނެވެ. އަދި ބާރުތައް އެއްވެ ހުދުމުހްތާރުވެރިކަން ކުރަން ފަސޭހަވިއެވެ. ނަމަވެސް އެކަމުގެ ހައްލަކީ ރިޔާސީ އަދި މަޖްލިސް އިންތިހާބު އެއްކޮށްލުން ހެއްޔެވެ؟ އެއްކޮށްލުމުން ސަރުކާރަށް އަގުލަބިއްޔަތު ނުލިބޭނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ ދިރާސާއެއް ނެތެވެ.

ދެ އިންތިހާބު އެއްކޮށްލުމުން ރައީސުލްޖުމްހޫރިއްޔާ ނުކުންނާނީ އެންމެ ރަނިންމޭޓެއްގެ ބަދަލުގައި 80 އެތައް ރަނިންމޭޓެއް ގޮވައިގެނެވެ. މުޅި ދައުލަތް އެކަށް އިންތިހާބަށް ހުސްކޮށްލުމުގެ ބިރު މާ ބޮޑެވެ. އަމިއްލަ ކެނޑިޑޭޓުންނާއި ކުދި ޕާޓީތަކަށް ޑިމޮކްރެޓިކް މި ނިޒާމުގެތެރެއިން ވާދަކޮށް މަގާމުތަކަށް އައުމުގެ ފުރުސަތު ހަނިވެއެވެ.

ނޫނެކޭ ބުނަންވީ ދެ އިންތިހާބު އެއްކޮށްލައިގެން ބަދަލެއް ނާންނާނެތީއެވެ. ސަރުކާރަށް ސްޕަރ މެޖީރިޓީ ނުލިބޭނެ ފޯމިއުލާއަކަށް މިކަން ނުވެއެވެ. ސަރުކާރު ޒިންމާދާރުކުރުވާނެ ގޮތްތަކެއްވެސް ނުދެއްކެއެވެ. ހަރަދުކުޑަވާނެ ގޮތެއް ބުނެ ނުދެވެއެވެ. ސިޔާސީ ގޮތުން ރައީސް މުޢިއްޒަށް ބާރުވެރިކަމެއް ލިބުން ފިޔަވައި މި ފެންނަ ނުފެންނަ ވޯޓުން ހާސިލުވާނެ ކަމެއް ނެތެވެ 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0