ރައީސްގެ ވައަތުން ދިން އިންޒާރު، ބިރުވެރި ރަނގަބީލެއްގެ އަޑު؟
ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިދުވަސްވަރު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުޟޫއަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމެވެ. މި ބަދަލަކީ ގައުމުގެ ހަމަޖެހުމާއި އިގްތިސާދަށް މުހިންމު ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާއިރު، އިދިކޮޅު ފަރާތްތަކުން މިކަން ދެކެނީ ދިމަކްރާތީ ނިޒާމު ފުނޑުފުނޑުކޮށް، ބާރުތައް މުށުތެރެއަށްލުމަށް ކުރެވޭ 'ވިޔާނުދާ' ކަމެއް ގޮތުގަ އެވެ.
މިކަމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް މިކަމާ ވިސްނާލަންޖެހޭ މައުޟޫއެކެވެ. ކުރަން ޖެހޭ ބަހުސެކެވެ. ކަމުގެ މާހިރުންނަށް ދޫކޮށްލައިގެން ބާރުވެރި ފަރާތްތަކުން ޖަހާހާ ބެރަކަށް ނަށަން ތިބޭވަރަށްވުރެން ނުރައްކާތެރި މައްސަލައެކެވެ. ދިމަކްރާތީ ނިޒާމުގެ އެންމެ ވަރުގަދަ ތަނބަކީ ރައްޔިތުންގެ ބާރެވެ. މިދެކެވެނީ މި ބާރު ނޭގުމެއްގެ ތެރޭގައި ތަބަކަކަށް ލައިގެން ގޮސް ބައެއްގެ އުނގަށް އަޅައިލެވޭ ވާހަކައެވެ.
2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް ރައީސް މުއިއްޒު އައީ "ދިވެހީންގެ ރާއްޖެ" ކިޔާ ތަސައްވަރެއް ކޮނޑުގައި އަޅައިގެންނެވެ. ތަފާތު ގިނަ ވާހަކަތަކާއި ކުލަކުލައިން ޒީނަތްތެރި ކޮށްފައި ހުރި ޕްރެޒެންޓޭޝަންތަކެއް ދީ އެކިފާޑު "މޮޅެތި" ވާހަކަ ދައްކައިގެންނެވެ. ރައްޔިތުންނަށް ގިނަ ބާރުތަކެއް ލިބި "ވައްކަމުގެ ނެޓްވޯކުން" ސަލާމަތްވެފައިވާ ދެއްފުށް ފެންނަ ސަރުކާރެއް ހިންގާނެ ކަމުގެ "ބިލާހީ ގޯނި" ދިވެހިންގެ ބޮލުގައި އަޅުވައިގެންނެވެ.
މި ސަރުކާރުން ދައްކަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން ޔަގީންވާކަމަކީ، މި އުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލައި، އިންތިހާބަކާ ނުލާ ނުވަތަ އިންތިހާބުތަކުގެ ނިޒާމު ހަރާބުކޮށްގެން ވެރިކަން ދެމެހެއްޓުމުގެ ހީލަތްތެރި ރޭވުމެއް ރޭވުމުގައި ކަމެވެ. މިސަރުކާރުގެ ބަންޑާރަ ނައިބު، ރައީސް މުއިއްޒުގެ ޒަމާންވީ އެކުވެރިޔާ އަދި ސިޔާސީ ބޭފުޅުން ސިފަކުރައްވާ ރައީސްގެ ވައަތް، އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުތަކަކީ މި ނުރައްކާތެރި މިސްރާބަށް ދިން އިންޒާރުގެ ރަނގަބީލެކެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ސަރުކާރުގެ ދިރާސާތަކަށް ބަލާއިރު ގިނަގިނައިން އިންތިހާބުތައް ބޭއްވުމުގެ ސަބަބުން ސިޔާސީ ނުތަނަވަސްކަން އުފެދި، ގައުމުގެ އިގްތިސާދަށާއި ހަމަޖެހުމަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ.
ރައްޔިތުން ކަންކަމުގައި ގޮތް ނިންމުމަކީ ހަމަ އެހާ ގޯސްކަމަކީތާ އެވެ. އިންތިހާބަކީ ބާއްވަން ނުޖެހޭ އެއްޗެއް ތާ އެވެ. އުޝާމް މި ދައްކަވަނީ ހަމަ ރަނގަޅު ވާހަކައެއް ބާ އެވެ؟ ނޫނީ ހަމަ "ހޮޅި" ވާހަކަތަކެއް ބާ އެވެ. ބަލާނުލާ އެއްޗެއް ބުނެ ހަމަގައިމު އަޅުގަނޑުގެ ދުލާއި ގަލަމަށް ކެތެއް ނުވާނެ އެވެ. ފަށަމާ ހިނގާށެވެ.
ރާއްޖޭގައި މި އޮންނަނީ ޖުމުލަ ތިން އިންތިހާބެވެ. ދުނިޔޭގެ ބައެއް ބޮޑެތި ގައުމުތަކުގައި ފަސް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ބާއްވާ މައިގަނޑު އިންތިހާބުތަކާއި ލޯކަލް އިންތިހާބުތަކުގެ އަދަދުތަކަށް ބަލާލަމާ ހިނގާށެވެ.
އެމެރިކާގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރިޔާސީ އިންތިޚާބެއް ބާއްވާއިރު، ކޮންމެ ދެ އަހަރަކުން އެއްފަހަރު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިންތިޚާބު ބާއްވައެވެ. މީގެ އިތުރުން ސެނެޓާއި، ސްޓޭޓް ގަވަރުނަރުންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުތަކާއެކު، އެމެރިކާގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ އަހަރަކުވެސް އިންތިޚާބެއް ކުރިއަށްދެއެވެ.
އިންޑިއާގެ ނިޒާމަށް ބަލާއިރު، ފަސް އަހަރުގެ ތެރޭގައި ގައުމީ ފެންވަރުގެ ލޯކް ސަބާ އިންތިޚާބެއް ބާއްވައެވެ. ނަމަވެސް، އިންޑިއާގެ އެކި ސްޓޭޓްތަކުގެ އެސެމްބްލީ އިންތިޚާބުތައް އެކި ދުވަސްވަރަށް ބެހިފައިވުމުން، ފަސް އަހަރުގެ ތެރޭގައި 30 އަށްވުރެ ގިނަ ބޮޑު އިންތިޚާބުތައް ބާއްވައެވެ. މީގެ އިތުރުން ލޯކަލް ބޮޑީ އިންތިޚާބުތަކާއެކު އިންޑިއާގައި އަބަދުވެސް އިންތިޚާބީ ހަރަކާތްތައް ކުރިއަށްދެއެވެ.
އިނގިރޭސި ވިލާތުގައި އާންމު އިންތިޚާބެއް ފަސް އަހަރުން އެއްފަހަރު ބާއްވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުތައް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބާއްވައެވެ. މީގެ އިތުރުން ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލަންޑްގެ މަޖިލިސްތަކާއި މޭޔަރުން ހޮވުމުގެ އިންތިޚާބުތައްވެސް ވަކި ތަރުތީބަކުން ކުރިއަށްދެއެވެ.
ސްރީލަންކާގެ އިންތިޚާބީ ނިޒާމު ބިނާވެފައިވަނީ މަރުކަޒީ ގޮތެއްގައެވެ. ފަސް އަހަރުގެ ތެރޭގައި އާންމުކޮށް ބާއްވަނީ ރިޔާސީ އިންތިޚާބަކާއި، މަޖިލިސް އިންތިޚާބެއްގެ އިތުރުން ޕްރޮވިންޝަލް ކައުންސިލް އަދި ލޯކަލް ގަވަރްމަންޓް އިންތިޚާބެކެވެ. ޖުމުލަ ހަތަރު މައި އިންތިޚާބު ބާއްވައެވެ. ނަމަވެސް މިގައުމުތަކުގެ އިގްތިސާދެއް ނުހުއްޓެއެވެ. މިވީހާ ދުވަހެއް ވީ އިރު ރައްޔިތުން އުނދަގޫވެގެނެއްވެސް ނޫޅެ އެވެ.
ސަރުކާރުން އިންތިހާބުތައް މަދުކުރުމަށް ނުވަތަ އެއްކޮށްލުމަށް ދައްކާ ބަހަނާއަކީ އިގްތިސާދީ ހަމަޖެހުމެވެ. ނަމަވެސް މިއީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއްކަން ސާފެވެ. 5 އަހަރުތެރޭ އިންތިހާބަކަށް ހޭދަވާ 120 މިލިއަން ރުފިޔާއަކީ 5 އަހަރުގެ ދައުލަތުގެ ބަޖެޓުގެ އެންމެ 0.04 އިންސައްތައެވެ. އެއީ އިންސައްތައެއްގެ ވެސް 20 ބައި ކުޅަ އެއްބައެވެ. މިއީ ރައްޔިތުންނަށް ބާރު ލިއްބައިދޭ ޑިމޮކްރަސީގެ އަގަށް ވުރެ މާ ކުޑަ މިންވަރެކެވެ. ހަގީގަތަކީ، އިންތިހާބުތައް މަދުކޮށްގެން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ފާޑުކިޔުމާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ހަނިކޮށްލާށެވެ.
"ސެންސަރު ނުކޮށް" ތެދަށް މި މައުޟޫއަށް ވާހަކަ ދައްކަމާ ހިނގާށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުގެ އަސްލު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު މަޖިލީހުގެ ތެރެއަށް ފަތުރާލުމެވެ. "ނޫނެކޭ" ޓީމުން ނުވަތަ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ސިޔާސީ ފަރާތްތަކާއި ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 19 ވަނަ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ފާހަގަކުރެއްވި ފަދައިން، މިއީ ވޯޓު ގަތުމަށް ކުރާ ހަރަދު ކުޑަކޮށް، އެއް ފަހަރުން ހުރިހާ ވޯޓެއް ގަނެ، ބާރު ހޯދުމަށް ކުރާ ކަމެކެވެ. މި ބަދަލާއެކު، މަޖިލީހަކީ ސަރުކާރުގެ ރަބަރު ސްޓޭމްޕަކަށް ވެ، މިނިވަން މުއައްސަސާތައް ސަރުކާރުގެ ގޮފިތަކަކަށް ވެގެންދާނެ އެވެ. މިއީ އިންތިހާބަކާ ނުލާ ވެރިކަން ކުރުމާ ހަމަ އެއްފަދަ ކަމެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިފަދަ ބަދަލުތަކެއް ގެންނަން އުޅުމަކީ ގާނޫނީ މާހިރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ. ސަބަބަކީ ރައީސަކާއި އެ ރައީސެއްގެ ސަރުކާރުގެ ޒިންމާއަކީ ގާނޫނުއަސާސީ އަށް ބޯލަނބައި އެޔާ އެއްގޮތަށް އަމަލު ކުރުމެވެ. ރައީސާއި ނައިބުރައީސް އަދި މިނިސްޓަރުންގެ ހުވާގައި ވެސް އޮންނަނީ އެހެންނެވެ. އެޔާ "ކުޅެ" އެޔަށް ބަދަލުގެންނާނީ މަޖިލީހުންނެވެ. އެބަދަލުތައް "އިނިޝިއޭޓް" ކުރަން ވާނީވެސް މަޖިލީހުންނެވެ.
އެއާ ހިލާފަށް މިސަރުކާރުން ދަނީ އިސްވެ އޮވެ މަޖިލީސް "މެނިޕިއުލޭޓް"ކޮށްގެން ގާނޫނުއަސާސީއަށް ބަދަލުތައް ގެނެސް، ވެރިކަމުގެ ދައުރު ދިގުދަންމާލުމަށް ނުވަތަ އިންތިހާބުތައް ބޭއްވުން ލަސްކުރުމަށް މަގުފަހިކުރަމުންނެވެ. އޭޖީ އުޝާމްގެ ވާހަކަތަކުން ދޭހަވަނީ، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނުދާނަމަ، އިންތިހާބީ ނިޒާމަށް ބަދަލުތައް ގެނެސްގެން ނަމަވެސް ބާރުގައި ތިބެން ބޭނުންވާ ކަމެވެ.
ސަރުކާރުގެ މި މިސްރާބަކީ ދިވެހިރާއްޖެ އަނެއްކާވެސް ހުދުމުޚުތާރު ވެރިކަމަކަށް ގެންދިއުމުގެ ފެށުމެވެ. އިގްތިސާދީ އިސްލާހުގެ ނަމުގައި ރައްޔިތުންގެ ވޯޓުލުމުގެ ހައްގަށް އަތްބޭނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި ނުރައްކާތެރި ރަނގަބީލުގެ އަޑާމެދު ވިސްނާށެވެ. ބިރުވެރި ވަގުތެއް ކުޑަތަންވަމުން އެބަ އާދެއެވެ.
ދިވެހި ރައްޔިތުން މިކަމަށް ހޭލުންތެރިވެ، އިންތިހާބަކާ ނުލާ ނުވަތަ އިންތިހާބުތަކުގެ އަސްލު ގެއްލުވާލައިގެން ވެރިކަން ކުރަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ތެދުވަން ޖެހެ އެވެ. އެހެން ނޫންނަމަ، ގައުމު ވެއްޓޭނީ އަނދިރި އަނދަވަޅަކަށެވެ. ދިމަކްރާތީ ހަޔާތެއްގެ ޅަފަތުގައި ސޮއްސާލާނީ އެތައް އަހަރެއް ފަހަތަށެވެ.






ރިއެކްޓް