ކޮލަމް: އެއާޕޯޓެއް ނޫން - ބޭނުންވަނީ އެއާޕޯޓު ފެރީގެ ނިޒާމެއް
ދިވެހި ރާއްޖޭން ބޭރަށް އަދި އަވަށްޓެރި ގައުމުތަކަށް ދަތުރުކުރާ ދިވެހިން ގިނައެވެ. ހާއްސަކޮށް އަވަށްޓެރި ގައުމުތަކުގެ ދަތުރުފަތުރުގެ ނިޒާމް ގިނަ ދިވެހީން ތަޖުރިބާކުރާނެއެވެ. ކޮންމެ ރަށެއް، ޓައުނެއް، ވިލެޖެއް، ސިޓީއެއްގައި އެއާޕޯޓް ނޯވެއެވެ. ވައިގެ ދަތުރުފަތުރަކީ އަސާސީ ހިދުމަތެއް ނޫނެވެ. އަގު ހެޔޮ ހިދުމަތެއްވެސް ނޫނެވެ. އަސާސީ ދަތުރުފަތުރުގެ ނިޒާމަކީ ރޭލު ވިއުގަޔާއި މެޓްރޯއާއި ބަސް ހިމެނޭ ޕަބްލިކް ޓްރާންސްޕޯޓެވެ. ރައްޔިތުން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ހޯދުމަށް ބަރޯސާ ވަނީ ދަތުރުފަތުރުގެ މި ނިޒާމަށެވެ.
އެއްވެސް ގައުމެއްގައި ގެއިން ނިކުންނަ ގޮތަށް، މަތިންދާބޯޓަށް އެރޭ ފެންވަރަށް ވައިގެ ދަތުރުފަތުގެ ނިޒާމް ތަރައްގީކޮށްފައި ނެތެވެ. މުއްސަނދި ގައުމުތަކުގައިވެސް ކޮންމެ ޓައުނެއް، ސިޓީއެއްގައި އެއާޕޯޓް ނާޅަނީ އެކަން ކުރާނެ ފައިސާ ނެތިގެން ނޫނެވެ. އެންމެ އަވަށްޓެރި ސްރީ ލަންކާއަށް ބަލާށެވެ. އެ ގައުމުގެ ދުރު ރަށްތަކުގެ މީހުން ބަންޑާރަނަޔަކަ އެއާޕޯޓަށް އަންނަނީ ދުރާލާ ވައިގެ ދަތުރަށް ތައްޔާރުވެގެންނެވެ. އެތައް ގަޑި އިރަކު ބަހުގަ ނުވަތަ ރޭލުގަ ދަތުރުކޮށްފައެވެ. ވެރިރަށް ކޮޅުނބުން ބަންޑާރަނަޔަކަ އެއާޕޯޓަށް ދާންވެސް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. ގޭދޮށަށް، ދިރިއުޅޭ އަވަށަށް މަތިންދާބޯޓް އަންނަން ނުޖެހޭކަން ރައްޔިތުން ގަބޫލުކުރެއެވެ. ވައިގެ ދަތުރުފަތުރަށް ތަރުތީބުވަނީ ރައްޔިތުންނެވެ.
ދިވެހި ރާއްޖެއަކީ އެއްބަރަކަށް ހިކިފަސް ގައުމެއް ނޫނެވެ. ޖަޒީރާ ގައުމެކެވެ. އެއް ރަށުން އަނެއް ރަށަށް، ނުވަތަ ވެރިރަށަށް ދިއުމަށް އެހެން ގައުމުތަކުގެ މީހުން އުފުލާ ބުރަޔަށްވުރެ ބޮޑު ބުރައެއް ދިވެހީން އުފުލަން ޖެހިދާނެއެވެ. ނަމަވެސް، އެކަމަށް އޮތް ހައްލަކީ ކޮންމެ ރަށަކަށް ވައިގެ މަގުން ދެވޭނެ ގޮތް ހެދުމެއް ނޫނެވެ. އެއާޕޯޓަށް ދާން 15 – 20 މިނެޓްގެ ސްޕީޑް ލާންޗުގެ ރާސްތާއަކީ އެހެން ގައުމުތަކުގެ މީހުން އެއާޕޯޓަށް ދާން ހޭދަކުރާ ރާސްތާއާ ބަލާފައި ވަރަށް ކުޑަ މިންވަރެކެވެ. މެދުތެރޭ ސްރީ ލަންކާއިން ބަހުގައި ބަންޑާރަނަޔަކަ އެއާޕޯޓަށް ދާން އެންމެ މަދުވެގެން 6 ގަޑިއިރު ނަގާނެއެވެ.
ދިވެހި ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓްތައް ހިންގަނީ ގެއްލުމުގައެވެ. ސަރުކާރުން ގެންދަނީ ރައްޔިތުންގެ ޑިމާންޑްކުރާތީ ކައިރި ކައިރީ ގިނަ އެއާޕޯޓްތަކެއް އަޅަމުންނެވެ. ށ. ފުނަދޫ އާ މިލަންދޫ އާ ދޭތެރޭ ދަތުރުކުރަން ޖެހެނީ 15 ވަރަކަށް މިނެޓެވެ. ފުނަދޫ އެއާޕޯޓް އޮއްވައި މިލަންދޫގައިވެސް އެއާޕޯޓް އަޅަނީއެވެ. ފ. ނިލަންދޫއާ މަގުދޫއާ ދެމެދުވެސް މި ދުރުމިނެވެ. ދެ ރަށުގައިވެސް އެއާޕޯޓް އަޅަނީއެވެ. ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލްކުރަން އެތައް ބިލިއަން ރުފިޔާއެއް ހޭދަކުރުމަށް ފަހު، ކައިރީގައި އޮތް ދިއްދޫގައިވެސް އެއާޕޯޓެއް އަޅަނީއެވެ. ރ. އަތޮޅުގައި އިތުރު ދެ އެއާޕޯޓް އަޅަނީއެވެ. ތ. އަތޮޅުގައި ވެސް ޖެހި ޖެހިގެން އިތުރު ދެ އެއާޕޯޓް އަޅަނީއެވެ. ސަރަހައްދީ ބައެއް އެއާޕޯޓްތަކަށް ހަފްތާއަކު ޖައްސަނީ 1 ފްލައިޓެވެ. ދައުލަތަށް ގެއްލުމުގައި އެއާޕޯޓްތައް ހިންގަމުން ފްލައިޓް ޓިކެޓް އަގުހެޔޮކުރަންވެސް ރައްޔިތުން ޑިމާންޑްކުރެއެވެ.
ކޮންމެ އެއާޕޯޓާކީ ދަރަންޏެވެ. ހިންގަނީ ގެއްލުމުގައެވެ. އެއާޕޯޓް އަޅަނީ މާލެ ދާށެވެ. މާލެ ދަނީ ހިދުމަތްތައް ހޯދާށެވެ. އެއާޕޯޓްތައް އަޅަން ކުރާ ހަރަދުގައި، ސަރަހައްދީ ހިދުމަތްތައް މާލޭ ފެންވަރަށް ގާއިމުކުރެވޭނެއެވެ.
ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ އެއާޕޯޓް ދުރުވުމެވެ. އެއާޕޯޓް އޮންނަ ރަށަށް ދާން ކުރަން ޖެހޭ ހަރަދެވެ. އެއީ ރަނގަޅު ސަބަބެކެވެ. އެއާޕޯޓް އޮންނަ ރަށުން ފްލައިޓްގަ މާލެދާން ކުރަން ޖެހޭ ހަރަދަށް ވުރެ އެއާޕޯޓް އޮންނަ ރަށަށް ދާން، ނުވަތަ އެއާޕޯޓް އޮންނަ ރަށުން އަމިއްލަ ރަށަށް ދާން ކުރަން ޖެހޭ ހަރަދު ބޮޑެވެ. ލާންޗުފަހަރުގެ އަގު ބޮޑެވެ. ތެޔޮ އަގު ބޮޑުވާ ކޮންމެ ފަހަރަކު ބޮޑުވާ އަގު ކުޑައެއްވެސް ނުވެއެވެ. ރައްޔިތުން އުފުލަންޖެހޭ ބުރަ ބޮޑެވެ. މޫސުން ގޯސް ނަމަ އުފުލަން ޖެހޭ ތަކުލީފު ބޮޑެވެ. ހައްލަކީ ކޮބައި ހެއްޔެވެ؟ ކޮންމެ ރަށެއްގައި އެއާޕޯޓް ނުވަތަ އެއާސްޓްރިޕް އެޅުން ހެއްޔެވެ؟ އެއާޓެކްސީ ރަށަށް ޖެއްސުން ހެއްޔެވެ؟
އާރުޓީއެލް ފެރީ ނިޒާމަށް ބަލާށެވެ. އެއް ރަށުން އަނެއް ރަށަށް ހެޔޮ އަގުގައި ދެވެއެވެ. އެންމެ ގޯސް މޫސުމުގައިވެސް ހަމަ ޖެހިގެން ދަތުރުކުރެވެއެވެ. ދިވެހި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި މަދުވަނީ އާރުޓީއެލް އެއާޕޯޓް ފެރީއެވެ. އެއާޕޯޓް ފެރީގެ ވިއުގައެއް ގާއިމުކުރެއްވިއްޖެ ނަމަ ރައްޔިތުން ކޮންމެ ރަށެއްގައި އެއާޕޯޓެއް އަޅަން ކުރާ ޑިމާންޑް ކުޑަވާނެއެވެ. ކޮންމެ ރީޖަނަލް އެއާޕޯޓަކަށް ޖައްސާ ކޮންމެ ފްލައިޓަކުން އަންނަނީ ކޮން ރަށްރަށަކަށް ދާ ބައެއްކަން އާރުޓީއެލް އެއާޕޯޓް ފެރީގެ ނިޒާމާ ފްލައިޓް އޮޕަރޭޓްކުރާ ކުންފުނިތަކާ ދެމެދު ހިއްސާކުރެވިދާނެއެވެ. ރީޖަނަލް އެއާޕޯޓަށް ފުރަން ދަނީ ކޮން ރަށްރަށަކުން ކަން މައުލޫމާތުގެ ވިއުގައިން ހިއްސާކުރެވޭނެއެވެ. އެއާޕޯޓް ފެރީ އަކީ ފްލައިޓްތައް އަންނަ ގަޑިތަކާ ފުރާ ގަޑިތަކަށް ރަށްރަށުން އެއާޕޯޓަށް މީހުން އުފުލުމާއި ރަށަށް ގެންދިއުމުގެ ހިދުމަތަށް ހާއްސަ ފެރީގެ ނިޒާމެވެ. އެއާޕޯޓް ފެރީ ނިޒާމުގެ ބައެއްގެ ގޮތުގައި ކޮންމެ ރީޖަނަލް އެއާޕޯޓެއްގައި ރަށްރަށުން އަންނަ މީހުން މަޑުކޮށްލާނު ކޮޓަރި ބަރިއެއް ފަދަ ތަނެއްވެސް ހެދިދާނެއެވެ. އެއާޕޯޓް ކޮޓަރިބަރިއާއި އިތުބާރުކުރެވޭ، ބަރޯސާ ވެވޭ އެއާޕޯޓް ފެރީގެ ނިޒާމަކުން އަތޮޅުތަކުގެ ރައްޔިތުން އެއާޕޯޓު އޮންނަ ރަށަށް ގޮސް ދިމާވާ ދަތިތަކަށް ހައްލު ލިބި، އެއާޕޯޓުން ރަށަށް ދާން ކުރާ ހަރަދު ކުޑަކުރެވޭނެއެވެ. އަދި ކޮންމެ ރަށެއްގައި އެއާޕޯޓް އަޅަން ކުރާ ޑިމާންޑު ކުޑަކުރެވޭނެއެވެ.
އެއާޕޯޓް ފެރީގެ ނިޒާމެއް ގާއިމުކުރުމަކީ ބޮޑު ކަމެއް ނޫނެވެ. ނެތީ އެކަން ކުރާނެ ސިޔާސީ ބަޔަކާއި ސިޔާސަތެވެ.






ރިއެކްޓް