ރައީސަށް އަމާޒުވި 'މުޑުދާރު' ތުހުމަތަށް ދެ ހަފްތާ - މުޅި ގައުމު ހަނު؟
މި ދައްކަނީ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިޔާގެ ވާހަކަ އެވެ. އެ ދައުލަތުގެ އެންމެ ހުރުމަތްތެރި އިދާރާގެ އެންމެ ހުރުމަތްތެރި ކޮޓަރިކޮޅުގައި މާތް الله ހަރާމް ކުރެއްވި ފާހިޝް އަމަލުތަކެއް ހިންގި ކަމުގެ މުޑުދާރު ތުހުމަތުގެ ވާހަކަ އެވެ.
މި އިސްލާމީ ދައުލަތާއި އެ ދައުލަތުގެ ވުޒާރާތަކާއި، އިދާރާތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއި، މި ގާނޫނު އަސާސީ ނަގަހައްޓަން މާތް الله ގަންދީ ހުވާކޮށްގެން ތިބި ސިފައިންނާއި ފުލުހުން އަދި މިވަގުތު އޮތް ސަރުކާރު ގޯސްވެ، އެ ވަބާއަކަށްވެ، އެ ވަބާއިން މި ދިވެހި ގައުމު ސަލާމަތްކުރަން ތިބި އިދިކޮޅު ސިޔާސީ ޕާޓީތަކާއި އަދި ދައުލަތުގެ ހަތަރުވަނަ ބާރުކަަމަށްވާ މީޑިއާއިންވެސް މި ތުހުމަތުކުރި ފަރާތަކީ ތެދުވެރިއެއްތޯ ނުވަތަ ފާސިގެއްތޯވެސް ބަލާނުލި ވާހަކަ އެވެ.
މިދިޔަ މާރިޗު މަހުގެ 28 ވަނަ ދުވަހު 'އަދަދު' ނޫހުން ޝާއިރުކުރި 'އައިޝާ' ޑޮކިއުމެންޓްރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާއާއި އެކު ކައިވެނިން ބޭރުން ގުޅުންތަކެއް ހިންގިކަމަށް އެ ވީޑިއޯގައި ވާހަކަ ދައްކާ 'އައިޝާ' ވަނީ ތުހުމަތުކޮށްފަ އެވެ. އައިޝާ ރައީސް އޮފީހުން ވަޒީފާދިން ކަމާއި، 'މެޑަމް' އަށް އެ ގުޅުން ހިންގާކަން އެނގި، މެޑަމްގެ ނުފޫޒުން އައިޝާ އެހެން ތަންތަނަށް ބަދަލުކުރި ތާރީހުތަކާއި، މަސައްކަތްކުރި ތަންތަނާއި ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބާރު ލިބޭ ސްކްރީންޝޮޓުތަކާއި، ލިޔެކިޔުންތަށް އެ ވީޑިއޯގައި ވަނީ ދައްކާފަ އެވެ.
ގައުމެއްގެ އެންމެ މަތީ ވެރިޔާގެ އިސްތަށިފުޅުގައި މިފަދަ ބޮޑު އިލްޒާމެއް އެޅިގެންދާއިރު، ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިކަމާ ގުޅިގެން ބަހެއް ބުނެފައި ނުވުމަކީ ސުވާލު އުފެދޭ ކަމެއް ނޫންތޯ އެވެ؟ ދިވެހި ފުލުހުންގެ ހިދުމަތާއި އަލަށް އުފެއްދި މީޑިއާ ކޮންޓްރޯލް ކޮމިޝަނުންވެސް މިއީ އާދައިގެ ކަމަކަށް ހެދީތޯ އެވެ؟
އިއްޔެ ކަން ހިނގީކީ މި މަގަކުން ނޫނެވެ. ރައީސް މުއިއްޒާއި ސަރުކާރު ބަދުނާމުވާ ގޮތަށް ތައްޔާރުކުރި ޑޮކިއުމެންޓްރީތަކާއި ކާޓޫނުތަކާއި ލިޔުންތައް ނެގުމަށް މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ވަނީ އަންގާފަ އެވެ. މީސް މީޑއިާގައި ކައްޒާބޭ ކިޔާފައި ޓްވީޓެއް ކޮށްލުމުން އެ ދައްކަނީ މަގޭ ވާހަކައޭ ހިތާ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށް، ފޯނުވެސް ހިފެހެއްޓީ މިދާކަށްދުވަހު އެވެ. ޒިނޭގެ ތުހުމަތު ހަމަ އެއްޗަކަށް ނުވީތޯ އެވެ؟
ޝެއިހަކު ގަޒުފުގެ ވާހަކަ ޓްވީޓެއް ކޮށްފައި އިންދާ ދުށީމެވެ. އޭނާވެސް ޓްވީޓަކުން ނިންމާލީ އެވެ. ގަޒުފަކީ ބޮޑު ފާފައެއްކަމަށް ބުނެ އޭނާވެސް އެ 'މުންކަރާތް' ކުރި ބަޔަކަށް ދޫކޮށްލީތޯ އެވެ؟
މި މުޑުދާރު އަމަލުގެ ވާހަކަ ދައްކާނޭ، މީގެ ތެދު ދޮގު ބަލާނޭ ބަޔަކު ނެތަސް، ރައްޔިތުންތިބީ އެހެނަކުން ނޫނެވެ. ކޮންމެ ކޮފީ މޭޒެއްގައި މި ވާހަކަ ދައްކަ އެވެ. ކޮންމެ ހޮޅުއައްޓެއްގައި އޮންނަނީ 'އެލް ސޯފާ' އެއްގެ ވާހަކަ އެވެ. އިއްޔެ އެރި ޕިކަޕުގެ ޓޯކީއިންވެސް ގޮވާލީ މުންނާރު ސޯފާކައިރިއަށް ޕިކަޕެއް ބޭނުންވެޔޭ ކިޔާފަ އެވެ. ޑްރައިވަރު ކައިރީގައި އަހާލުމުން ބުނީ އެއީ މުލިއާގެއަށް ކިޔާ ނަންކަމަށެވެ.
ރައްޔިތުންނަށް މިއީ ޖޯކެއް ނޫނެވެ، މަޖަލެއްވެސް ނޫނެވެ. ރައްޔިތުން އެދެނީ ކޮންމެވެސް މުއައްސަސާއަކުން ނުވަތަ އިދާރާއަކުން މިކަން ތަހުގީގުކޮށް، މުޑުދާރު އަމަލެއް ހިންގާފައިވާނަމަ އެ ބަޔަކަށް ނުވަތަ ހިންގާފައިނުވާނަމަ ގަޒުފުގެ މި ބޮޑު ފާފަ ކުރި ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. އަޅުގަނޑުގެވެސް އަމިއްލަ ޟަމީރަށް މިކަން މިހެން ދޫކޮށްލަން ގަބޫލު ނުކުރެވޭތީ މި ވާހަކަ ލިޔެނުލާ ދޫކޮށްނުލެވުނީ އެވެ.






ރިއެކްޓް