"ދޮންއަމާ" އަށް އެވޯޑު، "އައިޝާ" އަށް ޖަލު ގޮޅި
ރައީސް މުޢިއްޒަކީ އެމީހަކާ ގުޅުވައިގެން އެއް ޑޮކިއުމެންޓަރީ އަށްވުރެ ގިނަ ޑޮކިއުމެންޓަރީ ރާއްްޖޭގައި ނެރުނު މަދު މީހުންގެ ތެރެއިން މީހަކަށް ވާނެއެވެ. ފުރަތަމަ ޑޮކިއުމެންޓަރީ ނެރުނީ ވެރިކަމަށް އައުމުގެ މަގުމަތީގައެވެ. ދެވަނަ ޑޮކިއުމެންޓަރީ ނެރުނީ ވެރިކަމަށް އެއް އަހަރު ފުރުމާ ގާތްކޮށެވެ. ތިބން ވަނަ ޑޮކިއުމެންޓަރީ ނެރުނީ ވެރިކަން ދެބައިވާން ކައިރީވީފަހުންނެވެ.
މި ތިން ޑޮކިއުމެންޓަރީއާއި މެދުވެސް މުޢިއްޒުގެ ބަހަކީ "ތިޔައީ ދޮގު ވާހަކަތަކެއް" މިއެވެ.
ނަމަވެސް މި ތިން ޑޮކިއުމެންޓަރީއާއި މެދު މުޢިއްޒުގެ ވެރިކަމުގައި ކަންކުރެވިގެންދިޔައީ އުޑާ ބިމާހާ ތަފާތުކޮށެވެ. އެއްބަޔަކު ނެރުނު މި ތިން ޑޮކިއުމެންޓަރީއަކީވެސް މުޢިއްޒުގެ ޒާތީ ދިރިއުޅުމާއި ޕާޓީ ހިންގުމުގެ ވާހަކަތަކެއް ގެނެސްދޭ ޑޮކިއުމެންޓަރީއެވެ. މި ތިން ޑޮކިއުމެންޓަރީގައި ދައްކާ ވާޙަކަތައް މުޢިޒު ދޮގުކުރައްވާފައި އޭގެ ފަހުން ޢަމަލު ކުރެއްވި ގޮތުން ދިވެހި ރައްޔިތުންނަށް ލިބުނީ "ސަޕްރައިޒް" އެކެވެ.
"ސްކީލާން" ނުވަތަ ރައީސް މުޢިއްޒުގެ ބަހުންނަމަ ދޮންއަމާ ޑޮކިއުމެންޓަރީއަށް ދިނީ އެވޯޑެކެވެ. ލެޔާއި ދަލާއި އޮހޮރުވައި ސްކީލާންގެ ސްކްްރިޕްޓުން ފެށިގެން އެޑިޓިންގ އާއި ހަމައަށް، އިންޓަވިއުއިން ފެށިގެން ވީޑިއޯ ޝޫޓިންއާއި ހަމައަށް ކަނޑާއި ފަޅު ހުރަސްކޮށް އެންމެ ބުރަ މަސައްކަތެއް ކުރިކަމަށްް ދަޢުވާކުރި "ދޮންއަމާ އާއިދަށް" ދެއްވީ 40،000ރ ގެ މުސާރަލިބޭ ވަޒީފާއެކެވެ. އަދި ޕީއެންސީ ސޯޝަލްމީޑީއާ ޓީމުގެ އިސްރޯލެކެވެ.
Loading tweet content... View original tweet
ދައުލަތުގެ ބާރެއްގެ މައްޗަށް ނުފޫޒު ފޯރުވުމަށް "ނަގުދު ފައިސާ" ބަހާކަމުގެ ވާހަކަ ތަފްސީލާއެކު ގެނެސްދިން ޑޮކިއުމެންޓަރީ ދޫކޮށްލީ އެއްވެސް "އެކްޝަނެއް" ނުނަންގަވައެވެ. ފައިސާގެ ވާހަކަ އެހާ ގިނައިން ދެއްކުމުން އެނގެން ނުޖެހޭ ވާހަކަތަކެއް ޢާއްމު ރައްޔިތުންނާއި ހަމައަށް ހިލިދާނެ ކަމަށް ޤަބޫލުކުރެވުނީ ކަމަށް ވެދާނެއެވެ.
ދެންް އޮތީ އެ ޑޮކިއުމެންޓަރީއެއްގެ ނަންކިޔުންވެސް ކޯޓަކުން މަނާކުރި ޑޮކިއުމެންޓަރީއެވެ. މި ޑޮކިއުމެންޓަރީއާއި ގުޅިގެން ނާޅާ ފިޔަވަޅެއް ނެތެވެ. ޑޮކިއުމެންޓަރީގެ ލީޑް ރޯލުން ފެނިގެންދިޔަ "ސޯފާ" ޢާއްމުތަންތަނުގައި ގެންގުޅުމާއި އޭގައި އިށީނުމާއި އޮށޯތުންވެސް މަނާވެއްޖެއެވެ. ޑޮކިއުމެންޓަރީގެ ވާހަކަ ލިޔުނު ނޫސްވެރިންނާއި އެއާއި ގުޅިގެން ސުވާލުކުރި ނޫސްވެރިން ވަނީ 48 ގަޑިއިރުގެ ތެރެގައި ޖަލުގޮޅި ވަނީ ދައްކާފައެވެ. ޑޮކިއުމެންޓަރީ އުފެއްދި މީޑިއާގެ ވެރިން ކޯޓަށް ދަމަމުން ދަނީ 5 އަަހަރުގެ ޖަލުހުކުމެއް އަންނަ ދަޢުވާއެއްގައެވެ.
މިކަންކަން މިގޮތަށް ހިނގުމުން ސަބަބުވެރި އިންސާނަކު މިކަމާމެދު ފުންކޮށް ވިސްނާނެއެވެ. ވިސްނުމުން ދޭހަވާ ގިނަ ކަންތައްތަކުގެ ވާހަކަ "ކޯޓުގެ އަމުރެއް" ނެރެފައި އޮތީތީ ދެއްކެން ނެތުމުން ތަންކޮޅެއް ދުރުން ދުރުން ސުރުހީ އަޅާލާނަމެވެ.
ކަމަކަށް އެވޯޑުދޭނީ އެކަމެއްގެ މޮޅުކަމަށް ބަލާފައެވެ. ޑޮކިއުމެންޓަރީއެއްނަމަ، އެއަށް އެވޯޑުދޭނީ އޭގެ ކޮލިޓީ ވަޒަން ކުރުމަށްފަހުއެވެ. އެ ޑޮކިއުމެންޓަރީގައި "ދޮގު" ހުރިނަމަ އެވޯޑު ނުލިބުނީހެވެ. ޑޮކިއުމެންޓަރީ އުފެއްދި މީހުންނަށް އެކި ޒާތުގެ ބޮޑެތި އިނާމު ނުލިބުނީހެވެ.
ތިން ޑޮކިއުމެންޓަރީގައި ހުރީ "ދޮގު" ވާހަކަތަކެއް ކަމަށް ބުނުމަށްފަހު އެ ތިން ޑޮކިއުމެންޓަރީއާމެދު ތިން ގޮތަށް ޢަމަލު ކުރުމަކީ ދެކޮޅުޖެހޭ ކަމެއް ކަމަށް ހަމަވިސްނޭ އެއްވެސް މީހަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. މީގައި އޮތީ ތިން ގޮތެކެވެ. އެއީ ނެރޭ ކޮންމެ ޑޮކިއުމެންޓަރީއެއްގައިވެސް 'ދޮގު" ޓެގު އެޅުވުމެވެ. ނޫނީ ތެދު ޑޮކިއުމެންޓަރީއަށް އިނާމު ދިނުމާއެކު ދޮގު ޑޮކިއުމެންޓަރީއަށް އަދަބު ދިނުމެވެ. ނޫނީ ސިއްރުކުރަން ބޭނުންވާ މަޢުލޫމާތު ހިމެނޭ ޑޮކިއުމެންޓަރީއަށް އަދަބު ދިނުމެވެ.
މީ ތިން ޑޮކިއުމެންޓްރީގެ ތެރެއިން ތެދު ދޮގު ހިމެނޭ ޑޮކިއުމެންޓަރީ ނިންމާނީ ރައްޔިތުންނެވެ. މި ޑޮކިއުމެންޓަރީތަކާއި މެދު ރައީސް ޢަމަލުކުރައްވާފައިވާ ގޮތުން ރައީސްގެ ބަހަށް އިތުބާރު މިހާރު ވަނީ ގެއްލިފައެވެ. އެހެނީ ރައީސް ވަނީ އެމަނިކުފާނު ހިތްހަމަނުޖެހޭ ކޮންމެ ވާހަކައަކީ "ދޮގެއް" ކަމަށް ވިދާޅުވެފައެވެ.
ރިއެކްޓް
ރަނގަޅު
3
ސަކަރާތް
0
ލޯބި
0
މަޖާ
0





