ކޮލަމް

ފިޗް ރޭޓިންގް: އިގްތިސާދު ހަގީގަތުގައިވެސް ވަރުގަދަވީތަ؟

4 ޖޫން 2026 - 19:39
ފިޗް ރޭޓިންގް: އިގްތިސާދު ހަގީގަތުގައިވެސް ވަރުގަދަވީތަ؟

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'CC' އިން 'CCC-' އަށް ފިޗް ރޭޓިންގްސް އިން މަތިކުރުމާ ގުޅިގެން، މިއީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތައް ކާމިޔާބުވަމުންދާ ކަމުގެ ހެއްކެއް ކަމަށާއި އިގްތިސާދަށް ބޮޑު ކުރިއެރުމެއް އައިސް މުޅި އިގްތިސާދު ވަރުގަދަވެއްޖެ ކަމަށް ބުނެ ސަރުކާރުން ދަނީ އުފާފާޅުކުރަމުންނެވެ. މަޖިލިސް މެންބަރުންނާއި ސިޔާސީ މުވައްޒަފުން ލައްވައި 'ގަދަކަމުން' ސޯޝަލް މީޑިއާގައި އެތައް ޕޯސްޓެއް ކޮށްފިއެވެ.

ތެދެކެވެ. ކުޑަނަމަވެސް ކުރިއެރުމެއް ލިބިއްޖެ އެވެ. ނަމަވެސް 'ލޮލަށް ފެންނަ' ޕްރޮޖެކްޓެއް ނުހިންގާ، ވިޔަފާރި ތަކަށް ލިބޭ ޑޮލަރުކޮޅު 'އަތުލައިގެން' ނުވިތާކަށް އާންމު ރައްޔިތުމީހާގެ ޒަރޫރީ ބޭނުންތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރިތައް ކުރުން 'އާންމު އުނދަގުލަކަށް ހަދައިގެން މި ހޯދުނީ އެކަށޭނަ ނަތީޖާއެއްތޯ އެވެ.

ކަން ހުރި ގޮތުގެ ވާހަަކަ އަޅުގަނޑު ނަންގަނެލާނަމެވެ. ގޮތް ނިންމާނީ ތިކޮޅުންތާ އެވެ.

ފިޗްގެ ރިޕޯޓަށް ފުންކޮށް ބަލާލުމުން ހަމަ ގައިމުވެސް އަޅުގަނޑަށް ފެންނަނީ މުޅިން ތަފާތު ވާހަކައެކެވެ. ތިބޭފުޅުން އަމިއްލަފުޅަށް ކިޔާލުމަށް ރިޕޯޓުގެ ލިންކު ހިމަނައިފައި އެވަނީއެވެ. އިއްޔެ ރޭޓިން މަތިވި މަތިވުމަކީ ރާއްޖޭގެ އިޤްތިޞާދު ދުޅަހެޔޮވުމެއް ނޫނެވެ. އަދި މިއީ ދަރަނި ދެއްކުމުގެ ޤާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ލިބުނުކަމަށް ނުވަތަ ބޭރު ފައިސާގެ 'ބޮޑު ތަދަށް' ހައްލެއް ލިބުނީކަމަށް އެ ބޭފުޅުން ދެކުމެއްވެސް ނޫނެވެ. ކަށަވަރުވެ ޔަގީންވާ ކަމަކީ މި ރޭޓިންގެ މާނައަކީ ރާއްޖެ މާލީ ނުރައްކަލުން ސަލާމަތްވެއްޖެ ކަމަށް އެބޭފުޅުން ގަބޫލުކުރުމެއް ނޫންކަމެވެ.

'CCC-' ރޭޓިންގްގެ މާނައަކީ ކޮބާ؟

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މި ބަދަލަކީ އިންވެސްޓަރުންގެ އިތުބާރު ލިބި، މާލީ ހަމަޖެހުން ޤާއިމުވުން ކަމަށް ދެއްކި ނަމަވެސް، މިއީ ވަރަށް ބޮޑު އޮޅުވާލުމެކެވެ. 'CCC-' އަކީ އަދިވެސް ފިޗްގެ ރޭޓިންގް ތާވަލުގައި އޮތް އެންމެ ދަށް އެއް ދަރަޖައެވެ. މިއީ އިންވެސްޓަރުންގެ ބަހުން ނަމަ 'ޖަންކް ސްޓޭޓަސް' އެވެ. މީގެ މާނައަކީ ރާއްޖެ އަދިވެސް އޮތީ ބަނގުރޫޓުވުމުގެ (default) ބިރު އިންތިހާއަށް އޮތް ޤައުމުތަކުގެ ތެރޭގައެވެ. ރާއްޖެއަށް އައި ހަމައެކަނި ބަދަލަކީ ބަނގުރޫޓުވުން 'ވަރަށް ގާތް' (CC) ހާލަތުން، ބަނގުރޫޓުވުމުގެ ބިރު 'ކުޑަކޮށް ދުރު' (CCC-) ހާލަތަކަށް ބަދަލުވުމެވެ.

 (CCC-) އަކީ ފިޗުގެ ރޭޓިން ތާވަލުގައި އިން 21 ދަރަޖައިގެ ތެރެއިން 17 ވަނަ ދަރަޖަ އެވެ.

ރޭޓިންގް މަތިވުމުގެ އަސްލު ސަބަބު!

ފިޗް އިން ރާއްޖޭގެ ރޭޓިންގް މަތިކުރި މައިގަނޑު ސަބަބަކީ 2026 ވަނަ އަހަރުގެ އޭޕްރިލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިންމުމެވެ. ފިޗްގެ ރިޕޯޓުގައި ސާފުކޮށް ބުނެފައިވަނީ މި ދަރަނި އަދާކުރުމުން ކުރިއަށް އޮތް ކުރު މުއްދަތުގައި ދަރަނި ދެއްކުމުގެ ޕްރެޝަރު ކުޑަވެފައިވާ ކަމަށެވެ. އެހެންކަމުން، މި ކުރިއެރުމަކީ އިޤްތިޞާދު ވަރުގަދަވެގެން ނުވަތަ ރިޒާވް އިތުރުވެގެން އައި ބަދަލެއް ނޫނެވެ. މިއީ ހަމައެކަނި ބޮޑު ދަރަންޏެއް ދައްކާ ނިންމުމުން ފެންނަ ވަގުތީ މަންޒަރެކެވެ.

ސަރުކާރުން އެ ފައިސާ ދައްކަން އިތުރު ފެސިލިޓީއަކުން ފައިސާ ނުނަގާ ކަމަށް ބުނުމާއި ދިވެހި ސަރުކާރުން އެސްޓީއޯއަށް ވިއްކި ސަތޭކަ މިލިއަނުގެ ބޮންޑާއި އެކި ދިމަ ދިމާލުން 'ފުރޭނި' ފައިސާގެ ވާހަކަ އަދި އެހެން ވަގުތަކުން ލިޔެލާނަމެވެ. 

ބޭރު ފައިސާގެ ރިޒާވް އޮތީ ނާޒުކު ފައްތަރެއްގައި!

ރޭޓިންގް މަތިވި ކަމަށް ބުނާ ސުރުޚީގެ ފަހަތުގައި އޮތީ ބިރުވެރި މަންޒަރެކެވެ. ފުރަތަމަ ކަމަކީ، ބޭރު ފައިސާގެ ރިޒާވް އިންތިހާއަށް ދަށްވުމެވެ. ސުކޫކު ދެއްކުމަށްފަހު ބޭނުންކުރެވޭ ރިޒާވް 244 މިލިއަން ޑޮލަރަށް ތިރިވެފައިވާއިރު، އޭގެ ތެރެއިން 97 މިލިއަން ޑޮލަރު ވަނީ ޑޮލަރުގެ ތާށިކަމަށް އެހީ ވުމަށް ބޭންކުތަކުގައި ބަހައްޓާފައެވެ، ޖުމްލަ ރިޒާވް ވަނީ 1.3 ބިލިއަނުން 718 މިލިއަނަށް ވެއްޓިފައެވެ. ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް މިއީ އެއް މަސްދުވަހުގެ ޚަރަދު ފޫބެއްދޭނެ މިންވަރެއްވެސް ނޫނެވެ. ފިޗް އިން ލަފާކުރާ ގޮތުގައި 2027 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ރިޒާވް ހުންނާނީ އެހެން ޤައުމުތަކާ އަޅާބަލާއިރު ނުރައްކާތެރި މިންވަރެއްގައެވެ.

ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލުން!

ދެވަނަ ކަމަކީ، ދައުލަތުގެ ދަރަނި އިންތިހާއަށް އުފުލުމެވެ. 2027 ވަނަ އަހަރު އަންނައިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ 119.2 އިންސައްތައަށް އަރާނެ ކަމަށް ފިޗް އިން ލަފާކުރެއެވެ. މީގެ މާނައަކީ ރާއްޖޭގައި އެއް އަހަރު ތެރޭ އުފައްދާ މުދަލާއި ޚިދުމަތުގެ ޖުމްލަ އަގަށްވުރެ ދައުލަތުގެ ދަރަނި ބޮޑުވުމެވެ. ފިޗް އިން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖެއާ އެއް ފަންތީގެ އެހެން ޤައުމުތަކުގެ ދަރަންޏާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ. އަދި ދަރަނީގެ އިންޓްރަސްޓް ވެސް އެހެން ގައުމުތަކާއި އަޅާ ބަލާއިރު ރާއްޖެއަށް ބޮޑުވާނެއެވެ. މިއީ ދަރަނި ދެއްކުމުގެ ޤާބިލުކަން ކުޑަވަމުންދާ ކަމުގެ ސާފު ހެއްކެކެވެ.

ބަޖެޓް ޑެފިސިޓް އިތުރުވުމުގެ ބިރު!

ބަޖެޓް ޑެފިސިޓް ކުޑަވުމުގެ ބަދަލުގައި، 2026 ގައި މިއަދަދު 14.6 އިންސައްތައަށް އުފުލޭނެ ކަމަށް ފިޗް އިން ލަފާކުރެއެވެ. މިއީ ސަރުކާރުން އަމާޒުކުރި މިންވަރަށްވުރެ ދެގުނަ ބޮޑު އަދަދެކެވެ. ދައުލަތުގެ ޚަރަދުތައް ކުޑަނުކުރެވި، އާމްދަނީއާ ނުބައްދަލު ޚަރަދުތައް ކުރަމުންދާނަމަ، އިޤްތިޞާދީ އިސްލާޙީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާއެއް ނުފެންނާނެއެވެ. މިކަމުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ކުޑަވެ، ލޯނު ހޯދުމަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ފިޗްގެ މި ރިޕޯޓަކީ ސަރުކާރުން ބުނާ ފަދަ ކާމިޔާބީގެ ސެޓުފިކެޓެއް ނޫނެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ނާޒުކު މިންވަރު ހާމަކޮށްދޭ އިންޒާރެކެވެ. ދަރަނި ބޮޑުވެ، ރިޒާވް ހުސްވެ، ބަޖެޓް ޑެސިފިޓް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ހަމައެކަނި ރޭޓިންގްގެ އަކުރަކަށް އައި ބަދަލަކުން އިޤްތިޞާދު ރަނގަޅުވި ކަމަށް ބުނުމަކީ އަމިއްލަ ނަފްސަށް އޮޅުވާލުމެކެވެ. ހަޤީޤީ އިޤްތިޞާދީ ވަރުގަދަކަމެއް ލިބޭނީ މި ބުނި އަސާސީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދިގެންނެވެ.

އަމިއްލަ ނަފްސަށް އޮޅުވާލައިގެން ސަރުކާރުގެ ވެރިން ގަބޫލުކުރައްވަނީ ސީޔާސީން ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތަކުން ދިވެހީންނަށް އޮޅުވާލެވިދާނެ ކަމަށެވެ. ނަމަޥެސް ދިވެހީން އަމުދުން މިހާރު އެޔަށްވުރެން ހޭލުންތެރިއެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ހިތް ބުނަނީ 10-12 މިނެޓު ވަންދެން 'މޫނަށް ރުލެއްވެސް ނާރުވާ' ހަދާލާ ކުޅަދާނަ ދޮގުތަކަކުން ދިވެހީންނަށް އޮޅުވާ ނުލެވޭނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0