ކޮލަމް

އިންތިޚާބުން ބަލިވުމުގައި މިނިސްޓަރު އިހުސާނުގެ އަތެއް ވާނެ؟

7 ޖޫން 2026 - 10:32
އިންތިޚާބުން ބަލިވުމުގައި މިނިސްޓަރު އިހުސާނުގެ އަތެއް ވާނެ؟

ނިމިގެން މިދިޔަ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި އިލެކްޝަނުން ޕީއެންސީ ބަލިވުމުން ޕީއެންސީގެ މެންބަރުންގެ ތެރެއިން އެކަމާ އުފާކުރާނެ މީހަކު ހުރެދާނެ ކަމަށް ޤަބޫލުކުރަން ދަތިވިޔަސް އެއީ ހަގީގަތާއި މާދުރުގައި އޮތް. ކަމެއް ނޫނެވެ. ޕީއެންސީ މި އިންތިޚާބުން ބަލިވުމުން އެކަމުން ހިތަށް ފިނިކަމެއް ލިބޭނެ ހަމައެކަނި މީހަކު ޕީއެންސީ ސަރުކާރުގެ ހޯމް މިިނިސްޓަރ އަލީ އިހުސާނެވެ.

ސަބަބެއް ނެތިއެއް ނޫނެވެ. އައްޑޫގައި އިހުސާނަށް ކެންޕޭން ކުރަން ނޭނގޭ ކަމަށް ބުނެ ބާކީކޮށްލުމަށްފަހު ކެންޕޭން ހިންގުން ސްޕޯރޓްސް މިނިސްޓަރ ރާއްޕެ އާއި ހަވާލުކުރީ އިހުސާނުގެ އަމިއްލަ ރަށުގެ މީހުންގެ ކުރިމަތީގައި އިހުސާނު ލަދުގަންނަވާލާފައެވެ. ކެންޕޭން މެނޭޖަރުކަން އަތުލުމަކުން ހަމައެކަނި ނިންމާލީކީ ނޫނެވެ. ކެންޕޭނަށް އައްޑޫއަށް ދިއުންވެސް މަނާކުރީއެވެ. އަދި ރިޔާސީ އިންތިޚާބުން ފެށިގެން އިހުސާނު އުފެއްދި ކެންޕޭން ޓީމުތައް ހިންގުމަށް އައްޑޫ ނުވެސް ދަންނަ މިނިސްޓަރުން ތަކެއްްގެ އަތްމައްްޗަށް ދޫކޮށްލީއެވެ.

އިންތިޚާބުން ނުކުތީ އިހުސާނުއާއި އޭނާއަށް އަށް ހެޔޮގޮތް އެދޭ މީހުންވެސް އުއްމީދުކުރި ނަތީޖާއެކެވެ. މި ނަތީޖާ އިން ފެނުނީ "އައްޑޫ ނޭނގޭ ބަޔަކަށް އައްޑޫއަށް ގޮސް ކުރެވޭނެ ކެންޕޭނެއް ނޯންނާނެ" ކަމެވެ. އެތައް ދުވަހެއް ވަންދެން އައްޑޫގައި ކޭމްޕު ކޮށްގެން ރާއްޕެއާއި ޝިޔާމުއާއި ހީނާ ކުރި ކެންޕޭނުން ބަލިވިއިރު މި ބައްޔަކީ ބައްޔެއް ނޫންކަމަށް ދައްކަން ހުއްޓާނުލާ އެ ޓީމުން ދަނީ ސޯޝަލްމީޑިއާގައި ހަރަކާތްްތެރިވަމުންނެވެ. އިހުސާނު ފިޔަވައެވެ.

ނަމަވެސް އުފެދޭ ބޮޑު ސުވާލަކީ ކުޑަ ތަފާތަކުން ޕީއެންސީ ބަލިވުމުގައި ޕީއެންސީގެ އެތެރެއިން ނުބައި ރޯލެއް ކުޅެފައި ހުރެދާނެ ބާވައެވެ. ނުވަތަ މިފަދަ ކަމެއް ހިނގިނަމަ އެކަމެއްގެ ފަހަތުގައި އިހުސާނު ހުރެދާނެ ބާވައެވެ. ނުވަތަ އިހުސާނަށް ވަފާތެރި ބަޔަކު މިފަދަ ކަމެއް ހިންގަފާނެ ބާވައެވެ.

އިހުސާނަކީ ޕީއެންސީއަށް ވަފާތެރި މެންބަރެކެވެ. ރައީސް މުޢިއްޒަށް ވަފާތެރި މިނިސްޓަރެކެވެ. އިހުސާނުގެ ވަފާތެރިކަމާމެދު ސުވާލެއް އުފެއްދޭނެ ޖާގައެއް ނޯންނާނެކަމަށް ޚުދު ރައީސް މުޢިއްޒުވެސް ޤަބޫލުކުރައްވާނެއެވެ. ނަމަވެސް އިހުސާނުގެ "ލޯޔަލްޓީ" ނިމެނީ ކިހާ ހިސާބަކުންކަން ރައީސްއަށް އެނގޭނެ ބާއެވެ. އަމިއްލަ ރަށުގެ ކުރިމަތީގައި ލަދު ގަންނަވާލުމުގެ ބަދަލު ހިފުމަށް އިހުސާނު ނޭދޭނެކަމަށް ދެކުމަކީ މޮޔަ ކަމެކެވެ. އިހުސާނުގެ ލޯޔަލްޓީއާއި އީގޯގެ ދެމެދުގައި "ހަނގުރާމައެއް" ކުރާނަމަ އެ ހަނގުރާމައެއް ކާމިޔާބުކުރާނީ އީގޯ ކަން އިހުސާނު ދަންނާނެއެވެ.

ނަމަވެސް އިހުސާނު މިފަދަ ކަމެއް ކުރިކަން ސާބިތުވެއްޖެނަމަ އޭނާއަށް ފިޔަވަޅެއް އެޅުމުގެ ހިތްވަރެއް ރައީސް މުޢިއްޒުގެ ކިބައިގައި ހުންނާނެބާއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0