ކޮލަމް , ސިޔާސީ

ވައުދުވީ ސިޔާސީ މަގާމުތައް މަދުކުރަން، ވަކިކުރަނީ އާދައިގެ މުއައްޒަފުން

18 ޖޫން 2026 - 15:12
ވައުދުވީ ސިޔާސީ މަގާމުތައް މަދުކުރަން، ވަކިކުރަނީ އާދައިގެ މުއައްޒަފުން

ކޮންމެ ސަރުކާރަކުން ވެސް ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ފާގަތި ދިރިއުޅުމަކާއި، ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގްތިސާދު ހަމަ މަގަށް އަޅުވާނެ ކަމުގެ ފޮނި އުންމީދުތަކާ އެކުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ވައުދަކީ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރުވިޔަ ނުދީ ހިފެހެއްޓުމެވެ. ނަމަވެސް، ވެރިކަމަށް އަހަރެއް ވެގެންދާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

ސަރުކާރުގެ ވައުދާ ހިލާފަށް، މިހާރު ސިޔާސީ މުއައްޒަފުންގެ އަދަދު 3000 އަށް ވުރެ މަތީގައި އުޅޭނެ ކަމަށް ބެލެވެއެވެ. ވުޒާރާތަކަށް ބަލާއިރު، ގިނަ ވުޒާރާތަކުގައި ސިޔާސީ މުއައްޒަފުން ގިނަވެ، އިށީންނާނެ ގޮނޑިއެއް، މަސައްކަތް ކުރާނެ މޭޒެއް ނެތް މައްސަލަ ވަނީ ބޮޑުވެފައެވެ. އެއްވެސް މަސްއޫލިއްޔަތެއް ނެތި، ހަމައެކަނި ސިޔާސީ ނުފޫޒަށްޓަކައި އައްޔަންކޮށްފައިވާ މި މުއައްޒަފުންނަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހުމަކީ ގައުމުގެ މާލީ ހާލަތު އިތުރަށް ގޯސްވާ ސަބަބެކެވެ.

ސަރުކާރުން ދަނީ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މީހުންގެ މުސާރައަށް ހިނގާ ހަރަދުތަކުގެ މައުލޫމާތު ހާމަކުރުމަށް އިންކާރު ކުރަމުންނެވެ. ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ހަރަދު ކުޑަކުރުމަށް މާލީ އިދާރާތަކުން ލަފާދެމުންދާއިރު ވެސް، ސިޔާސީ މަގާމުތައް އިތުރުކުރުން ހުއްޓައެއް ނުލައެވެ. ކުރީގެ މާލީ ވަޒީރު އިސްތިއުފާ ދެއްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމުގައި ރައީސްގެ އެއްބާރުލުން ނުލިބުން ކަމަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ބޭއްވުނު އެކި އިންތިހާބުތަކުން، ހާއްސަކޮށް ހިތަދޫ ބައި-އިލެކްޝަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު، ސަރުކާރުން ވަނީ އާދައިގެ މުއައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަން ފަށާފައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ، ސަރުކާރަށް ތާއީދު ނުކުރާ ކަމަށް ބެލެވޭ އާދައިގެ މުއައްޒަފުން ވަޒީފާއިން ވަކިކުރުމާއި، އެކި ކަހަލަ ބިރުދެއްކުންތައް ދަނީ ކުރިމަތިވަމުންނެވެ.

ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށް ވައުދުވެ، އާދައިގެ ރައްޔިތުންގެ ވަޒީފާތަކަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރު ބަލިކަށިވެ، ގޮތް ހުސްވަމުންދާ ކަމުގެ ހެއްކެކެވެ. ވެވަޑައިގެންނެވި ވައުދުތަކާ ހިލާފަށް، އާދައިގެ ރައްޔިތުންނަށް އަނިޔާވެރިވުމުގެ ބަދަލުގައި، ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކޮށް، ހަމަހަމަކަމާ އެކު ވެރިކަން ކުރުމަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0