ކޮލަމް

މިއަދު ބަންޑާރަ މިސްކިތެވެ. މާދަމާ މަގު ތެދުކުރަން މުންނާރުވެސް ނަގާފާނެއެވެ.

18 މާރިޗު 2026 - 13:00
މިއަދު ބަންޑާރަ މިސްކިތެވެ. މާދަމާ މަގު ތެދުކުރަން މުންނާރުވެސް ނަގާފާނެއެވެ.
މާލޭގެ ގަދީމީ އަދި ތާރީޚީ ތަންތަނުގެ ތެރެއިން ނުތަޅައި ފެންނަން ހުރި އެއް މިސްކިތަކީ ބަންޑާރަ މިސްކިތް. ފޮޓޯ: ވިރާސީ

މާލެއަކީ މެދުނުކެނޑި ވެރިކަން ކުރަމުން އަންނަތާ  އެންމެ ދުވަސްވީ އެއް ވެރިރަށެވެ. ފޯކުލޯރުގެ މައްޗަށް ބުނާ ނަމަ، މި ރަށުގައި ވެރިކަން ކުރާތާ ހާހެއްހައި އަހަރުވެއްޖެއެވެ. ރަށުގެ ގަދީމީ އާސާރީ ތަރިކަ ދެހާސް އަހަރުގެ ތާރީޚަށް ދެއެވެ. މި ގަދީމީ ވެރިރަށުގެ ބުރުޒުތަކާއި ކޯއްޓޭތަކާއި ބޮޑުފާރުތަކާއި މުސްކުޅި ގަނޑުވަރުތަކާއި ކަންޒުތަކާއި އަންޒަމާނުގެ މިސްކިތްތަކާއި މާވެވުތަކާއި ޒިޔާރަތް މަގާމުފުޅުތައް ތަޅައި ސުންނާފަތިކުރީ މިދާކަށް ދުހުއެވެ. ގަދީމީ ވެރިރަށެއްގެ ތާރީޚު ނައްތައިލީ އަހަރުމެން އަމިއްލައަށެވެ. ތަރައްގީގެ ނަމުގައެވެ.

މާލޭގެ ގަދީމީ އަދި ތާރީޚީ ތަންތަނުގެ ތެރެއިން ނުތަޅައި ފެންނަން ހުރީ ހުކުރުމިސްކިތާއި މުންނާރާއި މުލީއާގެއާއި ބަންޑާރަ މިސްކިތް ފަދަ މަދު ތަނެކެވެ. މާލެއަށް ކޮންމެ އަހަރަކު އެތައް ކުރޫޒް ލައިނަރެއް ޒިޔާރަތްކުރެއެވެ. ފަތުރުވެރިން ޒިޔާރަތްކުރާނެ ތާރީޚީ ތަންތަން މަދެވެ. އެންމެ އަވަށްޓެރި ގައުމުތަކުން ފެށިގެން ދުރު ޔޫރަޕްގެ ގައުމުތަކަށް ބެލިޔަސް އެމީހުންގެ ވެރިރަށުގެ ތާރީޚީ، ސަގާފީ ތަރިކަ ހިމާޔަތްކުރެއެވެ.

ބަންޑާރަ މިސްކިތުގެ އެތެރެ. ފޮޓޯ: ވިރާސީ
ބަންޑާރަ މިސްކިތުގެ އެތެރެ. ފޮޓޯ: ވިރާސީ

ދުވަސްވީ ބިނާތައް ފެންނަން ހުރެއެވެ. އެ މީހުން އެ ތަންތަން ނުތަޅައި ބަހައްޓާފައި ހުންނަނީ ފަހުގެ މާ މޮޅު ބިނާތައް ހެދޭނެ މުއްސަނދިކަމާއި ގާބިލުކަން ނެތިގެން ނޫނެވެ. ބައެއްގެ ހަޟާރަތުގެ މޮޅުކަން ކިޔައި ދިނުމަށެވެ. ތަރިކައެއް ނެތް، މާޒީއެއް ނެތް ބަޔަކީ ބަޔަކަށް ނުވާނެތީއެވެ. ގައުމެކޭ ކިޔަނީ ހަމަ އެކަނި އެތަނެއްގައި ދިރިއުޅޭ އިންސާނުންތަކަށް ނޫނެވެ. ރުއްގަހާއި ވެއްޓާއި އާސާރީ ތަރިކަ ހިމެނޭ ގޮތުން އޮންނަ ތަންވަންތަކަމަށެވެ.

ބަންޑާރަ މިސްކިތަކީ 99 އަހަރުވީ މިސްކިތަކަސް އެ މިސްކިތުގެ ތާރީޚު އެއަށްވުރެ މާ ދޮއްޓެވެ. އެ މިސްކިތުން ބުނެދޭ ދިވެހި ވިޔަފާރިއާ މިނިވަންކަމާ ސިޔާސީ ތާރީޚުގެ ސަފްހާތައް ގިނައެވެ. ގައުމީ ދުވަހާ މެދު ވިސްނާށެވެ. ބޮޑުތަކުރުފާނާއި އެ ފަހުގެ ރަސްރަސްކަލުން ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ކަމަށް ބުނުމުން މިއަދުގެ ޖީލު ކުރަނީ މަލާމާތެވެ. ޕޯޗުގީޒުން ނާންނަ ކަމަށްވެސް ބުނެއެވެ. ހެއްކަކީ ކޮބާތޯވެސް އަހައެވެ. އެ މީހުން ހީކުރާ ގޮތުގައި އެ ދުވަސްވަރުގެ މާލެ އޮތީ މިއަދު މި އޮތް ހެނެވެ. ކުށަކީ އެ ކުދިންގެ ކުށެއް ނޫނެވެ. ބޮޑުރަސްގެފާނުން މާލެ ވަށައި ހެއްދެވި ވަރުގަދަ ދިފާއީ ކިއްލާތައް މިއަދު ފެންނަން ނެތެވެ. ބޮޑުބަޑިތަކާ ބުރުޒުތަކެއްވެސް ނެތެވެ. ބޮޑުގަނޑުވަރެއްވެސް ނެތެވެ. ތަރިކައިން ދިވެހި ތާރީޚު މިއަދުގެ ޖީލަށް ކިޔައި ދެވޭނެ ގޮތެއްނެތެވެ.

ބަންޑާރަ މިސްކިތް ބޭރުން. ފޮޓޯ: ވިރާސީ
ބަންޑާރަ މިސްކިތް ބޭރުން. ފޮޓޯ: ވިރާސީ

ބަންޑާރަ މިސްކިތް ތަޅައިލަން ރުހެވިއްޖެ ނަމަ މާދަމާ މެދުޒިޔާރަތްމަގު ތެދުކުރަން މުންނާރުވެސް ނަގައިފާނެއެވެ. ނުވަތަ ދުރަށް ޖައްސަފާނެއެވެ. ތަރިކައަށް ލޯބި ނެތް ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެކަން ދިވެހި ސަރުކާރުތަކުން އޮތީ ބުނެދީފައެވެ. ހުކުރު މިސްކިތު މާލޫދު ހަރުގެ މިއަދު ކޮބައިތޯއެވެ؟ މުލީއާގެއަށް އިތުރުކުރެވުނު ބައިގައި ހުރި މެދުމިސްކިތް ކޮބައިތޯއެވެ؟ އާދޭހެވެ. ނެތެވެ. ތަޅައި ސުންނާފަތިކުރީއެވެ. ތަރިކައަށް ކުޑަވެސް ލޯތްބެއް ހުރި ބަޔަކު ކަރުނައަޅާހައި ވެއެވެ.

ބަންޑާރަ މިސްކިތަށް އެހެންވާން ނޭދެމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0