ރައީސް މުއިއްޒުގެ ޝައްކާއި ވަހުމް: އެތެރޭގެ ވާދަވެރިން ކޮށާލުމުގެ ސިޔާސަތު
ޙަޤީޤީ ލީޑަރުންނަކީ ތިމާގެ ޓީމުގެ އެކުވެރިކަމާއި ބަދަހިކަމަށް ވިސްނަވައި، އެކުގައި މަސައްކަތްކުރާ މީހުންނަށް އިތުބާރުކުރާ ބޭފުޅުންނެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ކިބައިން މިފަދަ ސިފައެއް ފެނުމުގެ ބަދަލުގައި، ފެންނަމުންދަނީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ގާތުން އަދި އެންމެ ބުރަކޮށް މަސައްކަތްކުރި ފަރާތްތަކާ މެދު ޝައްކު އުފައްދައި، އެމީހުން އެކަހެރިކުރަމުންދާ ހިތާމަވެރި މަންޒަރެވެ.
އެންމެ ގާތް މީހުންނަށް އޮތް ބިރުވެރިކަން
ވެރިކަމުގެ ކުރީކޮޅު ފެނިގެންދިޔައީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމުގައި ހުންނެވި އާދަމް ރަމީޒު، އެންމެ ހަ މަސްދުވަހުގެ ތެރޭގައި މަޤާމުން ވަކިކޮށް، އެއްލާލި މަންޒަރެވެ. ރަމީޒަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް އެކަކެވެ. ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ހޯއްދަވައިދެއްވުމަށް ޕާޓީގެ ތެރޭގައި ސިއްރުން ކެންޕޭން ކުރެއްވިކަމުގެ ތުހުމަތުގައި ޕާޓީން ރަމީޒު ވަކިކުރެވުނު ހަނދާން މުއިއްޒު ނެތުނީ ތޯއްޗެކެވެ. ހަމައެފަދައިން، ގާތް ތިމާގެ ބޭފުޅެއް ކަމަށްވާ އަލީ އާރިފް ވެސް ވަނީ މަޤާމުން ދުރުކޮށްފައެވެ. މީގެ އިތުރުން، ޕީއެންސީ އުފެއްދުމާއި މުއިއްޒު ވެރިކަމަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި މަޖިލިސް ރައީސާ އޮތް ގުޅުން ހީނަރުވެ، އޭނާވެސް މިހާރު ހުންނެވީ "ފިޔަކޮށާލުމަށްފަހު" ސިޔާސީ ގޮތުން ވަކި ހިސާބެއްގައި ބަހައްޓާފައެވެ.
ކެބިނެޓަށް ގެނައި ބަދަލާއި ގާބިލު ބޭފުޅުން ބޭރުކުރުން
ރައީސްގެ ކެބިނެޓަށް ގެނައި ބޮޑު ބަދަލަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ޕީޕީއެމް/ޕީއެންސީގެ އެންމެ ގާބިލު މިނިސްޓަރުން ކަމަށް ބެލެވުނު ބޭފުޅުން ވަނީ ސަރުކާރުން ބޭރުކޮށްފައެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި، ޓޫރިޒަމް މިނިސްޓަރު ތޯރިގު (ތޯބެ) ހިމެނެއެވެ. ޣައްސާނަކީ އަމިއްލަ ބައްޕާފުޅު ޖަލަށްލުމުން ވެސް ޕާޓީ ދޫކޮށްނުލާ ހުންނެވި ވަފާތެރިއެކެވެ. އަދި އާދަމް ޝަރީފް އުމަރު ފަދަ އަތޮޅުތެރޭގައި ބޮޑު ތާއީދެއް އޮތް ބޭފުޅުން ވަކިކުރި ސަބަބެއް ސަރުކާރަކަށް ބުނެދެވިފައެއް ނުވެއެވެ. ހަމައެހެންމެ، ހިންގުންތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ނާޒިމް ވެސް ވަނީ ބޭރުކޮށްލާފައެވެ.
ޝައްކުގެ ފަލްސަފާ: ބާރުވެރިކަމުގެ ނާޒުކުކަން
ސިޔާސީ ފަލްސަފާވެރިން ބަޔާންކުރާ ގޮތުގައި، ވެރިއަކު އަމިއްލަ ޓީމުގެ މެންބަރުންނަށް ޝައްކުކުރަން ފެށުމަކީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވުމުގެ ނިޝާނެކެވެ. މިއީ "ނިކޮލައި މަކިއެވެލީ" ފަލްސަފާ އޭގެ ނުރަނގަޅު ގޮތެއްގައި ބޭނުންކުރުން ކަމަށް ސިފަކުރެވިދާނެއެވެ. ބާރު ދެމެހެއްޓުމަށްޓަކައި އެންމެ ގާބިލު މީހުންގެ ފިޔަ ކޮށާލުމަކީ، ވަގުތީ ގޮތުން ނުރައްކާ ކުޑަވި ނަމަވެސް، ދިގު މުއްދަތުގައި ވެރިކަމުގެ ބިންގާ ބަލިކަށިވާނެ ކަމެކެވެ. އިލްމީ ގޮތުން ބަލާއިރު، ލީޑަރަކު އެންމެން އެކަހެރިކުރަން ފެށުމުން، އޭނާގެ ވަށައިގެން ތިބޭނީ ހަމައެކަނި "އާދެ، ލައްބަ" ކިޔާނެ، ފިކުރެއް ނެތް ބަޔެކެވެ. މީގެ ނަތީޖާއަކީ ވެރިމީހާއަށް ހަގީގީ ހާލަތު އޮޅި، ސިޔާސީ ގޮތުން އެކަހެރިވެ، ނިމުން ހިތިވުމެވެ.
ސިޔާސީ ކުރިމަގު ބަންދުކުރުމުގެ އުކުޅު
މިހާރު ފެންނަމުންދަނީ މަޖިލީހުގެ ނައިބު ރައީސް ކަމުން ތަޖުރިބާކާރު ބޭފުޅެއް ވަކިކުރަން އުޅޭ މަންޒަރެވެ. މިއީ ދެން އަންނަ ދައުރެއްގައި ރައީސް މުއިއްޒާ ވާދަކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ މީހެއްގެ ސިޔާސީ ކުރިމަގު ފުނޑާލުމަށް ހިންގާ އަމަލެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. ކިރިޔާވެސް ހަކަތައެއް ހުރި މީހަކު ނަމަ، އެމީހަކަށް ވެރިކަމަށް އާދެވިދާނެ ހުރިހާ މަގެއް ބަންދުކުރުމަކީ އަމިއްލަ ނަފްސަށް އިތުބާރު ކުޑަ، ނާގާބިލު މީހުން ގެންގުޅޭ އުކުޅެކެވެ.
ޖުމްލަ ގޮތެއްގައި ރައީސް މުއިއްޒު ފެންނަނީ އަމުރަށް ފުރިހަމައަށް ތަބާނުވެދާނެހެން ހީވާ މީހުން ނުވަތަ ރައްޔިތުންގެ މެދުގައި ތާއީދު އިތުރުވެދާނެ ކަމަށް ބެލެވޭ ކޮންމެ މީހަކު އެކަހެރިކުރާ ލީޑަރެއްގެ ގޮތުގައެވެ. މިވަގުތު ސަރުކާރުގައި ހުރި ހަމައެކަނި ވަރުގަދަ ސިޔާސީ ޝަޚުޞިއްޔަތަކީ ފޮރިން މިނިސްޓަރު ޒަމީރު ކަމަށްވާއިރު، ރައީސްގެ ޝައްކުގެ ނަޒަރު އޭނާއަށް ވެސް ހުންނާނެ ކަމީ ޔަގީން ކަމެކެވެ. ބާރުވެރިކަމަކީ ހިޔަނި ފަދަ އެއްޗެކެވެ؛ އެއަށް މާ ބޮޑަށް ބިރުގަނެ، ގާތް މީހުންގެ ފިޔަ ކޮށާލަން ފެށުމަކީ އަމިއްލައަށް ކޮނެވޭ ވަޅުގަނޑަކަށް ވެގެންދިއުން ވަރަށްް ގާތެވެ.






ރިއެކްޓް