ކޮލަމް: ދިވެހީންގެ ރާއްޖެއަށް ނުވި ދިވެހިރާއްޖެ
2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ 153 ރަށަކަށް، 53 ދުވަސްތެރޭގައި ދަތުރުކޮށް، ކޮންމެ ރަށެއްގައިމެ ގިނަ އަދަދެއްގެ ވައުދުތަކެއް ވިއެވެ. އަދި އެ ވައުދުތައް ބޮޑު ފޮތެއްގައި ލިޔެ ޗާޕުކޮށް، ރަށްރަށަށް ފޮނުވާ ހާމަ ތަންތަނުގައި ބެހެއްޓި މަންޒަރު ފެނިގެންދިޔަ އެވެ.
މިއަދު ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، އުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫއެއްހެން ގެންދިއުން ހުއްޓިފައިވާއިރު، ރާއްޖޭގެ މާލީ ހަމަޖެހުމަށާއި، ދައުލަތުގެ ވުޒާރާތަކުގެ ނަޒާހަތްތެރިކަމާމެދު އެ ބުނާ 'ދިވެހީންގެރާއްޖޭގެ' ރައްޔިތުން މިދަނީ ޝައްކުގެ ނަޒަރަކުން ބަލަމުންނެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން ކުރާ އެއްވެސް ކަމަކުން ރައްޔިތުންނަށް ސީދާ ގޮތުގައި ފައިދާވާ މަންޒަރެއް ނުފެނެއެވެ. މިސާލަކަށް ބަލާނަމަ ދުންފަތުގެ ޖެނެރޭޝަނަލް ބޭން އިއުލާނު ކުރިފަހުން، ސިނގިރޭޓާއި ވޭޕްގެ ކަޅު ބާޒާރު މިދަނީ ދުވަހުން ދުވަހަށް ފުޅާ ވަމުންނެވެ. ސިނގިރޭޓު ފޮއްޓެއްގެ އަގު 110 ރުފިޔާއިން 250 ރުފިޔާއަށް ބޮޑުކުރިތާ އަހަރު ދުވަސް ފަހުން، ރާއްޖޭގެ ބާޒާރަށް ބަލާއިރު ޓެކްސް ދައްކައިގެން، ހުއްދަ ގޮތުގައި އެތެރެކޮށްފައިވާ ސިނގިރޭޓަށްވުރެ ގިނައީ ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓެވެ. ދައުލަތަށް ކުރިން ލިބުނު 100 މިލިޔަނުގެ އިމްޕޯޓު ޑިއުޓީގެ ބަދަލުގައި މިހާރު ލިބެނީ އެންމެ 5 މިލިޔަނެވެ. ރަށުތެރޭގައި ކިޔާ ގޮތުގައި ކޮންޓެއިނަރު ކޮންޓެއިނަރަށް ވަގު ސިނގިރޭޓު ގެނެސް އެ ވިއްކައި އޭގެން ނަފާ ލިބޭ ބަޔަކަށް އެ ނަފާ ލިބި ނިމުމުން ހޯމް މިނިސްޓަރާއި ފުލުހުން ކޮންމެވެސް ވަރަކަށް ކަހާތަން ހިރުވާލަ އެވެ. ސިނގެރޭޓު ބޯ މީހުން މަދެއް ނޫނެވެ. އަދި ސިނގިރޭޓު އެތެރެކުރާ ވަރުވެސް ވަކި މަދެ ނުވެ އެވެ. ސިނގިރޭޓު އަގު ބޮޑުކުރިކުރުމުން ހާސިލުވީ ހަމައެކަނި ފައިދާއަކަށް ފެންނަނީ ރައީސް މުޢިއްޒަށް ލިބުނު އެވޯޑެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ވައުދުތަށް ފުއްދަވައި ނުދެވޭ ވާހަކަ ހަމަވިސްނޭ ކޮންމެ މިހަކުމެ މިހާރު ދަނީ ބުނަމުނެވެ. ޚާރިޖީ ސިޔާސާތު ފެއިލްވެފައިވާ މައިގަނޑު ސަބަބަކީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ލަސްވުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ކުރާ މަސައްކަތްތައް ފެންނަން ނެތުމުންނެވެ.
އެންމެ ފުރަތަމަ ވެރިކަމަށް އައިސް އަހަރެއް ނުވަނީސް މީސް މީޑިއާގައި ޑެޕިއުޓީ މިނިސްޓަރ ކަމުގައި ތިބި ޕީއެންސީގެ ބައެއް އެކްޓިވިސްޓުން ކުރި ޓްވީޓުތަކަކުން އިންޑިއާއާއި ރާއްޖެއާއި ދޭތެރޭ އޮތް ގާތް ގުޅުމަށް ބޮޑު އަސަރުތަކެއް ކުރި އެވެ. މީސް މީޑިއާގެ މި ހަނގުރާމައިގައި ޚުދު ރައީސް ވެސް ޕޯޑިއަމަށް އަރާ 'ބުލީ' ނުކުރަން ބުނެ ގަދަ ބަސް ބުނި މަންޒަރު ފެނިގެންދިޔައެވެ. އަދި އޭގެ ދުވަސްކޮޅެއްފަހުން ހަތިޔާރު ބަހައްޓައި އަލުން ގުޅުން އިއާދަކުރުމަށް މަސައްކަތް ފެށިތަންވެސް ފެނިގެން ދިޔައެވެ. މި އޮއެވަރު ތެރޭގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިޔަތަނެވެ. އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައެވެ. "ދިވެހީންގެ ރާއްޖޭގައި" މިފަދައިން ކަންކަން ހިނގިޔަސް ހަމަ ޔަގީނުންވެސް އަހަރެމެން އިހުގެ ފޮތް ތަކުގައިވާ ދިވެހިރާއްޖެ އަކީ ނުލާހިކު މެހެމާންދާރީ ރަނގަޅު ހިތްހެޔޮ ބައެކެވެ. 'ދިވެހިރާއްޖެ' މަޝްހޫރުވެފައިވެސް އޮންނަނީ އެހެންނެވެ.
މި ސަރުކާރު އިންތިޚާބު ކުރެވުނީ ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ވަޢުދުގައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ހަލުވިކަމާއިއެކު ކުރިއަށް ނުދާއިރު ރައީސް މުޢިއްޒުގެ ޒާތީ ތަޢައްސުބު މިފަދަ މައްސަލަތަކުގެ ތެރެއިން ދަނީ ފެންނަމުންނެވެ. ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ފަދަ ބައިނަލްއަގުވާމީ އިންޑެކްސްތަކުން ދައްކާ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން މާ ބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. މިކަމުން ދޭހަވަނީ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ތަހުގީގުކޮށް ޝަރީއަތް ކުރުމުގައި ފެއިލްވެފައިވާ ކަމެވެ. ބޮޑެތި އިންފްރާސްޓްރަކްޗަރ ކޮންޓްރެކްޓްތަކާއި ޕަބްލިކް އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކުގައި ނިންމުންތައް ނިންމުމުގައި ސިއްރު ކުރުމުގެ ސަގާފަތެއް ސަރުކާރުންދަނީ ގެންގުޅެމުންނެވެ. ދާދި ފަހުން ވާދަވެރި ބިޑަކާ ނުލައި 2.7 ބިލިއަން ރުފިޔާ (175 މިލިއަން އެމެރިކާ ޑޮލަރު) ގެ އަގުހުރި 200 އަށް ވުރެ ގިނަ މަޝްރޫޢު ޙަވާލުކުރި ކުރުންވެސް މިއީ އެފަދަ ކަމެކެވެ.
ރައްޔިތުން ގޮވަމުންދަނީ އިސްރާފު ކުރުމާއި ނާޖާއިޒު ފައިދާ އާއި ކުށްކުރުން ހުއްޓުވުމަށް ޕްރޮޖެކްޓް ޕްރޮކިއުމަންޓް އިތުރަށް ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ސަރުކާރު ވުޒާރާތަކާއި ކުންފުނިތަކުން ދެމުންދަނީ ބީރު ކަންފަތެކެވެ.
ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓް އުފުލެމުންދާއިރު، އަމިއްލަ ވިޔަފާރިތަކުގެ ދަރަނި ދެއްކުމަށް ކުރިން ވައުދުވި މުއްދަތު ހަމަވުމުގެ ސަބަބުން ވިޔަފާރިވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ވިޔަފާރިތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ދެކުނު ހުވަފެން މިވަނީ ބިލާހަކަށް ވެފައެވެ. މިކަމުން ދޭހަވަނީ، މާލީ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ވަޒީރުންނާއި އިދާރީ ފެންވަރުގައި ކަންކަން ކުރިއަށް ގެންދިއުމަށް ނުކުޅެދިފައިވާ މިންވަރެވެ.
"ދިވެހީންގެރާއްޖެ މަޖިލީހަށް" - ސުޕަ މެޖޯރިޓީ ލިބިފައި އޮވެމެ، ރާއްޖޭގެ ނާޒުކު އިގްތިސާދު މެނޭޖް ކުރުމާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމާއި ގުޅޭ މައްސަލަތަކަށް މި ދަނީ ބީރުކަންފަތެއް ދެމުންނެވެ. ބޮޑެތި މައްސަލަތައް އިންސާފު ހޯދައި ފުރިހަމައަށް ހައްލު ނުލިބުމުގެ ސަބަބުން، އިންސާފު ނުލިބުމުގެ ސަގާފަތެއް ދެމިއޮތުމުގެ ސަބަބުން، ޖަވާބުދާރީ ކުރުވުމަށް ގޮވާލާ މީހުން ހިމާޔަތް ކުރުމަށް ދައުލަތުން ދޭ އަހަންމިއްޔަތުކަން ގެއްލި، ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދަނީ ގެއްލެމުންނެވެ.
މިސަރުކާރުގެ ދެވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްކެވި ވާހަކަ ފުޅުގައި - ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމާ ދެކޮޅަށް އިލްތިމާސް ކުރައްވައި އެއީ ރަށްރަށުގައި ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމަށްކަމަށް ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އޭރު ޕޯޑިއަމްގައި އަޑު ހަރުކޮށް ގޮވި އެ ބުނާ ދިވެހީންގެރާއްޖެއަކީ މިއީބާއޭ ހާސް ފަހަރު ހިތަށް އަރަ އެވެ. އެ ފޮތުގައި ހުރި ކަންކަމުގެ ބައިކުޅަބައި ކަން ކަން އަދި ވުޖޫދުގައި ނެތެވެ. އެކަންކަން ވެރިކަމުގެ ދައުރުގެ ތެރޭގައި ފެންނާނެ ކަމުގެ އުއްމީދެއްވެސް މިހާރު ނުކުރެވެއެވެ.






ރިއެކްޓް