ކޮލަމް

ބީއެމްއެލްގެ ސްކޭމް ވަންތަ ސްކީމް; އިންވެސްޓު ކުރުމޭ ބުނެވޭނެތަ؟

2 ޖުލައި 2026 - 13:14
ބީއެމްއެލްގެ ސްކޭމް ވަންތަ ސްކީމް; އިންވެސްޓު ކުރުމޭ ބުނެވޭނެތަ؟

އެއްގޮތަށްވުރެ ގިނަ ގޮތުން ބޭންކެއްގެ ސިފަ ގެއްލި ރައީސްއޮފީހުގެ ޑިޕާޓްމަންޓަކަށް ބަދަލުވެފައިވާ ބޭންކް އޮފް މޯލްޑިވްސް އިން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަދެ، ޤައުމީ ފެންވަރުގައި އެކަން ފާހަގަކޮށް ޕްރޮމޯޓްކުރަން ފެށުމަކީ ދިވެހި އިގްތިސާދު ދެކެ ކިރިޔާވެސް ކުލުނެއް ހުރި މީހެއްގެ ލޭ ކައްކުވާލާނެ ކަމެކެވެ. މި ސްކީމުގައި އެއް ގޮތަށްވުރެ ގިނަ ގޮތުން ސްކޭމެއްގެ ޝަރުތުތައް ފުރިހަމަވާއިރު، މިއީ ފައިދާހުރި މޮޅު ކަމެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓުން ދަނީ ސޯޝަލްމީޑިއާގައި ފުލުފުލުގައި ޕޯސްޓުކުރަމުންނެވެ.

މި ސްކީމުގެ ތަޢާރަފަށް ބަލާލަމާ ހިނގާށެވެ. ބީއެމްއެލް އިން ހުށަހަޅަނީ 15.42ރ ގެ ރޭޓުން ކަސްޓަމަރުންގެ އަތުން ޑޮލަރު ގަންނާށެވެ. އަދި އެ ޑޮލަރުން ހަމަ އެދުވަހު ވިޔަފާރިކޮށް، ޖެހިގެން އަންނަ ދުވަހު ފައިދާގެ ގޮތުގައި %25 އާއި ހަމައަށް ކަސްޓަމަރަށް ޖަމާކުރާނެ ކަމުގެ ވައުދަކީ މި ސްކޭމުގެ އެންމެ ފާހަގަވާ އެއްކަމެވެ.

ޑޮލަރު އިންވެސްޓް ކުރަނީތަ؟ ނޫނީ މާރުކުރަނީތަ؟

"ދިވެހިންގެ ބޭންކް" ގެ ނަމުން މަޝްހޫރުވާން އެތައް ކެންޕޭނެއް ހިންގާފައިވާ ބީއެމްއެލްއިން ދިވެހިން މަގުފުރައްދަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެކަން މިއަދު މިވަނީ ޔަގީންވެފައެވެ. އިންވެސްޓްމަންޓް ސްކީމެއްގެ ނަމުގައި ބީއެމްއެލް އިން މިކުރާ ކަމަކީ "ކަޅުބާޒާރު ރޭޓުގައި އާއްމުންނަށް ޑޮލަރު މާރުކޮށްދިނުން" ކަން ތަންދޮރުފިލާފައި ހުރި ކޮންމެ މީހަކަށް އެނގެއެވެ. ބޭންކް ރޭޓުގައި ޑޮލަރު ގަތުމަށްފަހު، ޖެހިގެން އަންނަ ދުވަހު މި ދޭ ފައިސާއަކީ ކަޅުބާޒާރުން މާރުކުރީމާ ލިބޭ ފައިސާއާއި ދާދި އެއްވަރުގެ އަދަދެކެވެ.

ގަންނަ ޑޮލަރުން ބީއެމްއެލް އިން ކުރަނީ ކޮން ވިޔަފާރިއެއް؟

މި ސުވާލު ހިތުގައި އުފެދުމުން ބިއެމްއެލްއާއި މި ސުވާލު ކޮށްލީމެވެ. "އިންވެސްޓް" ކުރުމުގެ ކުރިން އެ ފައިސާއިން ކުރާ ވިޔަފާރިއެއް ބަލާލުމަކީ މުހިއްމު ކަމެއް ވީމައެވެ. ބީއެމްއެލްގެ ޖަވާބަކީ ""ކޮމިޝަން ލިބޭ އެކި ޚިދުމަތްތަކަށް އެ ފައިސާ އިންވެސްޓް ކޮށްގެން ލިބޭ ފައިދާ" މިއެވެ. މިއަށްވުރެ ބޮޑަށް ޖަވާބު ތިިލަ ކޮށްލުމަށް އެދުމުން ލިބުނު ޖަވާބަކީ "ސޯޝަލްމީޑިއާގައި ތަފްސީލު ހުންނާނެ" މިފަދައިންނެވެ. މިހިސާބަށް ވާހަކަ ދިއުމުން، މި ކުރެވުނީ ބީއެމްއެލް އިން އެހާ ހިތް ހަމަޖެހޭ ސުވާލެއް ނޫންކަން އިހުސާސު ވެއްޖެއެވެ.

އިތުބާރު ހިފޭ މަސްދަރަކުން މަޢުލޫމާތު ލިބުނު ގޮތުގައި ދިވެހިން ޢާއްމުކޮށް ސަބްސްކްރައިބް ކުރާ އެކި ވެބްސައިޓްތަކުން ބީއެމްއެލް އިން ނަގާ %30 ފީއަކީ މި ސްކީމުގައި ބުނާ ފައިދާ ހޯދާ މަގެކެވެ. ޢާއްމުންގެ ޒަރޫރީ އެކި ބޭނުންތަކުގައި ވެބްސައިޓްތަކަށް ދައްކާ ފައިސާ އިން ނަގާ ފީ އިން ބީއެމްއެލް އަށް "ކަޓެއް" ނެގުމަށްފަހު ބާކީ ބައި މި ދެނީ ޑޮލަރު މާރުކުރާ ސްކޭމުގެ ފައިދާގެ ގޮތުގައެވެ. މިކަމަކީ މިފަދައިން ހިނގާ ކަމެއްނަމަ، ބީއެމްއެލްއިން މިދަނީ ދިވެހި ރައްޔިތުން އަތުން ގަދަކަމުން ފައިސާ ނެގުމަށްފަހު، އޭގެއިން އެހެން ސްކީމެއްގެ ފައިދާގެ ގޮތުގައި ބަހަމުންނެވެ. 

ލިބުނު އެކި މަޢުލޫމާތު ތަކުންވެސް ހިތުގައި އުފެދުނު ހަގީގީ ސުވާލުތަކަކަށް ޖަވާބެއް ނުލިބުނެވެ. 24 ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގައި ފައިދާ ލިބޭ ވިޔަފާރި އެކީ ކޮބާ ބާވައެވެ. ނޫނީ މިއީ ވިޔަފާރި ކުރަނީ ކަމަށް ބުނެ، ކަަޅު ބާޒާރުގައި ބޮޑެތި ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކުމަށްފަހު އޭގެން ބޭންކަށް "ކަޓެއް" ނެގުމަށްފަހު ކަސްޓަމަރަސްވެސް "ކަޓެއް" ދެނީ ނޫންބާވައެވެ.

ފައިދާ ގެރެންޓީތަ؟

އިންވެސްޓެއް ކުރާ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ސުވާލަކީ އެ އިންވެސްޓްމަންޓުން ފައިދާ ލިބޭނެކަމުގެ ގެރެންޓީގެ ސުވާލެވެ. ބީއެމްއެލްގެ ސްކޭމުގައި އެންމެ ފާހަގަވާ ގޮތަސް ކިޔާ އެއް ލަފުޒަކީ "%25" ފައިދާ މި ލަފުޒެވެ. ނަމަވެސް ރަނގަޅަށް ފީނާ ބަލާލުމުން %25 އަކީ ގެރެންޓީ ފައިދާއެއް ނޫނެވެ. %25 ފައިދާ ލިބެނީ ބެންކަށް ޑޮލަރު ވިއްކާ މީހުން ގިނަ ނަމައެވެ. އަދި މި ސްކޭމުގައި ފައިދާ ބެހުމުގައި އެކި މިންގަނޑުތައް ހުރިކަން ބޭންކް އެޕުން ފާހަގަވިއެވެ. މިގޮތުން "ގޯލްޑް" އިން %25، "ސިލްވަރ" އިން %15 އަދި "ބްރޯންޒް" އިން %10 ހުރިއިރު، މިއީ ދާއިމީކޮށް ހުންނާނެ ޕަސެންޓްތަކެއްކަން ޔަގީނެއް ނޫނެވެ.

ބީއެމްއެލް އެޕުގެ "އިންވެސްޓްމަންޓް ސްކީމް" ބަލާލުމުން ހިތަށް އަންނަނީ މީގެ ދުވަސްގަނޑެއް ކުރިން މަޝްހޫރުވެގެން އައި "ޖެމްކިއު" ގެ އިންޓަފޭސްއެވެ. އެ ސްކޭމުގައި އެތައް ދިވެހިންނެއްގެ ފައިސާ ގެއްލިގެން ދިޔައިރު، އެ ސްކޭމުގެ ބައެއް ސިފަތަކާއި އެޕުގެ އިންޓަފޭސްގެ އެއްގޮތްކަން ބީއެމްއެލްގެ ސްކޭމުންވެސް ފާހަގަވެގެން ދެއެވެ.

އިންވެސްޓް ކުރަންޖެހެނީ ޑޮލަރުން، ފައިދާ ލިބޭނީ ޑޮލަރަކުން ނޫން

ދުނިޔެގެ ހުރިހާ ތަނެއްގައިވެސް "އެއް ގައުމެއްގެ ފައިސާ ތަނަކަށް/ބަޔަކަށް ދިނުމުން އަނބުރާ އެހެން ގައުމެއްގެ ފައިސާ ލިބުމަށް" ކިޔަނީ ފޮރިން ކަރަންސީ އެކްސްޗޭންޖެވެ. އެއަކަށް "އިންވެސްޓްމަންޓް" އެކޭ ނުކިޔައެވެ. އަދި ހަމަ އެހެންމެ ޑޮލަރު ވިއްކީމާ ރަސްމީ ރޭޓަށް ވުރެ ބޮޑުކޮށް ޖެހިގެން އަންނަ ދުވަހު ފައިސާ ދިނަސް ހަމަ އެއަށް ކިޔާނީ "ޑޮލަރު އެކްސްޗޭންޖް" ކުރުމެވެ.

ޢާއްމު ރައްޔިތުމީހާ އަތުގައި ކޮންމެހެން ކުރަންޖެހިދާނެ ޒަރޫރީ ކަމަކަށް ފޮރުވާފައި ހުރި ޑޮލަރު ބޭންކަށް ނެގުމަށް ބީއެމްއެލްއިން ފަށާފައިވާ މި ސްކޭމަކީ ދިވެހި ރައްޔިތުން ސަމާލުވެ ދުރުވާނެޖެހޭ ސްކޭމެކެވެ. އިންވެސްޓްކުރުމުގެ ނަމުގައި ކަޅުބާޒާރުގައި ޑޮލަރު މާރުކުރުމުގެ ނުބައި ނިޔަތުގައި ހިންގާ މި ސްކޭމުގައި ބައިވެރިވުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ އަތުގައި ހުރި ޑޮލަރު ރައްކާތެރިކޮަށް ބެހެއްޓުމެވެ. ހަމަގައިމުވެސް ބޮޑުކަމެއް ޖެހޭ ވަގުތެއްގައި ބީއެމްއެލްއަކުން އާއްމު މީހާއަށް ބޭނުންޖެހޭ އަދަދަށް ޑޮލަރެއް ދުލެއް ނުކުރެއެވެ. ނުވެސް ކުރާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0