އަމީރު ސައީދަށް: ކަންތައްތައް ރަނގަޅު ކުރަން ނޭގޭނަމަ އިސްތިއުފާ ދީފަ ގެއަށް ވަޑައިގަންނަވާ

އިގްތިސާދީ ހާލަތު ރަނގަޅު ކުރަން ނޭނގޭނަމަ އިސްތިއުފާ ދިނުމަށްފަހު ގެއަށް ދިއުމަށް ބުނެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މިހާރުގެ އިކޮނޮމިކް މިނިސްޓަރު ސައީދަށް ހޫނު ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ކޮޅަށް ނަގައި، 2021-2023 ގައި ދުނިޔޭގައިވެސް އެވްރެޖްކޮށް އެންމެ ބާރަށް ކުރިއަރައިދިޔަ އެއް އިގްތިސާދަށް ރާއްޖެ ހަދާފައިވާ ކަމަށެވެ.
"ސަރުކާރު ބަދަލުވެގެން ހަވާލުވި ތި ބޭފުޅުން، މުޅިން ގޯސް ސިޔާސަތުތައް ކުރިއަށް ނެރެ، ދެން އަޅަން ޖެހޭ ރަނގަޅު ފިޔަވަޅު ނޭގި، ގަބު ކައިފަ ތިބުމަކީ އެހެން މީހުން އޭގެ ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން،" އަމީރު ވިދާޅުވިއެވެ.
އަމީރުގެ މި ފާޑުކިޔުން އަމާޒުވެފައިވަނީ މިހާރުގެ އިކޮނޮމިކް މިނިސްޓަރު އަލްފާޟިލް އަހްމަދު ސައީދަށެވެ. މިއީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެމްޑީޕީ އަދި އެމްޑީޕީގެ ސަރުކާރަށް ފާޑު ވިދާޅުވެ ސައީދު ދެއްކެވި ވާހަކަފުޅަށް އަމީރު ދެއްވި ރައްދެކެވެ. އެކި މުނާސަބަތުތަކުގައި އަމީރު ވަނީ މިހާރުގެ ސަރުކާރުން އިގްތިސާދީ ސިޔާސަތުތައް ކުރިއަށް ގެންދާ ގޮތާމެދު ހިތްހަމަނުޖެހޭކަން ފާޅުގައި ފާޅުކުރައްވާފައިވެއެވެ. އަމީރަކީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ކަންކަމުގައި އެންމެ އިސްކޮށް ބަސްކިޔާ އެކެކެވެ.
އިގްތިސާދީ މާހިރުންގެ ވިދާޅުވާ ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިއުމުގެ އެއް ސަބަބަކީ ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތަކެވެ. މިކަމާ ގުޅިގެން ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރިއެކްޓް



