ޚަބަރު

މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ބޮޑު ފޯރަމެއް މިރޭ ބާއްވަނީ

ސެޕްޓެމްބަރު 13, 2025 - 15:41
ސެޕްޓެމްބަރު 13, 2025 - 15:49
 0
މީޑިއާ ކޮންޓްރޯލް ބިލާ ގުޅޭ ބޮޑު ފޯރަމެއް މިރޭ ބާއްވަނީ
ފޮޓޯ: އެމްޖޭއޭ ސޯޝަލް މީޑިއާ

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް މިރޭ ބޮޑު ފޯރަމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. 

މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ.  

އޯޕަން މައިކް އުސޫލުން "ހިޔާލާއި ފިކުރު ކަފުނަށް" ނަމުގައި ބާއްވާ މި ފޯރަމްގެ ތެރެއިން ބައިވެރިވާ އެންމެންނަށް ވެސް ހިޔާލު ފާޅުކޮށް, ކަންބޮޑުވުން ފާޅުކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި ފޯރަމްގެ ތެރެއިން ބިލުގައި ހުރި އާންމުން ކަންބޮޑުވާން ޖެހޭ ފަދަ މާއްދާތައް ގާނޫނީ މާހިރުން ތަފްސީލް ކޮށްދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. 

މި ފޯރަމް އޮންނާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި މިރޭ 08:45 ގަ އެވެ. 

އެމްޖޭއޭއިން އިސްވެ, މި ބިިލާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ދަނީ ރާވާ ހިންގަމުންނެވެ. އެގޮތުން މި ހަފްތާ ބަންދުގައި އާންމުން ހޭލުންތެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. 

މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލުން ނޫސްވެރިންގެ އިތުރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ވެސް ހަރުކަށި އަދަބު ދެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. 

ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އަންނަ ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު, ބެލެވޭ ގޮތުގައި މި ބިލު ފާސްކޮށް އެ ދުވަހުގެ ޖަލްސާގެ ކުރިން ތަޅުމަށް ހުށަހަޅާނެ އެވެ. ބިލު ދިރާސާކުރާ ކޮމިޓިން ނިންމާފައި އޮތީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު ފާސްކުރުމަށެވެ. 

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0