ޚަބަރު

ބިންހިއްކަން ދޮންފަނުގެ ރައްޔިތުން ނޭދޭ: ރައީސް

ސެޕްޓެމްބަރު 9, 2025 - 16:09
 0
ބިންހިއްކަން ދޮންފަނުގެ ރައްޔިތުން ނޭދޭ: ރައީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ވިރާސާ

ބ. ދޮންފަނުގެ ބިންހިއްކުމަށް އެރަށުގެ ރައްޔިތުން ބޭނުންނުވާކަން އެނގިފައިވާ ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރުމުގެ ގޮތުން ދޮންފަނުގެ ބިންހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް ނިންމާފައިވާކަމަށް ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ކުރެއްބި ޕޯސްޓެއްގައި މިކަން ހާމަކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ" ކަމަށެވެ. އަދި މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރާ ސަރުކާރެއްކަން ފާހަގަކުރެއްވިއެވެ.

ދޮންފަނުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް، މިދިޔަ މަހު ރައީސް މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި، އެރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވިއެވެ. ނަމަވެސް މިހާރު ރައްޔިތުން އެކަމަށް ބޭނުންނުވާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެ މަޝްރޫޢު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދޮންފަނުގެ ބިން ހިއްކައިފިނަމަ އެރަށާއި ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވެއް ކަމަަށްވާ "ހަނިފަރުބޭ" އަށް އިއާދަނުކުރަނިވި ގެއްލުންތަކެއް ލިބޭނެކަމުގެ ކަންބޮޑުވުން އެތައް ބަޔަަކު ދަނީ މިހާރުވެސް ފާޅުކުރަމުންނެވެ.

އަދި ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓާލުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ކުރިއަށްދިޔައެވެ.

ނަމަވެސް ރަައީސް މިއަދު ކުރެއްވި ޕޯސްޓާއި ގުޅިގެން ދޮންފަނުގެ އެތައް ބަޔަކު ވަނީ ބިން ހިއްކަން ބޭނުންވާކަމަށް ބުނެ އެރަށު ކައުންސިލް އިދާރާ ކައިރީގައި މުޒާހަރާ ކޮށްފައެވެ.

ރައީސް އޮފީހުން މިއަދު އަންގާފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާއިން ރަސްމީކޮށް ދޮންފަނު ކައުންސިލަށް އަންގާނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0