ދޮންފަނު ފަރަށް ޑައިވް ނުކުރެވޭ ނިންމުން ބާތިލުކުރުމަށް އެލްޖީއޭއިން އަންގައިފި

ބ. ދޮންފަނު ފަރަށް ޑައިވް ނުކުރެވޭގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް އެރަށުގެ ކައުންސިލުން ނިންމި ނިންމުމަކީ ޤާނޫނާއި ޚިލާފު ނިންމުމެއްކަމަށްބުނެ އެ ނިންމުން ބާތިލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކުރުމަށް އެރަށު ކައުންސިލުން މިއަދު ނިންމާފައިވެއެވެ. ކައުންސިލުން މި ނިންމުން ނިންމާފައިވަނީ ދޮންފަނު ފަޅުން ހިއްކުމަށް ސަރުކާރުން އިޢުލާން ކުރި މަޝްރޫޢު ހުއްޓާލުމާ ގުޅިގެން ހިއްކަން ކަނޑައެޅި ސަރަޙައްދުގައި އެރަށުގެ ބަޔަކު އިޙްތިޖާޖުކުރަން ތައްޔާރުވާތީ ކަމަށް ބުނެފައިވެއެވެ.
އެލްޖީއޭއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަޙައްދުތަކުގައި ޤާނޫނަކުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާ ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅަށް މިދިޔަ އޮގަސްޓްމަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަޝްރޫޢުގެ ދަށުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ މަޝްރޫޢާއެކު ދޮންފަނާއި ޖެހިގެންއޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ފާޅުކޮށްފައިވެއެވެ.
މި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، ރައްޔިތުންގެ އެދުމާއެކު އެ މަޝްރޫޢު ހުއްޓާލުމަށް ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އަދި މިހާރު އެލްޖީއޭއިން ވަނީ ކައުންސިލުން ނިންމި ނިންމުން ބާޠިލުކުރުމަށް އަންގައި، އެ ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން މަނާކުރުމުގެ އިޚްތިޞާޞް ކައުންސިލަށް ލިބިގެންނުވާކަން ހާމަކޮށްފައެވެ.
ރިއެކްޓް



