ޚަބަރު

ތްރައިވް ސޮސައިޓީގެ ހިންގާ ކޮމިޓީ އިފްތިތާހު ކޮށްފި

ސެޕްޓެމްބަރު 7, 2025 - 12:20
 0
ތްރައިވް ސޮސައިޓީގެ ހިންގާ ކޮމިޓީ އިފްތިތާހު ކޮށްފި

ނަފްސާނީ އަދި އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ތްރައިވް ސޮސައިޓީގެ އައު ހިންގާ ކޮމިޓީ އިފްތިތާހު ކޮށްފިއެވެ.

މި ކޮމިޓީގެ މެންބަރުން އައްޔަންކުރެވިފައިވަނީ 4 ސެޕްޓެމްބަރުގައި ބޭއްވުނު ޖަމިއްޔާގެ ފުރަތަމަ އަހަރީ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ.

ތްރައިވް ސޮސައިޓީގެ ޗެއާމަންގެ މަޤާމަށް އުމަރު އަހުމަދު ހުސައިން އައްޔަންކުރެވިފައިވާއިރު، ވައިސް ޗެއާމަންގެ މަޤާމަށް މަރިޔަމް ޝަކީބް އަދި ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް މުހައްމަދު މުސާއިދު އައްޔަންކުރެވިފައިވެއެވެ. މި ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި ހިމެނެނީ އުމަރު އަހުމަދު ހުސައިން، ޑރ. އިބްރާހިމް އަހުމަދު ރާޒީ އަދި މަރިޔަމް ސާދާއެވެ.

ތްރައިވް ސޮސައިޓީން މިހާތަނަށް 50 ފިޒިކަލް މަޢުލޫމާތު ސެޝަނާއި 15 އޮންލައިން ސެޝަން ބާއްވާފައިވާއިރު، މި ސެޝަންތަކުގައި 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި ވައިބަރގައި ހިންގާ މެންޓަލް ހެލްތް ޕިއަރ ސަޕޯޓް ގްރޫޕްގައި 500 އަށްވުރެ ގިނަ މެންބަރުން ހަރަކާތްތެރިވަމުންދެއެވެ.

ޖަމިއްޔާގެ ކުރިއަށް އޮތް މަސައްކަތްތަކުގެ ތެރޭގައި، ހުޅުމާލޭގައި އެޗްޑީސީއާ ގުޅިގެން އައު ސަޕޯޓް ގްރޫޕެއް ފެށުމާއި، މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން އިތުރު ފެސިލިޓޭޓަރުން ތަމްރީނު ކުރުން ހިމެނެއެވެ. މީގެއިތުރުން، ޒީޑް އިންޓަރނޭޝަނަލްއާއެކު އެންޑޯމެޓްރިއޯސިސް ބައްޔަށް ފަރުވާދޭނެ ޑޮކްޓަރުން ތަމްރީނު ކުރުމާއި، ޔުނިސެފްއާއެކު އެކި ރަށްރަށުގައި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

ތްރައިވް ސޮސައިޓީން މި އަހަރު 9 އެމް.އޯ.ޔޫ އެއްގައި ސޮއިކުރުމަށް ވިސްނާފައިވާއިރު، ބޭރުގެ ފުންނާބު އުސް ސައިކިއާޓްރިކް ޑޮކްޓަރުން ރާއްޖެ ގެނައުމަށާއި، ދަރިންނާ ބައްދަލުނުކުރެވޭ މައިންބަފައިންގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތްކުރަމުންދާކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0