ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު 30 ދުވަހަށް ބަންދުކޮށްފި

ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ސ. ހިތަދޫ ނަރުގިސްމާގެ އަހުމަދު ޒާހިދު ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުން އައި އިރު އޭނާގެ ބޮކްސާގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެންނެވެ.
ޒާހިދުގެ ބޮކްސާގެ ތެރެއިން ފެނިފައިވަނީ 250ގ މެފްޑްރޯން އެވެ.
ޒާހިދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ބޭއްވުނު މަޖިލީހުގައި ޒާހިދު ބުނީ މި މައްސަލާގައި އެހެން މީހެއް ހިމެނޭ ކަމަށާއި އެމީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށެވެ.
މެފްޑްރޯން އަކީ ޕާޓީ ޑްރަގެކެވެ. މި ޑްރަގް ބޭނުންކުރާ މީހާގެ ސިކުނޑިއަށް ނޭދެވޭ, ދާއިމީ އަސަރުތަކެއް ކުރުވާ ޑްރަގެއް ކަމަށްވެސް ސައިންސްވެރިންގެ ހޯދުންތަކުން ވަނީ ދެނެގަނެވިފައެވެ.
ރިއެކްޓް



