ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފ. ބިލެތްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހާއަކީ ފ. ބިލެތްދޫ / ހަވޭލި، މުހައްމަދު އަޒުނީމް (38އ) އެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބިލެތްދޫއަށް ދަތުރުކުރި ފެރީއަކުން އަޒުނީމް ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު އަޒުނީމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަށް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ރާއްޖޭގެ ރަށްރަށަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މި މައްސަލަ ފާހަގަކުރެވިފައިވާއިރު، މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ދަނީ އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިފަދަ މައްސަލަތަކާ ގުޅޭ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް އާންމުންނަށް ގޮވާލައިފައިވެއެވެ.
ރިއެކްޓް



