ބަނގުރަލުގެ ވިޔަފާރި ކުރާ ސްރީލަންކާ ތިން މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ސްރީލަންކާގެ ތިން ރައްޔިތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހެންވޭރު ސަރަހައްދުގެ ގެއަކާއި ސައިކަލެއް ބަލައި ފާސްކުރުމުން 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ވަނީ އަތުލެވިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ ސެނިތް ހެޝަން ވިކްރަމަސިންހަ (29އ)، ދުލިތު މަޑުސާކާ (39އ) އަދި ޖިނިތަ މަދުރަންގާ ސެނަވިރަތިން (24އ) އެވެ. މި ތިން މީހުން ވެސް ވަނީ ރާއްޖެއިން ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އަދި މި ބާވަތުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރިއެކްޓް



