އިންޝުއަރެންސް އާ ބެހޭ ބިލު، ރައީސް ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިންޝުއަރެންސްއާ ބެހޭ ބިލު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން 18 އޮގަސްޓު 2025 ގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ޤާއިމްކުރުމެވެ. މީގެ ތެރޭގައި އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންނަށް ލައިސަންސް ދިނުމާއި، އެފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ހިމެނެއެވެ.
އައު ޤާނޫނުގައި އިންޝުއަރެންސް ވިޔަފާރިކުރުމުގެ ޢާންމު ހަމަތަކާއި، ލައިސަންސިންގ އާ ގުޅޭ ކަންކަމުގެ އިތުރުން، އިންޝުއަރެންސް ކުންފުނިތަކުގެ މެނޭޖްމަންޓް އޮންނަންވީ ގޮތުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. އަދި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ހަރަކާތްތަކާ ގުޅޭ އުސޫލުތަކާއި، ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުމުގެ ނިޒާމުވެސް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
މި ޤާނޫނުގެ ދަށުން އިންޝުއަރެންސް ދާއިރާގެ އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ޙާލަތު ބެލުމުގެ އުސޫލުތަކާއި، މާކެޓް ކޮންޑަކްޓް އަދި ޚިލާފު އުފެދޭ މައްސަލަތައް ހައްލުކުރުމުގެ ހަމަތައްވެސް ކަނޑައެޅިފައިވެއެވެ. މީގެއިތުރުން، ކުންފުނިތަކުގެ ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރުން ޢައްޔަންކުރުމާ ގުޅޭ އުސޫލުތަކާއި، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ހަމަތައްވެސް މި ޤާނޫނުގައި ހިމެނިފައިވެއެވެ.
ރައީސް މި ބިލު ތަސްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، "އިންޝުއަރެންސްއާބެހޭ ޤާނޫނު" އަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ. މި ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ އިންޝުއަރެންސް ދާއިރާ އިތުރަށް ހަރުދަނާވެ، ރެގިއުލޭޓަރީ އޮނިގަނޑު ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



