ޚަބަރު

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

އޮގަސްޓް 29, 2025 - 10:42
 0
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމާއި، މާލީ ނިޒާމު ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ.

މި އިސްލާހުގެ ދަށުން، އެމްއެމްއޭ އަށް ވަކި ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ޖޮއިންޓްވެންޗާއެއް އުފެއްދުމުގެ ނުވަތަ އޭގެ ބައިވެރިއަކަށްވުމުގެ ގާނޫނީ ބާރު ލިބިދީފައިވެއެވެ. އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ޕޭމަންޓް ސިސްޓަމެއް ހިންގޭނީ ހަމައެކަނި އެމްއެމްއޭގެ ލައިސަންސް ނުވަތަ ހުއްދަ ލިބިގެންކަން ބިލުގައި ކަނޑައަޅާފައިވެއެވެ.

އިސްލާހުގެ މުހިންމު އެއް ނުކުތާއެއްގެ ގޮތުގައި، ލައިސަންސް ނުވަތަ ހުއްދަ ނެތި ޕޭމަންޓް ހިދުމަތް ދޭކަމަށް ނުވަތަ އެފަދަ ހަރަކާތެއް ހިންގާކަމަށް ދެއްކުން މަނާކުރުމާއެކު، ޕޭމަންޓް ހިދުމަތް ސޮލިސިޓްކުރުން ވެސް މަނާކޮށްފައިވެއެވެ. މި ގަވާއިދާ ހިލާފުވާ ފަރާތްތައް 100,000 ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުމުގެ އިހްތިޔާރު އެމްއެމްއޭ އަށް ލިބިގެންވެއެވެ.

މި ބިލް ރައީސް ތަސްދީގުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާއެކު، މިހާރު ވަނީ މި ގާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާވެ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާ ހިދުމަތްތައް ތަޢާރަފުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0