ގޭންގުތައް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅުމަށް މިދަނީ ތައްޔާރުވަމުން: ފުލުހުން

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގުތައް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕުތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕުތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، މިފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި ޢަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ޚާއްޞަ އަމުރުތަކެއް ނެރުމަށް އެދުމަށް ވަނީ ރޭވިފައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކުން ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، އެފަދަ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓުކުރާ މައްސަލަތައް ޚާއްޞަ ސަމާލުކަމެއް ދެވިގެން ތަޙުޤީޤުކުރެވޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ގޭންގުތައް ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައި ފުލުހުންގެ ހަރަކާތްތައް އިތުރުކުރެވޭނެ ކަމަށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާ ގުޅޭ ތަންތަން ބަލައި ފާސްކޮށް ރެއިޑްކުރުމުގެ މަސައްކަތްތައްވެސް އިތުރުކުރެވޭނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އިއްޔެ ޢަމަލުކުރަން ފެށުނު ގޭންގުތަކާއި ބެހޭ ޤާނޫނަކީ މިހާތަނަށް ރާއްޖޭގައި ގޭންގުތަކާއި ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ކަނޑައަޅާފައިވާ ޤާޞުނެވެ. މި ޤާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއް ދީފައެވެ.
ރިއެކްޓް



