ސިފައިންގެ "ގައުމީ ލަވަ" އަލްބަމް ނެރެފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންމެ އަހަރެއްގެ ގައުމީ ދުވަހާ ދިމާކޮށް ނެރެމުންދާ "ގައުމީ ލަވަ" އަލްބަމްގެ މި އަހަރުގެ ވާޝަން އިއްޔެ ނެރެފިއެވެ.
"ގައުމުގެ ދިފާއުގައި" މި ތީމަށް ހާއްސަކޮށްފައިވާ މި އަލްބަމްގައި ޖުމްލަ ހަތް ލަވައެއް ހިމެނެއެވެ.
ރާއްޖޭގެ ކުޅަދާނަ ލަވަކިޔުންތެރިން ކިޔާފައިވާ "ގައުމީ ލަވަ 1447" ގައި ހިމެނެނީ "މި ގައުމަށް ޚިދުމަތްކުރުމޭ އަރާމަކީ"، "ސިފައިންގެ މީހެއްގެ ޝުއޫރު"، "ގައުމުގެ ދިފާއުގައި"، "ގައުމީ ޚިދުމަތުގައި ކުރިއަށް"، "ޖާނުދޭނީ ގައުމަށްޓަކައި"، "ގައުމު ދިފާއު ކުރާނަމެވެ." އަދި "ސިފައިން" މި ލަވަތަކެވެ.
މި އަލްބަމްގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ އާޓްސް އެންޑް ސެރެމޯނިއަލް ސާވިސްއިންނެވެ. އަދި އަލްބަމްގެ ވީޑިއޯ ތައްޔާރުކޮށް އެޑިޓްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ވޮރަންޓް އޮފިސަރު ތނެއް އިބްރާހީމް އަޙްމަދާއި އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯގެ މީޑިއާ އެންޑް ޕަބްލިޝިން ސާވިސްއިންނެވެ.
އަލްބަމްގެ ލަވަތަކުގެ ވީޑިއޯތައް އެމްއެންޑީއެފްގެ ވެބްސައިޓާއި އޮފިޝަލް ޔޫޓިއުބް ޗެނަލަށް އަޕްލޯޑްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އަލްބަމްގެ އޯޑިއޯ އަދި ވީޑިއޯ ލަވަތައް އެމްއެންޑީއެފްގެ ވެބްސައިޓުން ޑައުންލޯޑްކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، އެމްއެންޑީއެފުން 2002 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ގައުމީ ލަވައިގެ އަލްބަމެއް ނެރެމުން އަންނަ ކަމެވެ. މި އަލްބަމްތަކަކީ ގައުމީ ލޯބި އާލާކޮށް، ސިފައިންގެ ޚިދުމަތުގެ މަތިވެރިކަން ހާމަކޮށްދޭ މުހިންމު މަސައްކަތްތަކެކެވެ.
ރިއެކްޓް



