ޚަބަރު

ހަމަނުޖެހުން ހިންގުމަށް ނޫސްވެރިންނަށް ހިތްވަރުދިން މީހަކު ހައްޔަރުކޮށްފި

އޮގަސްޓް 21, 2025 - 00:06
 0
ހަމަނުޖެހުން ހިންގުމަށް ނޫސްވެރިންނަށް ހިތްވަރުދިން މީހަކު ހައްޔަރުކޮށްފި

މީޑިއާ ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގުމަށް ނޫސްވެރިންނަށް ހިތްވަރުދިންކަމުގެ ތުހުމަތުގައި ޒުވާނަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ހިތަދޫ، އަތަމާވިލާ، އަލީ އާނިމް މުފީދު (29 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ މީހުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ.

އަލީ އާނިމް މުފީދުގެ މައްޗަށް ތުހުމަތު ކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން، ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމުގެ ކުށުގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމުގެ ކުށެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުމުގެ ކުށެވެ. "މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން" ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0