ޚަބަރު

އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅަނީ

އޮގަސްޓް 20, 2025 - 12:33
 0
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅަނީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު އިއުލާނު ކުރެއްވީ އިއްޔެ ބޮޑުފޮޅުދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އިސް ވާޖިބެކެވެ. އެގޮތުން މިހާތަނަށް ވަނީ ގިނަ ކަންތައްތަކެއް ފުރިހަމަ ކުރެވިފައެވެ. އޭގެ ތެރޭގައި ބޮޑުފޮޅުދޫ ސްކޫލަށް ޖާގައާއި ވަސީލަތް އިތުރުކުރުމުގެ މަޝްރޫޢުވެސް ހިމެނެއެވެ. މި މަޝްރޫޢުގެ ދަށުން ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އެޅުމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެންމެ ލަސްވެގެން 3 މަސްދުވަހުގެ ތެރޭގައި ފެށޭނެއެވެ.

"މިރަށަށް ވާނީ ހަވާލުކޮށްފައި ދިއްގާފަޅު. އެއީ އަޅުގަނޑު ކުރިން ނިންމިކަމެއް. އޭގެ ބޭނުމަކީ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން. އެތަން ހަވާލުކުރީވެސް ރަށުގެ ތަރައްޤީއާ ކުރިއެރުމަށްޓަކައި، އެއީ ފަތުރުވެރިކަމާއި އިޤްތިޞާދީ މަގު ފަހިކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށްވެސް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން، ބޮޑުފޮޅުދޫގައި ހޭންޑްބޯލް ކޯޓަކާއި ފުޓުބޯޅަ ދަނޑުގެ ވަސީލަތްތައް މިއަހަރު ޤާއިމްކުރެވޭނެއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އައު ފުޓްސަލް ދަނޑެއްވެސް އެޅޭނެއެވެ. މީގެއިތުރުން، ކުރިން އަޅާފައިވާ ޒުވާނުންގެ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކޮންޓްރެކްޓަރާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރަށުގައި ކުރިން ހިއްކާފައިވާ 4 ހެކްޓަރުގެ ބިން ރަށު ކައުންސިލާ ހަވާލުކުރުމަށް ނިންމަވާފައިވާ ކަމަށާއި، އެތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގެދޮރުގެ ދަތިކަމަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، މި މައްސަލަ ހައްލުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ބޮޑުފޮޅުދޫގައި އަޅާ 50 ހައުސިން ޔުނިޓުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އަމަލީ މަސައްކަތް ފެށޭނެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0