އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެންނަނީ

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމާއެކު، އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އއ. މަތިވެރީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަތޮޅު ކައުންސިލްތަކުގެ ބޭނުމެއް ނެތް ކަމަށާއި، މިހާރު އޮތް ނިޒާމަކީ ޚަރަދު ބޮޑު، މާނައެއް ނެތް ނިޒާމެއް ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ ދެން މަސައްކަތްކުރާނީ ކަމާބެހޭ ވުޒާރާތަކާ ކުންފުނިތަކާ ޑައިރެކްޓްލީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގެންނަންޖެހޭ އިސްލާހުވެސް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުތަކުގެ ސަބަބުން ސީދާ ފައިދާ ކުރާނީ ރައްޔިތުންނަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މީގެ ބޭނުމަކީ ރާއްޖޭގެ މިހާރު މިއޮތް ބަރުހެލި ނިޒާމަށް އިސްލާހުތަކެއް ގެނައުން. ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ބޭނުންވާ ގޮތަށް މި ނިޒާމު ބައްޓަންކުރަނީ. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ނަތީޖާ ނެރެވޭގޮތަށް، ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާހު ގެންނަންވެގެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޓް



