ކާސާމިއާ ގެސްޓް ހައުސް މަތިވެރި ކައުންސިލާ ހަވާލުކޮށްފި

ރައީސް މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް "ކަސާ މިއާ" ގެސްޓްހައުސް އއ. މަތިވެރި ކައުންސިލާ ހަވާލުކޮށްފިއެވެ. މި ތަން ކައުންސިލާ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހިމްއެވެ.
ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގެވި 50 ކޮޓަރީގެ ގެސްޓް ހައުސް ހުންނަ މި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭ ގޮތް ހެދުމަށް ރައްޔިތުން އެދިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ. އޭރު ކައުންސިލުން ރައީސަށް ހުށަހެޅީ ކަސާ މިއާ ގެސްޓް ހައުސް ހުރި ބިމުން މިދިޔަ 8 އަހަރުގެ ތެރޭގައިވެސް ރަށަށް އެއްވެސް ފައިދާއެއް ނުވާ މައްސަލައާ ގުޅުން ހުރި ކަންބޮޑުވުންތަކެވެ.
ރޭ މަތިވެރި ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ކާސާ މިއާ އަކީ އެ ރަށުގެ ތަރައްގީ އަށް ވަރަށް މުހިންމު ތަނެއް ކަމަށާއި ކާސާ މިއާއާ ގުޅޭ ހުރިހާ ކަމެއްގައި ސަރުކާރުގެ ހުރިހާ އިދާރާއެއްގެ އެއްބާރުލުން ބޭނުން ކޮންމެ ވަގުތަކު ލިބޭނެ ކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.
ޖާބިރަށް ދޫކުރި ބިމުގައި ހިންގި ކަސާ މިއާ ގެސްޓް ހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ ތަނުގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކައި އޮތުމާ ގުޅިގެން، ރައްޔިތުންނާއި ކައުންސިލުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ހަމަނުޖެހުންތަކެއްވެސް ހިނގާފައިވެއެވެ.
ރޭ ބޭއްވުނު ރަސްމިއްޔާތުގައި ކައުންސިލުގެ ފަރާތުން ބިމާ ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަހުމަދު އަސްލަމްއެވެ. މި ބިން ކައުންސިލާ ހަވާލުކުރުމާއެކު، މި ތަނުގެ ކުރިމަގު ރޭވުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



