މަސްތުވާތަކެއްޗާއެކު ކަލައިދޫން މީހަކު ހައްޔަރުކޮށްފި

ލ. ކަލައިދޫން މަސްތުވާތަކެތީގެ މައްސަލައެއްގައި އިސްދޫ މީހަކު ހައްޔަރުކޮށްފިއެވެ. މޮލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ފަރާތަކީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ. އޭނާ ސައިކަލެއްގައި ދަނިކޮށް ހުއްޓުވި ވަގުތު، ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރިއެވެ.
ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުގަނޑެއް ފެނުނެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.64 ގްރާމްކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 12 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި މި މައްސަލަ އިސްދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.
ރިއެކްޓް



