ލާމަރުކަޒީ ގާނޫނަށް ބަދަލު ގެެނެސް ސަރުކާރުން ރާއްޖެ ގެންދަނީ ފަހަތަށް: ރައީސް ސޯލިހު

އެމްޑީޕީ އިން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަށް ބަދަލުކޮށް މި ސަރުކާރުން ރާއްޖެ ގެންދަނީ ފަހަތަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފ. މަގޫދޫ އަށް ކުރާ ދަތުރުގެ ތެރެއިން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، 2019 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން އެ ރަށުގެ ކައުންސިލުގެ ފުދުންތެރިކަން އެތައް ގުނައަކުން އިތުރުވެއްޖެކަމަށެވެ. އެގޮތުން ކައުންސިލުން ރައްޔިތުންނަަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުވެ، ރަށްވެހި ތަރައްގީގެ މަޝްރޫޢުތައް ރަށުގައި މިއަދު ގާއިމު ކޮށްފައިވާކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"ސަރުކާރުން މިކަންކަން ބަދަލުކޮށް ރާއްޖެ ފަހަތަށް ގެންދާ ކަމީ ހިތާމަހުރި ކަމެއް." ރައީސް ސޯލިހު އިތުރަށް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެ ރަށަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުހަބާ ކިޔާފަ އެވެ. އަދި އެ ރަށުގައި ހުންނަވާ ރައީސް ސޯލިހު ވަނީ އެ ރަށު ކައުންސިލުން ހަރަދު ކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުތައް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައެއް އިފްތިތާހުކޮށްދެއްވާފަ އެވެ. މި ޖަލްސާގައި ވާހަކަ ދައްކަމުން ދެން އުފެދޭނީ އެމްޑީޕީގެ ސަރުކާރެއްކަމަށާއި ކައުންސިލްތަކަށް އިހު އޮތް ބާރު އެމްޑީޕީއިން ދޭނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ނުރަސްމީކޮށް އިއުލާންކޮށްފަ އެވެ. ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީ ޕްރައިމަރީގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވާދަކުރައްވާ އިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވާދަކުރައްވާނެ ކަމަށް ބެލެ އެވެ.
ރިއެކްޓް



