ސިޔާސީ , ޚަބަރު

ރައީސް މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުންނަން ނިންމައިފި

ސެޕްޓެމްބަރު 1, 2025 - 23:32
 0
ރައީސް މުޢިއްޒުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުކުންނަން ނިންމައިފި
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް -- ފޮޓޯ: ވިރާސީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ހިޔާނާތްތެރިވަމުންދާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ކުރުމަށް އަންނަ އޮކްޓޫބަރު މަހުގެ 3 ގައި މަގުމަތީޫ ހަރަކާތަށް ނުކުތުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

މިރޭ ބޭއްވުނު އެމްޑީޕީގެ ކުއްލި ޤައުމީ މަޖިލިސް ޖަލްސާގައި މަނަދޫ ދާއިރާގެ ރައީސް މުޙައްމަދު ތޯރިޤު ހުށަހެޅުއްވި ޤަރާރު ޤައުމީ މަޖިލީހުގެ އިއްތިފާގުން ވަަނީ ފާސްކޮށްފައެވެ.

މި ޤަރާރުގައި ސަރުކާރުން ކުރަމުންދާ ވައްކަމާއި ކޮރަޕްޝަން، އަދި ފަސާދައިގެ އިތުރުން ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ހުރަސްއެޅުމާއި، އަދުލު އިންސާފަށް އަތްބޭނުންމާއި ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، ދިވެހިރާއްޖޭގައި ދިރިއުޅުމަކީ ތަކުލީފަކަށް ވަމުންދާއިރު، މި ކަންކަމުގެ މަޢުލޫމާތު ފަތުރަން އޮތް މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

އަދި ޤާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން މަޖިލިސް މެންބަރުންގެ ބާރުތައް ހަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކޮށް ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން، "އާސަންދަ ނިޒާމު މި ސަރުކާރުން ހަލާކުކޮށްލައި، އެންސްޕާ މެދުވެރިކޮށް ވެސް ސިޔާސީ ކަންކަމަށް ޚަރަދުކުރުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް ކޮންމެހެން ލިބެންޖެހޭ ބޭސްފަރުވާގެ ޚިދުމަތްތަކަށް ބުރޫއަރައި، ދިވެހި ރައްޔިތުން ބޭސްފަރުވާއަށް ސަލާންޖަހަން މަޖުބޫރުވެފައިވާ" ކަމަށް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވަނީ ރާއްޖޭގެ އެތެރޭގެ އިޤްތިޞާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ބޭނުންތައް ވެސް ކުރިއަށް އޮތް ތަނުގައި ހަމަނުޖެއްސިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ތޯރިގު ހުށަހެޅުއްވި ޤަރާރަށް އިތުރުކުރައްވާފައެވެ.

އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް މަދުވެ, ސަރުކާރު ޒިންމާދާރު ކުރުވުމުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ނުކުރެވޭކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނަން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0