ދަރަވަންދޫގައި ފުލުހުންގެ މަރުކަޒެއް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި މަރުކަޒުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ މިނިސްޓަރ ޢަލީ އިޙްސާންއެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހްގެ އިތުރުން ދަރަވަންދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދަރަވަންދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ސަރުކާރުން ވަނީ އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މިހާރުވެސް ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވުމުން، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ރިއެކްޓް



