ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ

އޮގަސްޓް 7, 2025 - 21:57
 0
ފުލުހުންގެ ބެލުމުގެދަށުގައި ހުރި ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ
ފޮޓޯ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑޮލަރުތަކަކާއި އެހެނިހެން ގެއްލިފައިވާ ތަކެތީގެ ވެރިފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު އިޢުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދާ ތަކެތީގެ ތެރޭގައި އޮގަސްޓު 3 ވަނަ ދުވަހު ބްރިޖް ހައިވޭ ހަތަރު ލޭން ސަރަހައްދުން ފެނުނު 400 ޑޮލަރު ހިމެނެއެވެ. މި ފައިސާގެ ވެރިފަރާތުން 9400053 ނަންބަރަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރާއެކު މަޢުލޫމާތު ހިއްސާކުރުމަށްފަހު، ކާކުކަން އަންގައިދޭ ލިޔުމަކާއެކު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުން އަންގާފައިވެއެވެ.

މީގެއިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އެހެނިހެން ތަކެތީގެ ތެރޭގައި ޖުލައި 16 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ޓެކްސީއެއްގައި ހަނދާންނެތި ދޫކޮށްލެވުނު ސެމްސަންގ ޓެބްލެޓެއް، އޮގަސްޓް 6 ވަނަ ދުވަހު ޗާންދަނީމަގު ރެޑްބީ ކައިރިން ފެނުނު ކަޅުކުލައިގެ ދަބަހެއް، އަދި އޮގަސްޓް 5 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ފެނުނު 80 ރުފިޔާ ހިމެނެއެވެ.

އަދި ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރެވުނު ފަރާތްތަކުގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި ދަގަނޑުހޮޅި ބިޑި ގޯންޏަކާއި ކުޑަކުދިންގެ ބައިސްކަލެއް ހިމެނެއެވެ. މި ތަކެތި ފެނިފައިވަނީ ޖުލައި 13 އާއި 24 ވަނަ ދުވަހު ކުރެވުނު އޮޕަރޭޝަންތަކުގައެވެ.

 ފުލުހުން ހޯދަމުންދާ އެހެނިހެން ތަކެތީގެ ތެރޭގައި ސެމްސަންގ މޯބައިލް ފޯނެއް، ރޭބަން އަވިއައިނެއް، ވޮލެޓެއް، ކެވެލިކޮޅެއް، އަދި ތަޅުދަނޑިފައްޗަކާއި އިއަރޕޮޑަކާއި ކަޅުކުލައިގެ ކުޑަ ދަބަހެއް ހިމެނެއެވެ. މި ތަކެތީގެ ވެރިފަރާތްތަކުން ފުލުހުންނާ ގުޅައިގެން އެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0