އެމްޑީޕީގެ ކޮންގްރެސް ބާއްވާނީ ކައުންސިލް އިންތިޚާބަށްފަހު

ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަޔާ ޚިލާފު ކޮންގްރެސް އަންނަ އަހަރުގެ އޭޕްރީލް މަހުގައި އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހަށް ފަސްކުރުމަށް ނިންމައިފިވެ.
މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައެވެ.
ކުރިން އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައި އޮތީ މި މަހުގެ 15 ގައި ކޮންގްރެސް ބޭއްވުމަށެވެ. ނަމަވެސް އިއްޔެ ރޭ ބޭއްވުނު ޤައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ މި ތާރީޚު ބަދަލުކުރުމަށް ނިންމާފައެވެ. މީގެ އިތުރުން، ކޮންގްރެސްގައި އެމްޑީޕީގެ ރައީސްގެ މަޤާމާއި ޗެއަރޕާސަންގެ މަޤާމު އެއްކޮށްލައި، އެއް މަޤާމަކަށް ބަދަލުކުރުމަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.
އެމްޑީޕީން އެންމެ ފަހުން އާދަޔާ ޚިލާފު ކޮންގްރެސްއެއް ބާއްވާފައިވަނީ 2022 ވަނަ އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. "އެ ކޮންގްރެސްއަކީ ވަރަށް ކާމިޔާބު ކޮންގްރެސްއެއް" ކަމަށް އެ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ. އެ ކޮންގްރެސްގައި 1,100 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސްއަކީ، އެމްޑީޕީގެ އިސް ވެރިންގެ މެދުގައި ޖެހުނު ހަމަނުޖެހުންތަކަށްފަހު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ބޭއްވޭ ފުރަތަމަ ކޮންގްރެސް އެވެ. އެ ޕާޓީން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ހަތަރު ބޭފުޅަކު ޝައުޤުވެރިކަން ފާޅުކުރައްވާފައިވާތީ، އަންނަ އަހަރުގެ ކޮންގްރެސް އިންތިހާއަށް ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް



