ޚަބަރު

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

އޮގަސްޓް 6, 2025 - 19:21
އޮގަސްޓް 6, 2025 - 19:23
 0
ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ  ފާމަސީއެއް ހުޅުވައިފި

ހުޅުމާލެ ފޭސް 1 ގައި އެސްޓީއޯގެ އައު ފާމަސީއެއް ހުޅުވައި، އިއްޔެ އިން ފެށިގެން ވަނީ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައެވެ. "އެސްޓީއޯ ފާމަސީ ސެންޓްރަލް" ގެ ނަމުގައި ހުޅުވާފައިވާ މި ފާމަސީ ހުރީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތުގައި، މި ފާމަސީ ޤާއިމްކޮށްފައި ވަނީ ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައެވެ. މި ފާމަސީ ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯގެ ސިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ ފާމަސީ ސެންޓްރަލްއިން ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒަރ ފަދަ ތަކެތި ވިއްކުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މިއީ އެސްޓީއޯގެ އެހެނިހެން ފާމަސީތަކެކޭ އެއްފަދައިން، ފުޅާ ދާއިރާއެއްގައި ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ފާމަސީއެކެވެ.

މި ފާމަސީ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށެވެ. އަދި ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ޚިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ.

މި ފާމަސީ ހުޅުވުމާއެކު، ހުޅުމާލޭގެ އާބާދީއަށް އިތުރުވަމުން އަންނަ ބޭނުންތަކަށް އަމާޒުކޮށް، އެސްޓީއޯއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0